ކ. މާލެ
|
11 އޮކްޓޯބަރ 2024 | ހުކުރު 07:39
އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓް
އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓް
ގެޓީ އިމޭޖަސް
އީރާން-އިޒްރޭލް ހަނގުރާމަ
އިޒްރޭލުން އީރާނަށް ދޭ ހަމަލާގެ ޓާގެޓުގައި ރޫހާނީ ލީޑަރާއި ނިއުކްލިއަރ ސައިޓްތައް!
ބެނެޓް ބުނެފައިވަނީ އީރާނުގެ "ނިއުކްލިއަރ ޕްރޮގްރާމް" އަދި "ވެރިކަމުގެ މަރުކަޒުތަކަށް" ހަމަލާދީ، އީރާނުގެ ވެރިކަން "ވައްޓާލަން" ޖެހޭ ކަމަށެވެ

އީރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން އީރާނަށް ދޭ ހަމަލާގެ ޓާގެޓްގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ ރޫހާނީ ލިޑަރާއި ނިއުކްލިއަރ ސައިޓްތައް ހިމެނިދާނެ ކަމަށް އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އިޝާރާތް ކޮށްފިއެވެ.

އިޒްރޭލުން ދޭ ހަމަލާގެ ޓާގެޓްގައި އީރާނުގެ ރޫހާނީ ލީޑަރު ހިމެނިދާނެތޯ ސްކައި ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ނަފްތަލީ ބެނެޓް ޖަވާބުގައި ބުނެފައިވަނީ އެއީ "މޭޒުން ބޭރުގައި" ބާއްވަން ޖެހޭ ކަމެއް ނޫން ކަމުގައެވެ.

ކުރީގެ އިޒްރޭލުގެ ބޮޑުވަޒީރު ބެނެޓް ހާމަކުރި ގޮތުގައި އީރާނުގެ މިސައިލް ހަމަލާއަށް އިޒްރޭލުން ދޭ ޖަވާބުގައި އެއްވެސް ކަމެއް "މޭޒުން ބޭރުގައި" ބާއްވަން ނުޖެހޭނެ ކަމަށެވެ. މީގެ ތެރޭގައި އެ ޤައުމުގެ އެންމެ މަތީ ވެރިޔާއަށް އަމާޒުކުރުންވެސް ހިމެނޭކަން ދޭހަވާ ކަމަށް ސްކައި ނިއުސް އިން ބުނެފައިވެއެވެ.

ލުބުނާނުގެ ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލުން ކުރިއަށްގެންދާ ހަނގުރާމައިގެ ބަދަލު ހިފުމުގެ ގޮތުންނާއި ހިޒްބުﷲ އާއި ހަމާސްގެ އިސް އޮފިޝަލުންތަކެއް އިޒްރޭލުން ހަމަލާދީ މަރާލުމުގެ ބަދަލު ހިފުމުގެ ގޮތުން އޮކްޓޯބަރު 1 ވަނަ ދުވަހު އިޒްރޭލުގެ ސަރަޙައްދަށް 200 އާ ގާތްކުރާ އަދަދެއްގެ މިސައިލް އީރާނުން ފޮނުވުމާ ގުޅިގެން އިޒްރޭލުން ވަނީ އެ ހަމަލާގެ ބަދަލު ހިފާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

ސްކައި ނިއުސްގެ ލީޑް ވޯލްޑް ޕްޕްރެޒެންޓަރ ޔަލްދާ ހަކީމް އިޒްރޭލުން ދީފާނެ ހަމަލާ އާ ބެހޭ ގޮތުން ސުވާލުކުރުމުން، ބެނެޓް ބުނެފައިވަނީ އީރާނުގެ "ނިއުކްލިއަރ ޕްރޮގްރާމް" އަދި "ވެރިކަމުގެ މަރުކަޒުތަކަށް" ހަމަލާދީ، އެ ޤައުމުގެ ވެރިކަން "ވައްޓާލަން" ޖެހޭ ކަމަށެވެ.

"މިހާ ގިނަ އަދަދެއްގެ ދުރު ރާސްތާ ބެލިސްޓިކް މިސައިލުން އެއްވެސް ޤައުމަކަށް މީގެ ކުރިން ހަމަލާދީފައެއް ނުވޭ،" އޭނާ އިޒްރޭލަށް އީރާނުން ދިން ހަމަލާއާ ގުޅޭ ގޮތުން ބުންޏެވެ.

އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމެނީއަށް އިޒްރޭލުން އަމާޒުކުރަނީތޯ ސީދާ ސުވާލު ކުރުމުން، އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ބެނެޓްގެ ޖަވާބަކީ "ހުރިހާ ކަމެއްވެސް މޭޒު މަތީގައި އޮންނަންވާނެ." ކަމުގައެވެ.

އިޒްރޭލުގެ އެންމެ ގާތް އެކުވެރިޔާ އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވަނީ އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް އިޒްރޭލުން ހަމަލާ ދިނުމަށް އެމެރިކާއިން ތާއީދު ނުކުރާނެ ކަމަށާއި، އިޒްރޭލުގެ ރައްދު "ހަމަހަމަ" ވާންވާނެ ކަމަށެވެ.

ނަމަވެސް އެއާ ޚިލާފަށް ބެނެޓް ބުނެފައިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް އަމާޒުކޮށް "ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ހުރަސް އެޅުމަށް" ހަމަލާ ދޭންޖެހޭނެ ކަމަށް އޭނާ ޤަބޫލުކުރާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް