ކ. މާލެ
|
19 އޯގަސްޓް 2025 | އަންގާރަ 08:04
ޣައްޒާގައި މަރުވި ސިފައިންގެ މީހެއްގެ ޖަނާޒާގައި އިސްރާއީލުގެ ސިފައިން ރޮނީ - ޖޫން 26، 2025.
ޣައްޒާގައި މަރުވި ސިފައިންގެ މީހެއްގެ ޖަނާޒާގައި އިސްރާއީލުގެ ސިފައިން ރޮނީ - ޖޫން 26، 2025.
އޭއެފްޕީ
ޣައްޒާ ހަނގުރާމަ
އިސްރާއީލަށް ސިފައިންގެ ދަތިކަން ކުރިމަތިވެ، އެމެރިކާ އާއި ފްރާންސް އިން ސިފައިންގެ ޚިދުމަތައް ވަންނާނެ މީހުން ހޯދަނީ
އިސްރާއީލަށް ސިފައިންގެ ބޮޑު ދަތިކަމެއް ކުރިމަތިވެ، ބޭރު ޤައުމުތަކުގައި ދިރިއުޅޭ ޔަހޫދީން ސިފައިންގެ ތެރެއަށް ގެނައުމަށް ވިސްނަމުންދާ އިރު، ޣައްޒާގައި ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ސަބަބުން ސިފައިންގެ ނަފްސާނީ ހާލަތު ގޯސްވެ، އެތައް ބައެއް އަމިއްލައަށް މަރުވުމުގެ ޙާދިސާތައް ވަނީ އިތުރުވެފައެވެ.

ޣައްޒާގެ ގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ބައިވެރިވާނެ ސިފައިންގެ ބޮޑު ދަތިކަމަކާ އިސްރާއީލަށް ކުރިމަތިވެފައިވާ ކަމަށް އެގައުމުގެ އާމީ ރޭޑިއޯ އިން ބުނެފިއެވެ.

މި ދަތިކަމާ ގުޅިގެން، ބޭރު ޤައުމުތަކުގައި ދިރިއުޅޭ ޒުވާން ޔަހޫދީން ސިފައިންގެ ތެރެއަށް ވެއްދުމުގެ ޕްލޭނަކަށް އިސްރާއީލުގެ ސިފައިން ދަނީ ވިސްނަމުންނެވެ.

ހޯމަ ދުވަހު އިސްރާއީލުގެ އާމީ ރޭޑިއޯ އިން ބުނެފައިވާ ގޮތުގައި، މި ހުށަހެޅުމުގެ އަމާޒަކީ ބޭރު ޤައުމުތަކުގައި ދިރިއުޅޭ ބޮޑެތި ޔަހޫދީ އާބާދީ ތަކެވެ. ޚާއްޞަކޮށް އެމެރިކާ އާއި ފަރަންސޭސިވިލާތުގައި ދިރިއުޅޭ ޔަހޫދީންނެވެ. މި ގޮތުން އަހަރަކު ބޭރު ގައުމުތަކުން 700 މީހުން ވެއްދުމަށް ވަނީ އަމާޒު ހިފާފައެވެ.

ސިފައިންގެ މި ދަތިކަމުގެ ސަބަބުން އިސްރާއީލުގެ ހަތިޔާރުއެޅި ބާރުތަކަށް ދިމާވެފައިވާ އެހެނިހެން މައްސަލަތައް އިތުރަށް ބޮޑުވެފައިވެއެވެ. މީގެ ތެރޭގައި އާލާތްތަކުގެ ދަތިކަމާއި، ޣައްޒާ ގައި މަސްތަކެއް ވަންދެން ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ރިޒާވް އަށް ކުރިމަތިވެފައިވާ ބުރަ ހިމެނެއެވެ.

ގިނަ ރިޒާވިސްޓުން ވަނީ ނަސްލު ނައްތާލުމުގެ ހަނގުރާމައާ ގުޅިގެން ނަފްސާނީ މައްސަލަތަކާއި ވަރުބަލިކަން ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

މި ފިޔަވަޅު އަޅަނީ އަސްކަރިއްޔާ ގައި 10،000 އާއި 12،000 އާ ދެމެދުގެ އަދަދެއްގެ ސިފައިންގެ ދަތިކަމެއް ހުރުމާ ގުޅިގެންނެވެ. މި ދަތިކަން ދިމާވެފައި ވަނީ މައިގަނޑު ގޮތެއްގައި އަލްޓްރާ-އޯތޮޑޮކްސް ޔަހޫދީން ނުވަތަ ހަރެދީން ސިފައިންގެ ޚިދުމަތަށް ނުކުތުމަށް އިންކާރު ކުރުމުގެ ސަބަބުންނެވެ.

އިސްރާއީލުގެ 10 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 13 އިންސައްތައަކީ ހަރެދީ ފިރިހެނުންނެވެ. މި މީހުންނަށް ވޭތުވެދިޔަ އެތައް އަހަރެއް ވަންދެން ވަނީ ފުލްޓައިމްކޮށް ޔަހޫދީ ދީނީ ތަޢުލީމު ހާސިލު ކުރުމަށްޓަކައި އިސްރާއީލުގެ ލާޒިމު ސިފައިންގެ ޚިދުމަތުން އިސްތިސްނާ ލިބިފައެވެ.

ނަމަވެސް، 2023 ވަނަ އަހަރު އިސްރާއީލުގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމަކުން މި އިސްތިސްނާތަކަށް ނިމުމެއް ގެނެސްފައިވެއެވެ. ސިފައިންގެ ދަތިކަން އިތުރުވަމުން ދިއުމާއެކު، ސިފައިން ވަނީ އެމީހުން ސިފައިންގެ ޚިދުމަތައް ވެއްދުމަށް އަމުރުތައް ތަންފީޒުކުރަން ފަށާފައެވެ.

ހަރެދީ ލީޑަރުން ވަނީ އިސްރާއީލު ސަރުކާރުން އެމީހުންގެ ދީނީ ޢަޤީދާއަށް އަރައިގަނެ، އެމީހުންގެ ދިރިއުޅުމުގެ ގޮތްތަކަށް ބިރުދައްކާ ކަމަށް ތުހުމަތުކޮށްފައެވެ.

ޖުލައި މަހު، އިސްރާއީލުގެ ދުވަހު ނޫސް "މައާރީވް" އިން ބުނެފައިވާ ގޮތުގައި، އިސްކޮށް ތިބި ކޮމާންޑަރުން ވަނީ ފުރަތަމަ ފަހަރަށް މި ދަތިކަން އޮތް ކަމަށް އިއުތިރާފް ވެފައެވެ. އަދި މި ދަތިކަން ގާތްގަނޑަކަށް 7،500 ސިފައިންގެ މިންވަރަށް އަރާ ކަމަށް އަންދާޒާ ކޮށްފައެވެ.

އިސްރާއީލު ސަރުކާރުން، އެފްރިކާގެ ޤައުމުތަކުން އިސްރާއީލަށް އައިސްފައިވާ ގާތްގަނޑަކަށް 30،000 ހިޖުރަވެރިންނަށް އޮކިއުޕައިޑް ޓެރިޓަރީސް ގައި ދާއިމީ ރެސިޑެންސީ ހޯދައިދޭ ގޮތަށް ހުށަހަޅައި، އެމީހުން ސިފައިންގެ ތެރެއަށް ވެއްދުމަށް މަސައްކަތްކުރާ ކަމަށްވެސް ރިޕޯޓު ކުރެވިފައި ވެއެވެ.

އިސްރާއީލުގެ ސިފައިންގެ ތަޙުޤީޤަކުން ދައްކާގޮތުގައި، ސިފައިންގެ މެދުގައި އަމިއްލަ އަށް މަރުވުމުގެ ޙާލަތްތައް އިތުރުވެފައިވެއެވެ. މި ޙާލަތު ސީދާ ގުޅިފައިވަނީ ޣައްޒާ ގައި ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ކުރިމަތިވެފައިވާ ފުން ނަފްސާނީ ޓްރޯމާ އާއި އިންތިހާ އަށް ދަތި ޙާލަތްތަކާ ގިނަ އަދަދެއްގެ ސިފައިންނަށް ކުރިމަތިލާން ޖެހުމާއެވެ.

މި ހޯދުންތަކުން ދައްކާގޮތުގައި، ގިނަ އަދަދެއްގެ އަމިއްލައަށް މަރުވުމުގެ ޙާލަތްތައް ދިމާވެފައި ވަނީ ދިގު މުއްދަތަކަށް ހަނގުރާމައިގައި ބައިވެރިވުމާއި، ހަނގުރާމަ މައިދާނުގައި ޓްރޯމާ ކުރިމަތިވުމާއި، އަދި އެކުވެރިން މަރުވުމުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ އަސަރުތަކާ ގުޅިގެންނެވެ.

އިސްރާއީލުގެ ސިފައިން އަމިއްލައަށް މަރުވުމުގެ ރިޕޯޓުތަކާއި އެކަމާ ގުޅޭ ޙާލަތްތައް ސެންސަރުކުރަން މަސައްކަތްކުރި ނަމަވެސް، މިފަދަ ޙާލަތްތައް ވަރަށް ބޮޑަށް އިތުރު ވެފައި ވާކަން ދައްކުވައިދޭ ހެކިތައް ދަނީ ފާޅުވަމުންނެވެ. މީޑިއާ ވަސީލަތްތަކުން ބުނާ ގޮތުގައި، އަމިއްލަ އަށް މަރުވުމުގެ ޙާލަތްތަކުގެ އަސްލު އަދަދު ރިޕޯޓު ކުރެވިފައިވާ އަދަދަށް ވުރެ މާ ބޮޑުވެދާނެއެވެ.

ރިޕޯޓު ތަކުން ދައްކާ ގޮތުގައި، މި ކަމުގެ ނުރައްކާތެރިކަން ފޮރުވުމަށް ޓަކައި، މިފަދަ ބައެއް ސިފައިން ވަޅުލަމުން ގެންގޮސްފައި ވަނީ ސިފައިންގެ ރަސްމީ ޖަނާޒާ ބޭއްވުމެއް ނެތި ނުވަތަ ޢާންމު އިޢުލާނެއް ކުރުމަކާ ނުލައެވެ.

ފާއިތުވި މަސްތަކުގައި، މީހުންގެ ދަތިކަން އިތުރުވަމުން ދިއުމާ ގުޅިގެން، އިސްރާއީލުގެ ސިފައިން ވަނީ ޕޯސްޓް-ޓްރޯމެޓިކް ސްޓްރެސް ޑިސޯޑަރ (ޕީ.ޓީ.އެސް.ޑީ) އާ ދެކޮޅަށް ފަރުވާ ހޯދާފައިވާ ސިފައިން އަނބުރާ ގެނެސްފައެވެ.

މި ރިޕޯޓުތަކުން ހާމަ ކޮށްދެނީ އިސްރާއީލުގެ ސިފައިންގެ ތެރޭގައި އޮތް ފުން ނަފްސާނީ ޞިއްޙަތުގެ ހާލަތެކެވެ. މި ރިޕޯޓުތަކުން ދައްކާގޮތުގައި އެތައް ހާސް ސިފައިން ވަނީ ސިފައިންގެ ނަފްސާނީ ޞިއްޙަތުގެ ކްލިނިކްތަކުން ނުވަތަ މައިދާނުގައި ތިބޭ ނަފްސާނީ ޑޮކްޓަރުންގެ އެހީތެރިކަން ހޯދާފައެވެ.

އިސްރާއީލުން ޣައްޒާ ގައި ކުރަމުންދާ ހަނގުރާމަ 22 ވަނަ މަހަށް ވަދެފައިވާއިރު، ގިނަ އަދަދެއްގެ ސިފައިން ވަނީ ހަނގުރާމައިގެ ޓްރޯމާ، ޢާއިލީ މައްސަލަތައް އަދި ނަފްސާނީ ނުތަނަވަސްކަން ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

ހަމާސްގެ ސިފައިންގެ ބާރު ކަމުގައިވާ ޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ ޢުބައިދާ ވަނީ އިސްރާއީލުން "ނައްތާލުމުގެ ހަނގުރާމަ" ކުރިއަށް ގެންދިއުމަށް ނިންމައިފިނަމަ، އެމީހުންގެ ސިފައިންނާއި އޮފިސަރުންގެ ޖަނާޒާތައް އިތުރުވެގެންދާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

- ކޮމެންޓް