ސަރުކާރުގެ ވިސްނުމަކީ ވަޒީފާތައް ބަހައިގެން އިންތިޚާބުތައް ކާމިޔާބު ކުރުން ކަމަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.
އަލީ ނިޔާޒު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިވާ ބިލާ ގުޅޭ ގޮތުން އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ކައުންސިލްގެ ބާރުތައް އަތުލުމަށް ހުށަހަޅާފައިވާ އެ ބިލުގައި ވަނީ ގިނަ ކަންތައްތަކެއް ހިމަނައިފަ އެވެ. އޭގެ ތެރޭގައި ކައުންސިލް ތަކުގެ ދައުރުގައި ބާކީ އެއް އަހަރު އޮވެއްޖެ ނަމަ، ދާއިމީ މުވައްފަޒަފުން އަދި ވަގުތީ މުވައްޒަފުން ނުނެގޭ ގޮތަށް ވަނީ ހިމަނައިފަ އެވެ. އަދި ރަށު ކައުންސިލްގެ އިޙުރިޞާސްގައި ހުރި ބިންތަކާއި ފަޅުތައް ކުއްޔަށް ނުދެވޭ ގޮތަށް ހިމަނާފައިވާއިރު، ތަރައްޤީގެ މަޝްރޫއުތައް ނުފެށޭ ގޮތަށް ވެސް ހިމަނާފައިވެ އެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަލީ ނިޔާޒު ވިދާޅުވީ، ސަރުކާރުގެ މިހާރުގެ ވެސް ވިސްނުމަކަށް އޮތީ ކައުންސިލްތަކުގެ މަސައްކަތް ހުއްޓުވުމަށް ފަހު، ކައުންސިލްތަކުން މަސައްކަތް ނުކުރާ ގޮތަށް ދެ އަތާއި ދެ ފައި ބަނދުމަށް ފަހު، ސަރުކާރުން ރަށްތަކަށް ގޮސް ވަޒީފާ ބަަހައިގެން އިންތިޚާބު ކާމިޔާބު ކުރުން ކަމަށެވެ.
ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ގެންނަނީ އެ ބޭނުމުގައި ކަމަށާއި، އެ އިސްލާޙަކީ ހުރިހާ އިންތިޚާބުތަކަށް އެޕްލައިވާ ގޮތަށް އޮތް އިސްލާޙުތަކެއް ނަމަ، އެކަން ބަަލައި ގަނެވުނީސް ކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ. އެގޮތުން ރިޔާސީ އިންތިޚާބުގެ އެއް އަހަރު ކުރިން ވިޔަސް، އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެއް އަހަރު ކުރިން ވިޔަސް، އެ ހުރިހާ ކަމަކާއެކު ގެނެވޭ އިސްލާޙު ތަކެއް ނަމަ، އެއީ ރަނގަޅު އިސްލާޙުތަކެއް ކަމަށް ބަލައި ގެނެވުނީސް ކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވި ކަަމަށް ވަނީ، ވަޒީފާ ކޮޅެއް ބަހާލީމަ ކިހިނެއްހާ ވާނީ. ދެން އެ ފަރާތުން ދިން ޖަވާބަކީ ތިޔަށް ވެސް ކުޑާނެހެން ހިއެއް ނުވެޔޭ. އެވެސް ވަގުތީ ވަޒީފާތަކެކޭ ކޮންމެ ފަހަރަކު އިންތިޚާބާ ދިމާކޮށް ތިޔަ ދެނީ. ތިން މަސް ދުވަސް ފަހުން އައު ކުރާ ގޮތަށް އޮންނަ ވަގުތީ ވަޒީފާއެކޭ. އެހެންވީމާ އެއަށް ވެސް މިފަހަރު ހީނުވެޔޭ ކުޑާނެހެން. ސަރުކާރުގެ މިހާރުގެ ވެސް ވިސްނުމަކަށް މި އޮތީ ކައުންސިލްތައް ހުއްޓުވާފައި، ކައުންސިލްތަކުން ތަރައްޤީގެ އެއްވެސް މަސައްކަތެއް ނުކުރާ ގޮތަށް ދެ އަތާއި ދެ ފައި ބަނދެފައި، ސަރުކާރުން ރަށް ރަށަށް އަރައި ވަޒީފާ ބަހައިގެން އިންތިޚާބު ކާމިޔާބު ކުރުން. އެހެންވީމާ އެކަމަށް ގެނެސްފައި އޮތް އިސްލާޙެއް މިއީ.
އެމްޑީޕީގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު އަލީ ނިޔާޒު![]()
މީގެ އިތުރުން އަލީ ނިޔާޒު ވިދާޅުވީ، ފިނޭންސް މިނިސްޓްރީ އިން ބޭނުންވާ ޙާލަތެއްގައި ރަށު ކައުންސިލްތަކުގެ ފައިނޭންޝަލް ސްޓޭޓްމަންޓް ދައްކަން ވާނެ ކަމަށް އިސްލާޙުގައި ބުނެފައިވާ ކަމަށެވެ. ފައިނޭންޝަލް ސްޓޭޓްމަންޓަކީ ރައްޔިތުންނަށް ވެސް، އަދި ސަރުކާރުގެ އިދާރާތަކަށް ވެސް ފެންނަން ޖެހޭ އެއްޗަކަށް ވީ ނަމަވެސް، ސަރުކާރުން އެކަން ކުރަން އެޅެނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް ނިޔާޒު ވިދާޅުވި އެވެ.
އެގޮތުން ކައުންސިލްތަކަކީ ދައުލަތުގެ ބަޖެޓުގެ އެންމެ ފަސް އިންސައްތަ ލިބޭ ބައެއް ކަަމަށާއި، އޮޑިޓް ރިޕޯޓުތައް ވެސް މުޅިން ހުރީ ކައުންސިލްގެ އޮޑިޓް ރިޕޯޓުތައް ކަމަށާއި، އެއީ ދައުލަތުގެ އެންމެ ފަސް އިންސައްތަ އިން ޚަރަދު ކުރާ ފައިސާ ކަމަށެވެ. ނަމަވެސް، އަނެއް 95 އިންސައްތައިގެ ފައިސާ ކޮބައިތޯ އަލީ ނިޔާޒު ސުވާލު އުފެއްދެވި އެވެ.
އެގޮތުން މާލޭގައި ހުރި ސަރުކާރުގެ ވުޒާރާ ތަކުގެ އޮޑިޓް ރިޕޯޓުތައް ކޮބައިތޯ އާއި، އެ ތަންތަނުން ހިންގަމުން އަންނަ ކޮރަޕްޝަންގެ އަމަލުތައް ކޮބައިތޯ އަލީ ނިޔާޒު ސުވާލު ކުރި އެވެ. އިތުރަށް އަލީ ނިޔާޒު ވިދާޅުވީ ކައުންސިލްގެ އޮޑިޓް ރިޕޯޓުތަކުގެ ވާހަކަ ދައްކާއިރު، އެކި އެކި ނަން ނަމުގައި ހަދާފައިވާ މުއައްސަސާތަކާއި ކުންފުނިތަކުގެ އޮޑިޓްގެ ވާހަކަ ދައްކަން ނުކެރެނީ ކީއްވެތޯ އެެވެ.
ނިޔާޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް އިސްލާހު ހުށަހަޅައިގެން އުޅެނީ ކައުންސިލްތައް ބަލިކަށި ކުރަން ކަމަށާއި، ސަރުކާރަށް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެވޭނީ މިހާރު ހިނގަމުން އަންނަ ކައުންސިލްގެ ނިޒާމު ހަލާކު ކޮށްލައިގެން ކަމަށެވެ.