ކ. މާލެ
|
2 ނޮވެންބަރ 2025 | އާދީއްތަ 17:49
2026 ގެ ބަޖެޓުން އަސްކަރީ ހަރަދަށް 2.8 ބިލިއަން ރުފިޔާ
2026 ގެ ބަޖެޓުން އަސްކަރީ ހަރަދަށް 2.8 ބިލިއަން ރުފިޔާ
ރާއްޖެއެމްވީ
އަސްކަރިއްޔާ
2026 ގެ ބަޖެޓުން އަސްކަރީ ހަރަދަށް 2.8 ބިލިއަން ރުފިޔާ
2026 ވަނަ އަހަރުގެ ބަޖެޓުގައި އަސްކަރީ ދިފާއަށް 2.8 ބިލިއަން ރުފިޔާ ހަރަދުކުރަން ލަފާކޮށްފައިވާއިރު މިއީ މި އަހަރަށްވުރެ 456 މިލިއަން ރުފިޔާ އިތުރު އަދަދެއް
ރައީސް މުއިއްޒުގެ ވެރިކަމުގައި އަސްކަރިއްޔާއަށް ޑްރޯންތަކާއި ޓޭންކަރުތައް އަދި މަނަވަރު ދުއްވުމަށް ބޮޑެތި ހަރަދުތަކެއް ދަނީ ކުރަމުން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖުމްލަ ބަޖެޓުން 2.87 ބިލިއަން ރުފިޔާ އަސްކަރީ ކަންކަމަށް ހަރަދުކުރަން ބަޖެޓުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

2026 ވަނަ އަހަރުގެ ބަޖެޓުގައި އަސްކަރީ ދިފާއަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާއެވެ. މިއީ މި އަހަރުގެ ބަޖެޓަށްވުރެ 456 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި ބޮޑު އަދަދުގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބަޖެޓާއި ދިފާއީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުން ހަރަދުކުރާ ފައިސާ ހިމެނެ އެވެ.

ޕީއެސްއައިޕީ ބަޖެޓުން ދިފާއީ ކަންކަމަށް ހަރަދުކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވަނީ 247 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ދިފާއީ ކަންކަމަށް ހަރަދުވާނެ ކަމަށް ހިމަނާފައިވާ 85 މިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ވަރުގެ އިތުރުވުމެކެވެ. މިއިން އެނގޭގޮތުގައި ދިފާއީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ސަރުކާރުން ބޮޑެތި ޕްރޮޖެކްޓްތަކެއް ރާވަމުންދާކަން ހާމަވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އަސްކަރިއްޔާއަށް ބޮޑެތި ހަރަދުތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އަސްކަރިއްޔާއަށް ގަނެފައިވާ ޑްރޯންތަކާއި ޓޭންކަރުތައް އަދި ތުރުކީން ހަދިޔާކުރި މަނަވަރު ދުއްވުމަށް ދާ ހަރަދުތައް ހިމެނެއެވެ. މި ހަރަދުތަކުގެ ސަބަބުން އަސްކަރީ ބަޖެޓު އިތުރުވަމުންދާކަން ބަޖެޓު ތަފާސްހިސާބުތަކުން ހާމަވެ އެވެ.

އެމްއެންޑީއެފްގެ ބަޖެޓަށް ބަލާއިރު މި އަހަރަށްވުރެ މަދުން ހިމަނާފައިވަނީ އެގްޒެކެޓިވް އަދި އިދާރީ ހިދުމަތްތަކަށް ދާނެ ކަމަށް ލަފާކުރާ ހަރަދާއި ފަންކްޝަނަލް ކޮމާންޑްސްގެ ހަރަދެވެ. ނަމަވެސް ދެން ހުރި ހުރިހާ ކަމަކަށް ވެސް މި އަހަރަށްވުރެ އަންނަ އަހަރަށް ލަފާކުރާ ހަރަދު ބޮޑުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

އެމްއެންޑީއެފްގެ ބަޖެޓު ބެހިފައިވާ ގޮތަށް ބަލާއިރު، އެގްޒެކެޓިވް އަދި އިދާރީ ހިދުމަތްތަކަށް 377 މިލިއަން ރުފިޔާ ހިމަނާފައިވާއިރު މި އަހަރު މި ކަމަށް ހަރަދުކުރަން ލަފާކުރީ 440 މިލިއަން ރުފިޔާއެވެ. ކޮމްބެޓް އެންޑް މެނޫވާ ފޯސަސްއަށް 910 މިލިއަން ރުފިޔާ ހިމަނާފައިވާއިރު މި އަހަރު މި ކަމަށް ހަރަދުކުރަން ލަފާކުރީ 769 މިލިއަން ރުފިޔާ އެވެ.

2025 ގެ ބަޖެޓުން 1.8 ބިލިއަަން ރުފިޔާ (90 މިލިއަން ޑޮލަރު) ހަރަދުކޮށްގެން ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އަނެއްކާވެސް 3 ޑްރޯން ގެނެސްފަ އެވެ. ތުރުކީގެ ބައިކާރު ކުންފުންޏާއެކު 37 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދައިގެން ފުރަތަމަ އަސްކަރީ ޑްރޯންތަކެއް ގެނައީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އޭގެ އިތުރުން ވެސް ތުރުކީ އިން ރާއްޖެ އަށް ޒަމާންތަކެއް ވަނދެން ބޭނުންކޮށްފައިވާ މަނަވަރެއް ވެސް ވަނީ ހަދިޔާ ކޮށްފަ އެވެ.

މި ސަރުކާރުން 2 ފަހަރެއްގެ މަތިން ނުއަގުގައި ޑްރޯންތަކެއް ގެނެސްފައިވާއިރު މިހާތަނަށް ޑްރޯން ގެނައި އަދަދު އެނގިފައެއް ނުވެ އެވެ. ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަވެސް ޑްރޯންތައް ގެނެސްފައި ވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ކަމަށް އިދިކޮޅުފަރާތްތަކުން ބުނެފައިވެ އެވެ. އަދި ދުނިޔޭގެ ބާޒާރުގައި ޑްރޯން ވިއްކަން ހުރި އަގަށް ވުރެ ބޮޑުކޮށް ޑްރޯންތައް ގަނެފައި ވަނީ ޕީއެންސީގެ މެމްބަރުންގެ މަޖްލިސް ކެމްޕެއިނަށް ފައިސާ ހޯދުމަށްކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

- ކޮމެންޓް