މާލެސިޓީގައި ވެހިކަލް ރަޖިސްޓްރީ ނުކޮށްދޭ ކަމަށް އާއްމު ރައްޔިތުން ބުނި ނަމަވެސް ވެހިކަލްތައް ރަޖިސްޓްރީ ކޮށްދެމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރައްޔިތުން މަޖިލީހުގައި މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ވަނީ އާއްމު ރައްޔިތުންނަށް މާލެސިޓީގައި ކާރު ރަޖިސްޓްރީ ނުކުރެވޭ މައްސަލައަށް އިޝާރާތް ކުރައްވައި ސުވާލުތަކެއް ކުރައްވާފައެވެ.
އެ ސުވާލުތަކަށް މިނިސްޓަރު އަމީން ވިދާޅުވީ މިހާރުގެ ގާނޫނުގެ ތެރެއިން ރަޖިސްޓްރީ ކުރަން ހުށަހަޅާ އެއްވެސް ވެހިކަލެއް ރަޖިސްޓްރީ ނުކޮށްދީ ނޯންނާނެ ކަމަށާއި، އެކަން ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.
ރަޖިސްޓްރީ ނުކުރެވިފައި ހުރި ބައިވަރު ވެހިކަލްތަކެއް މާލޭ ސަރަހައްދުގައި ހުރިކަން ތި ފާހަގަކުރެއްވީ. އަޅުގަނޑު ހަމަ އިއްޒަތްތެރި ހުރިހާ މެންބަރުންނަށް ޔަގީންކަން އަރުވަން ގާނޫނުގައި ކަނޑައެޅިފައި އޮތް ގޮތަށް ހެދިފައިހުރި ގަވާއިދުތަކުގެ ތެރެއިން އެއްވެސް ވެހިކަލެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފިއްޔާ ރަޖިސްޓްރީ ނުކޮށްދީ ނޯންނާނެ.
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން![]()
ޓެކްސީ ލައިނަށް އިޝާރާތް ކުރައްވައި މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުން ނިންމާފައި އޮތީ އިލެކްޓްރިކަލް ވެހިކަލް ޓެކްސީ ލައިނެއް އުފެއްދުމަށް ކަމަށާއި، މިއީ ރާއްޖޭގައި މުޅިން އަލަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. މުޅި މަޝްރޫއު ހިމެނިގެން ދަނީ ކާރަށް ނޫން ކަމަށާއި، މިމަޝްރޫއު ފުޅާވާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ޓެކްސީ ލައިން އުފެއްދުމުގައި ޓެކްސީ ލައިނެއް އުފައްދާއިރުގައި ސަރުކާރުން ނިންމާފައި މިއޮތީ އިލެކްޓްރިކަލް ވެހިކަލް ޓެކްސީ ލައިނެއް އެނގޭތޯ. މިއީ ރާއްޖެއަށް އައު ކަމެއް. އެހެންވީމަ މީގައި ހިމެނިގެން މިދަނީ ހަމައެކަނި ޓެކްސީ ކާރުތަކެއް ނޫން. ތިން ސައިޒެއްގެ ކާރެއް ނޫން. އެއީ ޗާޖިން ސްޓޭޝަންއާއި، ހަމަ އިއްޒަތްތެރި މެންބަރު ދެންމެ ފާހަގަކުރެވިއްހެން މާލޭގެ ޕާކިންގެ މައްސަލަ ހުރިއްޔާ މިއެއްޗެހީގެ މެއިންޓަނެންސް ޕާކު ކުރާނެތަނާއި، ވާޓިކަލް ޕާކިން ހެދުމާއި، މިހާރު އޮންނާނީ ޕާކިން ގަވާއިދު ވެސް ވަރަށް ފަސޭހަކޮށް 17 ވަރަކަށް އަހަރުވީ ގަވާއިދެއް އޮތީ މިހާރު އޮންނާނީ ގެޒެޓްކޮށްފައި. އެއީ ބޭސްމަންޓުގައި ޕާކު ކުރެވޭ ގޮތަށް ވާޓިކަލް ޕާކިން އަށް ޖާގަ ދީފައި އޮންނާނީ. ވުމާއެކު މުޅި ޕްރޮޖެކްޓް ހިމެނިގެން މިދަނީ ކާރަކަށް ނޫން. އެހެންވީމަ ސީދާ މިވަގުތު އަދި އާރްއެފްޕީ ޕްރޮސަސްއާ މި ޕްރޮޕޯސަލް ހުށަހަޅައިގެން އެ ކަންތައް ކުރިއަށްދާތީ ސީދާ އަދަދު މިވަގުތު ދަންނަވަން ދަތި އިނގޭތޯ.
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން![]()
ޓެކްސީ ލިބުމުގައި ހުރި ދަތިތައް ފާހަގަކުރައްވައި މިނިސްޓަރު އަމީން ވިދާޅުވީ މިނިސްޓްރީގެ ހޯދުންތަކަށް ބަލާއިރު، މާލޭގައި ޓެކްސީ މަދު ނޫން ކަމަށެވެ. މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީ ޚިދުމަތްދޭ މީހުން އެ ޚިދުމަތް ދޭ ބޭނުންވަނީ އެމީހުން ބޭނުންވާ ދުވަހެއްގައި، ބޭނުންވާ ވަގުތެއްގައި ކަމަށްވާތީ ކަސްޓަމަރުން ބޭނުންވާ ވަގުތުތަކުގައި ޚިދުމަތް ނުލިބި، ދަތިއުދަނގޫތަކެއް ކުރިމަތިވާ ކަމަށެވެ.
ނަމަވެސް ރައްޔިތުންނަށް މިފަދަ ޚިދުމަތެއް ދިނުމަށް ޑިސިޕްލިންއެއް ހިފަހައްޓަންޖެހޭ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ މާލޭގެ މަގުތަކުގައި ވެސް ދަތިކަމެއް އެބަހުރި ކަމަށާއި، ޕާކިން ޖާގައަށް ވެސް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
މިނިސްޓަރު އަމީން މިމޭރުން ވާހަކަ ދެއްކެވި ނަމަވެސް މާލޭއަށް އެތެރެކޮށްފައިވާ ގިނަ ކާރުތައް ރަޖިސްޓްރީ ކޮށްނުދީ ހިފަހައްޓާފައިވާ ކަމަށް ބައެއް ޓެކްސީ ޑްރައިވަރުން ދަނީ ބުނަމުންނެވެ.
އެސްއެމްއީ ލޯނުތަކަށް ގެނެސްފައިވާ ކާރުތަކާއި އަދި މިހާރުވެސް މާލެ އެތެރެކުރެވިފައިވާ ކާރުތައް ރީ ރަޖިސްޓްރީ ނުކޮށް އިތުރު ކާރުތައް ގެނެސް ރަޖިސްޓްރީކޮށްދޭ ކަމަށާއި، އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ބުނެފައިވެއެވެ. ކުރީ ސަރުކާރުން "ޓެކްސީ ނަފާގެ" ލޯނުގެ ދަށުން ސްކީމެއް ހުޅުވާލި ކަމަށާއި، ނަމަވެސް މި ސަރުކާރު އިންތިޚާބު ވުމަށްފަހު، މަޖިލިސް އިންތިޚާބާ ދިމާކޮށް އެ ލޯނަށްވާ ފައިސާ ޖަމާކޮށް، މިއަދު އެ ކާރުތައް ގެނެސް އެހުރީ މާލޭގައި ކަަމަށެވެ. އަދި ކާރުތައް ބޭނުންނުކުރެވި، ލޯނަށް ފައިސާ ދައްކަން ޖެހިފައިވާ ކަމަށް ޑްރައިވަރުން ދަނީ ބުނަމުންނެވެ.
މި ސަރުކާރުން ޓެކްސީ ޑްރައިވަރު މަގުމަތިކޮށްފައިވާ ކަމަށް ބުނެ، ޓެކްސީ ޑްރައިވަރުން ވަނީ މިނިސްޓަރު އަމީންގެ އިސްތިއުފާއަށް ގޮވާލާ ސިލްސިލާ މުޒާހަރާތަކެއް ވެސް ކޮށްފައެވެ.