ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން މަގުމައްޗަށް ނުކުތުމަށް މިސަރުކާރުން މަޖުބޫރުކޮށްފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވިދާޅުވެއްޖެއެވެ.
ގާނޫނު އަސާސީގެ ދިފާއުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ރާއްޖެއެމްވީއަށް މެންބަރު ސަމީރު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން ތަމްސީލުކުރާ ބައެއް ކަމަށާއި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ މެންބަރުން ކަމަށެވެ. އަދި މެންބަރުން ހަމައެކަނި ތަމްސީލުކުރަމުންދަނީ ޕާޓީ ނޫން ކަމަށް މެންބަރު ސަމީރު ވިދާޅުވިއެވެ.
ގާނޫނު އަސާސީ ދިފާއު ކުރުމަށް މަގުމައްޗަށް ނުކުތުމަށް މިސަރުކާރުން މަޖުބޫރުކޮށްފައިވާކަން ފާހަގަކުރައްވައި މެންބަރު ސަމީރު ވިދާޅުވީ ގާނޫނު އަސާސީ ފުޑާލުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށާއި، ގާނޫނު އަސާސީގެ ހައްގުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރާ ހުރިހާ މެންބަރުން މުޅި ރާއްޖޭ މަސްހަލަތު އިސްކުރަންޖެހޭ ކަމަށެވެ.
އަޅުގަނޑު މަޖިލީހުގެ ގޮނޑިއަށް ހޮވިފައި މިހުރީ ހަމައެކަނި އެމްޑީޕީ މީހުން ވޯޓުލައިގެން ނޫން. އަޅުގަނޑަށް ވޯޓު ލެއްވި އަޅުގަނޑަށް ޔަގީން ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ވޯޓު ދިން އެތައް ބަޔަކު ވޯޓު ދިން. އެހެންނަމަވެސް މިހާލަތަށް ކަންތައް ދިޔާމަ އަޅުގަނޑުމެންނަށް އެބަ މަޖުބޫރުވޭ މަގުމައްޗަށް ނުކުމެ މިއިސްލާހުތައް ގެންނަން. މަޖުބޫރު އެބަ ވޭ ގާނޫނު އަސާސީގެ ދިފާއުގައި މަގުމައްޗަށް ނުކުންނަން. އަޅުގަނޑު އެދެން ދިވެހި ހުރިހާ ރައްޔިތުންގެ ކިބައިން އަޅުގަނޑުމެންގެ ދަރިންނާއި، ދަރިންގެ ދަރިންނަށްޓަކައި މިއަދު މަގު މައްޗަށް ނުކުމެ އިހުތިޖާޖުކުރަން. ގާނޫނު އަސާސީ ފުޑާލިޔަސް ނުދީ ކުރެވުނު ހުރިހާ މަސައްކަތްތަކެއް ކުރާނަން. މީގައި އެބަހުރި ވަރަށް ބޮޑެތި ވަރަށް ގިނަ ކަންބޮޑުވުންތައް އެބަހުރި. އަޅުގަނޑު ވެސް ގަބޫލުކުރަން ޕާޓީ ބަދަލުކޮށްފިނަމަ އެބަޖެހޭ އެކަންކަމާ ފިޔަވަޅުތަކެއް އަޅަން. މަޖިލީހަށް ހޮވުމަށްފަހު އަޅުގަނޑުމެންނަކީ ވަކި ޕާޓީއެއް ރިޕްރެޒެންޓިވް ކުރާ ބައެއް ނޫން. އޭގެތެރޭގައި އެބަ ހިމެނޭ ދާއިރާގެ ހުރިހާ ރައްޔިތުންގެ މަސްލަހަތު.ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު
މެންބަރު ސަމީރު ވިދާޅުވީ ޕާޓީން މަޖިލީހަށް އިންތިޚާބުވާ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ، އެކަމާމެދު ފިޔަވަޅުތަކެއް އެޅެންޖެހޭ ކަމަށާއި، ނަމަވެސް ގިނަ ބައެއްގެ ހައްގުތައް ގެއްލިގެން ނުވާނެ ކަމަށެވެ. އަދި މިއަށް ވުރެ ހަރުދަނާ އުސޫލުތަކާއި، ފިޔަވަޅުތައް އެޅޭނެ ކަމަށް ގަބޫލުކުރާ ކަމަށް މެންބަރު ސަމީރު ވިދާޅުވިއެވެ.