ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ނިޒާމަށް އިސްލާޙު ގެންނަން ހުށަހަޅާފައިވާ ބިލުގެ ސަބަބުން، ކައުންސިލް ތަކުގެ ދައުުރު ހަތަރު އަހަރަށް ކުރު ވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކޮމެޓީ އިން ނިންމާފައިވާ ރިޕޯޓައް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ، 365 ދުވަސް ވަންދެން ކައުންސިލްތަކަށް އެއްވެސް މަސައްކަތެއް ނުކުރެވޭ ގޮތަށް ބިލުގައި ހިމަނާފައި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ކައުންސިލްގެ ބާރުތައް އަތުލުމަށް ހުށަހަޅާފައިވާ އެ ބިލުގައި ވަނީ ގިނަ ކަންތައްތަކެއް ހިމަނާފައިވާއިރު، އޭގެ ތެރޭގައި ކައުންސިލް ތަކުގެ ދައުރުގައި ބާކީ އެއް އަހަރު އޮވެއްޖެ ނަމަ، ދާއިމީ މުވައްފަޒަފުން އަދި ވަގުތީ މުވައްޒަފުން ނުނެގޭ ގޮތަށް ވަނީ ހިމަނައިފަ އެވެ. އަދި ރަށު ކައުންސިލްގެ އިޙުރިޞާސްގައި ހުރި ބިންތަކާއި ފަޅުތައް ކުއްޔަށް ނުދެވޭ ގޮތަށް ހިމަނާފައިވާއިރު، ތަރައްޤީގެ މަޝްރޫއުތައް ނުފެށޭ ގޮތަށް ވެސް ހިމަނާފައިވެ އެވެ.
ބަހުސްގައި ޒިޔާދު ވިދާޅުވީ، ސަރުކާރުން ފޮނުވާ ބިލެއް އޮތް ގޮތަށް ފާސް ކުރުމުގެ ބަދަލުގައި، އެކަމުގައި ކުރެވިދާނެ ކަންތައްތަކެއް ނުވަތަ ހެދިދާނެ ގޮތްތަކެއް ހުރި ކަމަށެވެ. ޒިޔާދު ވިދާޅުވީ އެއް އަހަރު ވަންދެން ޚަރަދު ކުރުމުގައި ދަތިތަކެއް ކައުންސިލް ތަކަށް ކުރިމަތިވާ ނަމަ، ކައުންސިލްތަކުގެ ދައުރު ހަތަރު އަހަރަށް ކުރު ވެގެންދާ ކަމަށެވެ.
އެގޮތުން ރަށު ކައުންސިލް ތަކުން ވެސް ކަންކަން ނިންމަނީ، އެ ރަށެއްގެ ރައްޔިތުންގެ މަޝްވަރާ އާއި، ރައްޔިތުންގެ އެއްބާރުލުމާ އެކުކަން ފާހަގަ ކުރައްވައި ޒިޔާދު ވިދާޅުވީ، އެ މަޝްވަރާ ހޯދައިގެން ފަސް އަހަރު ދުވަހަށް ތަރައްޤީގެ ޕްލޭނެއް އެކުލަވާލާ ކަމަށެވެ. އެހެންވެއްޖެ ނަމަ، ކައުންސިލްތަކުން މަސައްކަތް ކުރާނީ ފަސް އަހަރަށް އެކުލަވާލި ޕްލޭނާ އެއްގޮތަށް ކަމަށް ޒިޔާދު ވިދާޅުވި އެވެ.
އެގޮތަށް މަސައްކަތް ކުރަމުން އަންނައިރު، ދައުރުގެ ފަސް ވަނަ އަހަރު ކުރަން ހަމަޖެހިފައި އޮންނަ މަސައްކަތްތައް މާކުރިން އިނގެން އޮންނާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ. ކައުންސިލްތަކަށް ވެސް ބޭނުންވާހާ ގޮތަކަށް ބިންތަކާ ތަންތަން ކުއްޔަށް ނުދެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވެ، ޒިޔާދު ވިދާޅުވީ މިހާރު އޮތް ގޮތް ނޫން ގޮތަކަށް ވެސް ޤާނޫނަށް ބަދަލު ގެނެވޭނެ ކަމަށެވެ.
ޒިޔާދު ފާހަގަ ކުރެއްވި ގޮތުގައި މިހާރު ވެސް ރަށު ކައުންސިލްތަކަށް ބޭނުންވާ ވަޒީފާ ތަކަށް މީހުން ނެގެނީ ފިނޭންސް މިނިސްޓްރީ އިން ހުއްދަ ހޯދައިގެންނެވެ. އެކަން ފާހަގަ ކުރައްވައި ޒިޔާދު ވިދާޅުވީ ކައުންސިލްތަކަށް ވަޒީފާ އަށް މީހުން ނުނެގޭއިރު، ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ވަޒީފާތައް ދިނުމަކީ މައްސަލައެއް ކަމަށެވެ.
ތިން ސަތޭކަ ފސް ދޮޅަސް ފަސް ދުވަސް ވަންދެން ޚަރަދުތައް ކުރުމުގައި ހުރަސްތަކެއް ހުންނަނީ ކަމަށް ވެއްޖިއްޔާ، ކައުންސިލްގެ ދައުރު ކުރުވެގެން އެބަ ދޭ ހަތަރު އަހަރަށް. ކައުންސިލް އިން ވެސް ކަންކަން ނިންމަނީ ރައްޔިތުންގެ މަޝްވަރާ އާއި ރައްޔިތުންގެ އެއްބާރުލުމާ އެކު. އެ މަޝްވަރާ ހޯދައިގެން ޕްލޭނެއް އެކުލަވާލައި ތަރައްޤީގެ ޕްލޭނެއްގެ ދަށުން ފަސް އަހަރަށް. އެއާ އެއްގޮތަށް މަސައްކަތް ކުރަނީ. އެހެން ކަމަށް ވެއްޖިއްޔާ މާ ކުރިން އިނގިފައި އިންނާނެ ފަސް ވަނަ އަހަރު ކުރަން ޖެހޭނެ މަސައްކަތް. އަޅުގަނޑު ވެސް ޤަބޫލު ކުރަން ހަމަ ހިތު ހުރިހާ ގޮތަކަށް ބިންތަކާ އެއްޗިސް ކުއްޔަށް ނުދެވޭނެކަން. މި ނޫން ގޮތަށް ޤާނޫނަށް އެބަ އޮތް އިސްލާހު ގެނެވެން. މިހާރު ވެސް ވަޒީފާ އަކަށް މީހުން ނުނެގޭނެ. ކައުންސިލްތަކަށް ނުނެގޭނެ ވަޒީފާ އަށް މީހުންނެއް. ފިނޭންސް މިނިސްޓްރީ އަށް ލިޔެގެން ވާނީ. ކައުންސިލްތަކަށް މީހުން ނުނެގިފައި، ކައުންސިލް އިންތިޚާބަށް ސަރުކާރުން މީހުން ނެގެނީ ކަމަށް ވިއްޔާ، އެއީ މައްސަލައެއް ނޫންހޭ އަޅުގަނޑު މި ދަންނަވަނީ.
ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު (ފިއްޓޭ)![]()
ޒިޔާދު ފާހަގަ ކުރެއްވީ ދައުރުގެ ބާކީ އެއް އަހަރު އޮއްވައި ކައުންސިލް ތަަކަށް ވަޒީފާ އަށް މީހުން ނުނެގޭ ކަމަށްވާ ނަމަ، ސަރުކާރަށް ވެސް އެކަން ކުރެވިގެން ނުވާނެ ކަމަށެވެ. އަދި ހަމަހަމަކޮށް އެކަން އޮވެއްޖެ ނަމަ، އެ ބިލުގައި ޤާނޫނެއްގެ ސިފަ ޖެހިގެން ދާނެ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.
ރިޔާސީ ދައުރުގެ ފަހު އަހަރުގެ ތެރޭގައި ސަރުކާރުން ބޭނުންވާ ވަރަށް ވަޒީފާތައް ދީ، ރަށްތައް ވިއްކައި، އަދި ފަޅުތައް ވިއްކޭއިރު، އެ ރަށެއްގައި އޮންނަ ބިމެއް ކައުންސިލަށް ކުއްޔަށް ނުދެވޭ ނަމަ އެއީ ކަންބޮޑުވާ ކަމެއް ކަމަށް ޒިޔާދުގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެންނަ އިސްލާހުތަކާ ގުޅިގެން ރާއްޖޭގެ ގިނަ ކައުންސިލްތަކުގެ އިތުރުން، ސިޔާސީ ޕާޓީ ތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ލާމަރުކަޒީ ޤާނޫނަށް ގެންނަން ހުށަހަޅާއިވާ އިސްލާހުތައް އަނބުރާ ގެންދިޔުމަށް ވެސް ސިޔާސީ ބޭފުޅުން އަންނަނީ ގޮވާލަމުންނެވެ.