ކ. މާލެ
|
13 ނޮވެންބަރ 2024 | ބުދަ 10:45
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 30 ވަނަ ޖަލްސާ
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 30 ވަނަ ޖަލްސާ
މަޖިލިސް
ބަޖެޓް ބަހުސް
ބަޖެޓް ބަހުސް މިރޭ 11 ޖަހަންދެން ކުރިއަށްގެންދަން ފާސްކޮށްފި
މާދަމާވެސް ބަޖެޓުގެ ބަހުސްގައި ބައިވެރިވާ މެންބަރުންނަށް ފުރުސަތުދީ ނިމެންދެން ޖަލްސާ ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައި
ބަހުސް ނިމެންދެން ޖަލްސާ ކުރިއަށްގެންދަން ފާސްކުރީ 52 މެންބަރުންގެ އަގުލަބިއްޔަތުން

ބަޖެޓް ބަހުސް މިރޭ 11 ޖަހަންދެން ކުރިއަށްގެންދަން ފާސްކޮށްފިއެވެ.

ބަޖެޓް ބަހުސް މިރޭ 11 ޖަހަންދެން ކުރިއަށް ގެންދިއުމާއި، ބަޖެޓުގެ ބަހުސް ނިމެންދެން މާދަމާވެސް ޖަލްސާ ބޭއްވުމަށް ހުށަހެޅުއްވީ ރިޔާސަތުންނެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ބަޖެޓުގެ ބަހުސް ކުރިއަށް ގެންދިއުމަށްޓަކައި މިއަދާއި މާދަމާގެ ޖަލްސާގެ ވަގުތު އިތުރުުކުރައްވާނެ ކަމަށެވެ. އެގޮތަށް ރިޔާސަތުން ވޯޓަށް އަހާފައިވަނީ، 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރެއްވުމަށް މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކުމަށް އެދިވަަޑައިގަންނަވާ ހުރިހާ މެންބަރުން ވާހަކަ ދައްކަވާ ނިމެންދެން އަދި ހުސް ވަގުތުކޮޅަށްވެސް ތަންދެމުން ޖަލްސާގެ ވަގުތު ރޭގަނޑު 11 އާއި ހަމައަށް އިތުރުކުރުމަށެވެ. އަދި މާދަމާގެ ޖަލްސާގައި ވާހަކަދެއްކުމަށް އެދިފައިވާ މެންބަރުންނަށް ވާހަކަ ދެއްކުމަށް ފުރުސަތު ދެވެންދެން ހުސްވަގުުތުކޮޅަށް ވެސް ތަންދެވޭ ގޮތަށް ޖަލްސާ ވަގުތު އިތުރުކުރުމަށެވެ.

ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުން ވަގުތު އިތުރުކުރުމަށް ވަނީ ފާސްކޮށްފައެވެ.

ބަޖެޓުގެ ތަފްސީލް ދިނުމަކާއި ނުލާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް، ރައްޔިތުންގެ މަޖިލިހުގައި ފަށާފައިވަނީ އަންގާރަ ދުވަހުއެވެ. ބަޖެޓުން ހަރަދުކުރާ ގޮތުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ހިއްސާކޮށްފައި ނުވުމުގެ އިތުރުންބަޖެޓު.ގޮވް.އެމްވީއިން ބަޖެޓުގެ މައި ފޮތަށް ވެސް ނުވަދެވޭކަން ފާހަގަކޮށްލެވެއެވެ.

އަންނަ އަހަރުގެ ބަޖެޓަކީ 56,647,600,859 (ފަންސާސް ހަ ބިލިޔަން، ހަސަތޭކަ ސާޅީސް ހަތް މިލިޔަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާއެވެ.

ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާއެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓު ޕްރޮގްރާމް، ޕީއެސްއައިޕީއަށް ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 12.4 ބިލިޔަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އަންނަ އަހަރަށް ހުށަހަޅަނީ 9.4 ބިލިއަން ރުފިޔާ ޑެފިސިޓް ބަޖެޓެކެވެ.

- ކޮމެންޓް