މަޝްރޫޢުތައް ނުނިންމާ ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ތޮބީއަތުގައި ހުރި ކަމެއް ކަމަށާއި ވެރިކަމަށް އައުމުން އެ ސިފަ ވީ އިތުރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒު މީގެ ކުރިން ވަޒީރަކަށް ހުންނެވި އިރު ވެސް މަޝްރޫޢުތައް ނުނިންމާ ދިގު ދަންމާކަން ފާހަގަކުރެވިފައިވާ ކަަމަށެވެ. ހަމައެހެންމެ ނިމިފައި ހުރި މަޝްރޫޢުތައް ހުޅުވާ، ހިންގުން ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާ ދިގުދެންމުމަކީ ވެސް ރައީސް މުއިއްޒު ވަޒީރަކަށް ހުންނެވި އިރު ފާހަގަވި ކަމެއް ކަމަށް ޒިޔާދު ވިދާޅުވި އެވެ. މިހާރު ރައީސް މުއިއްޒު ހުންނެވީ ވެރިކަމުގައި ކަމަށް ވުމާއި އެކު އެކަން އިތުރު ވެފައިވާ މަންޒަރު ފެންނަ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.
"ވަޒީރަކަށް ހުންނެވި އިރު ވެސް ހުންނާނެ ކުޅުދުއްފުށީގައި ނިންމާފައި ހުރި ރޯހައުސްތައް ވެސް. ވަޒީރަކަށް ހުންނެވި އިރު ގުޅީފަޅުގައި ހުރި ފްލެޓްތައް މީހުން ދިރިއުޅެން އެކަށީގެން ނުވާ ކަމަށް ބުނެ ބެހެއްޓީ. ހަމަ އެހެންމެ ވަޒީރުކަމުގައި ކިތަންމެ މަޝްރޫޢު އެއް ހުރި. އާދަ މަތިން ބެހެއްޓެނީ. މިހެން ހުރި މަސައްކަތްތައް ނިންމާ ނަމަ ރަނގަޅު. ނިންމާފައި ހުރި ތަންތަން ހަވާލު ނުކުރޭ. ނޫނީ ކުދި ކުދި ކަންކަން ނިންމަން ހުރި ތަންތަން ވެސް ނުނިމޭ." ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވަނީ 2025 ވަނަ އަހަރު ބަޖެޓްގައި ހިމަނާފައިވާ ކަންކަން ނުކޮށް އަހަރު ނިމިގެންދާ ކަމަށް ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފަ އެވެ. އެގޮތުން ދައުލަތުގެ ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ 2025 ވަނަ އަހަރަށް ބަޖެޓް ކުރި ކަމަކަށް ވީ ނަމަވެސް އެކަމަށް އަމަލީ ސިފައެއް އަންނަނީ މި ނޮވެމްބަރު މަހު ކަމަށް ޒިޔާދު ވިދާޅުވި އެވެ. އެހެންކަމުން ބަޖެޓުގައި ހިމަނާފައިވާ ކަންކަމަށް ޚަރަދު ނުކޮށް ބަޖެޓް ހުސްވާ ގޮތާއި މެދު އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.