ކ. މާލެ
|
2 ނޮވެންބަރ 2025 | އާދީއްތަ 19:21
ޑރ. ޝަމްހީދު ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ.
ޑރ. ޝަމްހީދު ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ.
ރާއްޖެއެމްވީ
ޑރ. އަހްމަދު ޝަމްހީދު
"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"
2025 ގެ ބަޖެޓް މަޖިލީހުން ފާސްކުރި ގޮތާއި ޚިލާފަށް ބޭނުންކޮށް ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރާތަން ނުފެނޭ
ބަޖެޓުން މަޝްރޫޢުތަކަށް ވަކިވަކިން ކަނޑައެޅި ތަފްސީލެއް ނެތް، އެކަމަކު މަޝްރޫޢުތައް ހަވާލުކޮށް ސޮއިކުރުން ކުރިއަށްދޭ
ޕީއެސްއައިޕީ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ވެސް ޢަމަލުކުރީ ރަނގަޅަށް ނޫން ކަމަށް ޑރ.ޝަމްހީދު ވަނީ ވިދާޅުވެފަ

މި ސަރުކާރުން ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓްކުރީ ކުންފުނިތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ޝަމްހީދު އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ޝަމްހީދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓާއި އެކު ހުށަހަޅާފައިވާ ކަންކަމަށް ބެލުމުން މި އަހަރުގެ ބަޖެޓް ހޭދަކުރީ ރަނގަޅަށް ނޫންކަން ހާމަވާ ކަމަށެވެ.

2025ގެ ބަޖެޓު ބޭނުން ކުރީ މަޖިލީހުން އެ ބަޖެޓް ފާސްކުރި ގޮތާއި ޚިލާފަށް ކަމަށާއި އެއީ އޮޅުވާލައިގެން ކުރި ކަމެއް ކަމަށް ޝަމްހީދު ވިދާޅުވި އެވެ. މީގެ އިތުރުން އަންނަ އަހަރާއި މިއަހަރަށް ވެސް ވެފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރާތަން ބަޖެޓަށް ބެލުމުން ނުފެންނަ ކަމަށް ޑރ.ޝަމްހީދު ވިދާޅުވި އެވެ.

2025 ވަނަ އަހަރުގެ ޚަރަދުތަކުގެ ތަފްސީލްތަކުގެ ތެރެއިން ކުރިން ބަޖެޓުން ނުފެންނަ އަދަދުތައް ފެންނަން ހުރި ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ. އެގޮތުން އެމްޓީސީސީ އަށް ޓެކްސީ ގަންނަން 15 މިލިއަން ދީފައިވާ ކަމަށް ބަޖެޓުގައި ބުނެފައިވެ އެވެ.

"އާރްޑީސީ ހިންގަން 340 މިލިއަން ބަޖެޓުން ބޭރުން ހޭދަކުރާ ކަމަށް އެބަ ބުނޭ. ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓްކުރީ ކުންފުނިތަކަށް. މި ހުރިހާ ކަމެއްގެ ތެރެއިން ލިބޭނެ ކަމަށް ބުނި އާމްދަނީގެ ތެރެއިން 2 ބިލިއަން ނުލިބޭ." އޭނާ ވިދާޅުވި އެވެ.

2025 ވަނަ އަހަރު ބަޖެޓް ހޭދަކުރާނެ ކަމަށް ބުނި ގޮތާއި ބަޖެޓް ޚަރަދު ކުރި ގޮތާއި ދިމާނުވާކަން ޑރ.ޝަމްހީދު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން މަޝްރޫޢުތައް ހަވާލު ކުރި ނަމަވެސް ބަޖެޓުގައި ހިމެނޭ އަދަތުތަކާއި މަޝްރޫޢުތައް ދެމުންދާ ގޮތާއި ދިމާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޝްރޫޢުތަކުގެ ސޮއިކުރުން ކުރިއަށް އެބަދޭ، ބަޖެޓަކުން ނުފެނޭ. އެއީ ކީއްވެ ކަމެއް ބުނެ އެއް ނުދެވޭ. ބަޖެޓަށް ބަލާ އިރު މި އަހަރެކޭ ވެސް އެއް ފަދައިން ޖުމްލަ އަދަދެއް ފެންނަނީ، ވަކި ވަކި ކަންކަމަށް ކަނޑައަޅާ މިންވަރުގެ ތަފްސީލެއް ނެތް ފެންނާކަށް." އޭނާ ވިދާޅުވި އެވެ.

ޑރ.ޝަމްހީދު ވަނީ 2025 ވަނަ އަހަރު ބަޖެޓުން ކުންފުނިތަކަށް ހޭދަކުރި ގޮތަށް ފާޑު ވިދާޅުވެފަ އެވެ. މީގެ އިތުރުން މި ސަރުކާރުން ޕީއެސްއައިޕީ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ވެސް ޢަމަލުކުރީ ރަނގަޅަށް ނޫން ކަމަށް ޑރ.ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ.

- ކޮމެންޓް