Advertisement
ކ. މާލެ
|
13 އޮކްޓޯބަރ 2025 | ހޯމަ 12:16
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އޭސީސީ އަށް ހާޒިރު ވަނީ
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އޭސީސީ އަށް ހާޒިރު ވަނީ
އެމްޑީޕީ ސެކްރިޓޭރިއެޓް
ފައްޔާޒް އިސްމާއިލް
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
އޭސީސީ އިން ނިކުމެ ވަޑައިގެން އެންމެ ފުރަތަމަ ވެސް ފައްޔާޒް ގޮވާލައްވާފައި ވަނީ އިންގިލާބު އަވަސް ކުރުމަށް
ފައްޔާޒް ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް ކަމަށް

އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް، އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ އަށް ހާޒިރު ކޮށްފި އެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ފައްޔާޒް، އޭސީސީ އަށް ހާޒިރު ވެފައި ވަނީ ހޯމަ ދުވަހުގެ ހެނދުނު 09:30 އަށެވެ. ދޮޅު ގަޑިއިރަށް ވުރެ ގިނައިރުވީ ފަހުން، ފައްޔާޒް އޭސީސީ އިން ނިކުމެވަޑައިގެންފައި ވަނީ 11:00 ހާއިރު އެވެ.

ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފައި ވަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެން ނުވާ ބަދަލެއް އެ ކުންފުންޏަށް ދީފައިވާ ކަމަށް ބުނެ އެވެ. އެގޮތުން 2019 ވަނަ އަހަރު އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީ އިން ނިންމި ނިންމުމުގައި ފައްޔާޒް ބައިވެރިވެފައި ވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ކަމަށާއި، ފައްޔާޒް އަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ.އަދި ދައުލަތެއް ފައިދާ ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

އޭސީސީ އިން ނިކުމެ ވަޑައިގެން އެންމެ ފުރަތަމަ ވެސް ފައްޔާޒް ގޮވާލައްވާފައި ވަނީ އިންގިލާބު އަވަސް ކުރުމަށެވެ. އަދި ފައްޔާޒް ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް ކަމަށާއި، އެއީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އަންގަވަައިގެން ބަލާ މައްސަލަ އެއް ކަމަށެވެ.

އޭސީސީ އަށް ފައްޔާޒް ހާޒިރު ކޮށްފައިވާއިރު، އާދީއްތަ ދުވަހު ވަނީ ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ހާޒިރު ކޮށްފަ އެވެ. އަދި އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓަރު އައިޝަތު އަލީ އަށް ވެސް ވަނީ ބުދަ ދުވަހު އޭސީސީ އަށް ހާޒިރު ވުމަށް ޗިޓު ފޮނުވައިފަ އެވެ.

- ކޮމެންޓް