ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމާ މެދު ނިއުޒިލެންޑުން ވިސްނަމުން އަންނަ ކަމަށް، އެ ޤައުމުގެ ފޮރިން މިނިސްޓަރު ވިންސްޓަން ޕީޓާސް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ފޮރިން މިނިސްޓަރު ވިދާޅުވެފައި ވަނީ ނިއުޒިލެންޑް އިން އެކަމާ މެދު ވިސްނަމުން އަންނަ ކަމަށެވެ. އަދި ނިއުޒިލެންޑްގެ ބޮޑު ވަޒީރު ކްރިސްޓޮފާ ލަކްސަންގެ ވަޒީރުންގެ މަޖިލީހުން އެ މައްސަލައިގައި ރަސްމީ ނިންމުމެއް ނިންމާނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.
މީގެ އިތުރުން އދ ގެ ލީޑާސް ވީކްގައި ނިއުޒިލެންޑް ސަރުކާރުގެ ނިންމުން ހާމަ ކުރާނެ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވެފައިވެ އެވެ. ނިއުޒިލެންޑާ ގާތް ގުޅުން އޮންނަ ބައެއް ޤައުމު ތަކުން ފާއިތުވި ދުވަސް ތަކުގެ ތެރޭގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައި ވީ ނަމަވެސް، ނިއުޒިލެންޑަކީ މިނިވަން ޚާރިޖީ ސިޔާސަތެއް ގެން ގުޅޭ ޤައުމެއް ކަމަށް ފޮރިން މިނިސްޓަރު ޕީޓާސް ވަނީ ވިދާޅުވެފަ އެވެ.
ފާއިތުވި ދުވަސް ތަކުގެ ތެރޭގައި ނިއުޒިލެންޑާ ގާތް ގުޅުން ތަކެއް އޮަންނަ އިނގިރޭސިވިލާތް، ފްރާންސް އަދި ކެނެޑާ އިން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމައިފަ އެވެ. އަދި ހޯމަ ދުވަހު އޮސްޓްރޭލިއާ އިން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާކަން ހާމަ ކޮށްފަ އެވެ.
ނިއުޒިލެންޑުގެ ފޮރިން މިނިސްޓަރު ޕީޓާސް ވިދާޅުވެފައި ވަނީ، އެ ޤައުމުން އެ މައްސަލަ ވަރަށް ރަނގަޅަށް ދިރާސާ ކުރާނެ ކމަށެވެ. އަދި ނިއުޒިލެންޑުގެ އުސޫލުތަކާއި، އެ ޤައުމުގެ ޤައުމީ މަސްލަހަތަށް ބަލައިގެން އެންމެ ފުރިހަމަ ނިންމުމެއް ނިންމާނެ ކަމަށް ވެސް ފޮރިން މިނިސްޓަރު ޕީޓާސް ވިދާޅުވެފައިވެ އެވެ.
އިތުރަށް ޕީޓާސް ވިދާޅުވެފައި ވަނީ ފަލަސްޠީނުގެ ސަރަހައްދުތައް ދެމެހެއްޓެނިވި އަދި ޝަރުއީ ދައުލަތަކަށް ވުމަށް އެކަށީގެންވާ ކުރިއެރުން ލިބިފައިވޭތޯ ބެލުމަށް ފަހު މެނުވީ، އެ މައްސަލައިގައި ސަރުކާރަށް ގޮތެއް ނުނިންމޭނެ ކަމަށެވެ.
އޭނާ ވިދާޅުވެފައި ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަކީ ނިއުޒިލެންޑް އިން މީގެ ކުރިން ވެސް ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ. އަދި މިހާރު އޮތީ މިނިވަން ދައުލަތް ބަލައި ގަންނާނެތޯ ނުވަތަ ނޫންތޯ ދެކެވޭ ވާހަކަތަކެއް ނޫން ކަމަށާއި، މިހާރު އޮތީ އެކަން ކުރާނީ ކޮން އިރަކުން ކަމުގެ މައްސަލަ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.