މިހާރު ކުރަމުން އަންނަނީ އިދިކޮޅު، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް ކަމަށް، އެ ޕާޓީގެ ޗެއަރޕާރސަން އަލްއުސްތާޛް ފައްޔާޟް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޟް މިހެން ވިދާޅުވީ އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ހުކުރު ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ ރަންރީނދޫ ޙަރަކާތުގެ ތެރެއިން ރާއްޖެ ޓީވީއާ ވާހަކަ ދައްކަވަމުންނެވެ.
ފައްޔާޟް ވިދާޅުވީ އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކީ ޕާޓީ ވަރުގަދަ ކުރުން ކަމަށެވެ. ޕާޓީ ވަރުގަދަ ކުރުމުގެ ގޮތުން ތަފާތު ޙަރަކާތްތައް ކުރިއަށް ގެންދަނީ މެމްބަރުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމާއި، މި ޙާލަތުގައި ތަފާތު ގޮތަކަށް ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ތެރެއިން ކަމަށެވެ.
މީގެ އިތުރުން ފައްޔާޟް ވިދާޅުވީ، އަނެއްކާ ވެސް އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އޭގެ ތެރެއިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަދި އެ ނޫން ވެސް އިންތިޚާބުތަކާ ކުރިމަތިލައިގެން ކާމިޔާބު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ފައްޔާޟް ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ އެންމެ ވަރުގަދަ އަމާޒަކީ މި ޕާޓީ ވަރުގަދަ ކުރުން، އިނގޭތޯ. ޕާޓީ ވަރުގަދަ ކުރުުމުގެ މި ކަހަލަ ޙަރަކާތްތައް އަޅުގަނޑުމެން މި ގެންދަނީ، އަޅުގަނޑުމެންގެ އެކުވެރިކަން އާލާ ކުރުމާއި، އަދި މިއަދުގެ މި ޙާލަތުގައި އަޅުގަނޑުމެން ސިޔާސީ ޙަރަކާތް ކުރިއަށް ގެންދާނެ ތަފާތު ގޮތް ތަކުގެ ތެރެއިން. އެހެންވީމާ އަޅުގަނޑުމެން އަނެއްކާ ވެސް އެމްޑީޕީގެ ބްރޭންޑު ބިލްޑު ކުރުމުގެ މަސައްކަތް މި ކުރަނީ. އޭގެ ތެރެއިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކައުލްސިލް އިންތިޚާބާއި، އަދިވެސް އެހެން އިންތިޚާބުތަކަށް ކުރިމަތިލައިގެން ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނީ.
އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛް ފައްޔާޟް އިސްމާއީލް![]()
އިތުރަށް ވާހަކަ ދައްކަވަމުން ފައްޔާޟް ވިދާޅުވީ، މިއަދު ރައްޔިތުން ތިބީ ސިޔާސީ ކަންތައްތަކާ ދުރަށް ޖެހިފައި ކަމަށެވެ. އަދި ރައްޔިތުން ކަންކަމާ މެދު ކޮންމެ ވެސް ވަރަަކަށް ހިތްހަމަ ނުޖެހިފައި ތިބި ވަގުތެއް ކަމަށް ވެސް ފައްޔާޟް ވިދާޅުވި އެވެ.
ފައްޔާޟް ވިދާޅުވީ މިދިޔަ ވިއްސަކަށް އަހަރަށް ބަލާއިރު، އެކި ގޮތް ގޮތަށް ރާއްޖެ ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން މިއަދުގެ ޒުވާން ޖީލާއި، ސިޔާސީ ކަންކަމަށް އަލުން ފޯރި ގެނައުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފައްޔާޟް ވަނީ ސިފަ ކުރައްވައިފަ އެވެ.
އެގޮތުން ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމާއި، އެ ކަންކަން ހިފެހެއްޓޭނީ ވާދަވެރި ސިޔާސީ ނިޒާމެއް އޮވެގެންކަން ފާހަގަ ކުރައްވައި ފައްޔާޟް ވިދާޅުވެފައި ވަނީ، އެހެން ނޫން ނަމަ ފެންނާނީ ކޮންމެ ވެސް އެއް ބަޔަކު މުޅި ނިޒާމު އެމީހުން ބޭނުން ގޮތަކަށް އަމަލު ކުރުމުގެ ސަގާފަތެއް ކަމަށެވެ.
އެމްޑީޕީ ވަރުގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އިޝާރާތް ކުރައްވައި ފައްޔާޟް ވިދާޅުވީ، އެމްޑީޕީ ވަރުގަދަ ވުމަކީ ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން އެކަން ކުރެވޭނެ އެކި ގޮތް ގޮތުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ފައްޔާޟް ވިދާޅުވެފައިވެ އެވެ.