ކ. މާލެ
|
13 އޮކްޓޯބަރ 2024 | އާދީއްތަ 13:07
ލާމަރުކަޒި ގުޅުން ކޮންފަރެންސްގެ ތެރެއިން
ލާމަރުކަޒި ގުޅުން ކޮންފަރެންސްގެ ތެރެއިން
އެމްޑީޕީ
ލާމަރުކަޒީ ގުޅުން ކޮންފަރެންސް
ކައުންސިލްތަކާއި މެދު މި ސަރުކާރުން އަމަލުކުރަނީ ކުރީ ސަރުކާރާއި މެދު އަމަލު ކުރި ފޮތުން، އުޅެނީ އިތުބާރު ގެއްލުވާލަން
ކައުންސިލްތަކަކީ ބޭކާރު ޚަރަދެއް ކަމަށާއި ކައުންސިލަރުން އެއީ ކޮރަޕްޓްބައެއް ކަމަށް ދެއްކުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި
އެމްއެންޔޫ މެދުވެރިކޮށް ލާމަރުކަޒީ ނިޒާމާއި މެދު ހެދި ދިރާސާއަކީ ވެސް ކައުންސިލްތަކުގެ އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ސަރުކާރުން ކުރިކަމެއް ކަމަށް ފައްޔާޒް ވިދާޅުވި

ކައުންސިލްތަކާއި މެދު މި ސަރުކާރުން އަމަލުކުރަނީ ކުރީ ސަރުކާރާއި މެދު އަމަލު ކުރި ފޮތުން ކަމަށާއި ސަރުކާރުން އުޅެނީ ކައުންސިލްތަކުގެ އިތުބާރު ގެއްލުވާލަންކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެފަދައިން ވިދާޅުވީ އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރާއި ދެކޮޅަށް މި ސަރުކާރުގެ އިސް ވެރިން އެންމެ ބޮޑަށް ދެއްކި ވާހަަކައަކީ ކަންކަން ނުކުރެވޭ ވާހަކަ އާއި ސްލޯ (ލަސް) ވާހަކަ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ. ނަމަވެސް އެ ވާހަކަތައް ދެކެވިފައި ވަނީ ސަރުކާރަށް ކަންކަން ނުކުރެވޭތީ ނޫން ކަމަށާއި އެއީ އޭރު އިދިކޮޅު ފަރާތްތަކުން ރައީސް ޞާލިހުގެ ސަރުކާރުގެ އިތުބާރު ނަގާލުމަށް ދެއްކި ވާހަކަތަކެއް ކަމަށް ފައްޔާޒް ސިފަކުރެއްވިއެވެ. އަދި އިދިކޮޅުން ދެއްކި އެފަދަ ވާހަކަތަކަށް އޭރު ރައީސް ޞާލިހުގެ ސަރުކާރަށް ރައްދު ނުދެވޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެކަން އެގޮތަށް ނުވީ ސަރުކާރުން ހިންގާ ކަމާއި މެދު ސަރުކާރުން ނުކުމެ ރައްޔިތުން ކައިރީގައި ފޮނި ނުކެނޑުމުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ބުނަނީ އޭރު ކޮންކަމެއްހޭ ސަރުކާރުން ކުރަނީ. ސަރުކާރަށް ވަނީ. ފިއްލަދޫގަ ތިބޭ ރައްޔިތުންނަށް އެބަ ފެނޭ ފިއްލަދޫގައި މަސައްކަތް ކުރާ މަންޒަރު. ފިއްލަދޫގައި ތިބި ރައްޔިތުންނަކަށް ނޭނގޭ ފުވައްމުލަކުގައި ކީއްކަމެއް ކުރަނީ. އެހެންވީމަ އެ މީހުން އެގޮތަށް ދައްކާފައި އަޅުގަނޑުމެންގެ ޕާޓީ ތެރެއިން ވެސް އެކަން އެގޮތަށް ދެއްކީމަ މީހުންގެ ވިސްނުމަށް އަންނަނީ މި ރަށުގަ އެބަ ހިނގައޭ، މި ސަރުކާރު ހާދަ ސްލޯއޭ އެހެންތަންތަކުގަ ކަމެއް ނުހިނގައޭ. އެކަންކަމަށް އަޅުގަނޑުމެންނަށް ކޭޓާ ނުކުރެވުނީ. އެއީ ނުކުމެ ފޮނި ނުކެނޑީމަ.
އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް

ކައުންސިލްތަކާއި މެދު އެންޓިކޮރަޕްޝަން ކޮމިޝަން އަށާއި އެހެނިހެން އިދާރާތަކަށް ހުށަހަޅައިގެން ކައުންސިލްތަކުގެ އަގު ވައްޓާލުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އެމްއެންޔޫ މެދުވެރިކޮށް ލާމަރުކަޒީ ނިޒާމާއި މެދު ހެދި ދިރާސާއަކީ ވެސް ކައުންސިލްތަކުގެ އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ސަރުކާރުން ކުރިކަމެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް އެމްއެންޔޫގެ ދިރާސާގެ ނަތީޖާ އައީ އެހެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްތަކަކީ ބޭކާރު ޚަރަދެއް ކަމަށާއި ކައުންސިލަރުން އެއީ ކޮރަޕްޓްބައެއް ކަމަށް ދެއްކުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ އެކަމާއި މެދު އާއްމުން ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ފައްޔާޒް ވަނީ އެމްޑީޕީގެ ކައުންސިލަރސް އެސެމްބްލީ އެކުލަވާލުމުން ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ވާނެ ކަމަށް ފާހަގަކުރައްވާފައެވެ. ފައްޔާޒް އިތުރަށް ވިދާޅުވި ރައްޔިތުންނާއި ދިމާވާ ކަންކަމުގައި އެމްޑީޕީގެ ޓީމްތަކުން އެހީތެރިވެ ގާތުން މަސައްކަތްކުރުމަށް އެމްޑީޕީން ކުރިއަށް އޮތްތަނުގައި އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

ފައްޔާޒް ވަނީ އެމްޑީޕީ އަކީ އަބަދުވެސް ރައްޔިތުންނާއި ގާތުން މަސައްކަތްކުރާ ޕާޓީ އެއް ކަަމަށް ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް