ކ. މާލެ
|
8 އޮކްޓޯބަރ 2024 | އަންގާރަ 07:48
އެމެރިކާގެ ރައީސް ޖޯ ބައިޑްން އާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އެމެރިކާގެ ރައީސް ޖޯ ބައިޑްން އާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
ރޮއިޓާސް
މެދުއިރުމަތީގެ ހަމަނުޖެހުން
އިޒްރޭލުން މެދުއިރުމަތި ސުންނާފަތި ކުރުމުގައި އެމެރިކާއިން 20 ބިލިއަން ޑޮލަރު ހޭދަކޮށްފި: ދިރާސާ
ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން އެއް އަހަރު ދުވަހުގެ ތެރޭގައި އިޒްރޭލަށް 17.9 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ އެމެރިކާއިން ވަނީ ދީފައި
ޚަބަރުގެ އޯޑިއޯ

އިޒްރޭލުން ޣައްޒާ އަށާއި މެދުއިރުމަތީގެ އެހެން ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގައި އެމެރިކާއިން އިޒްރޭލަށް ދިން އެހީގެ ގޮތުގައި 20 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ހޭދަކޮށްފި ކަމަށް ބްރައުން ޔުނިވަރސިޓީގެ ދިރާސާއަކުން ހާމަކޮށްފިއެވެ.

ބްރައުން ޔުނިވަރސިޓީގެ ވޮޓްސަން އިންސްޓިޓިއުޓުގެ ރިޕޯޓެއްގައިވާ ގޮތުން، އެމެރިކާ އިން ޣައްޒާ ގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމައަށާއި ޔަމަނުގެ ހޫތީންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކަށް 22.76 ބިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން، ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން މިވީ އަހަރު ދުވަހުގެ ތެރޭގައި އިޒްރޭލަށް 17.9 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ އެމެރިކާއިން ވަނީ ދީފައެވެ. މިއީ އަހަރުދުވަހަކަށް ބަލާއިރު އަސްކަރީ ގޮތުން އެހީގެ ގޮތުގައި ހޭދަކުރި އެންމެ ބޮޑު އަދަދު ކަމަށްވެސް ރިޕޯޓުގައި ވެއެވެ. 

އޭގެ އިތުރު ޔަމަނުގެ ހޫތީންނާ ދެކޮޅަށް ކުރާ ހަނގުރާމައަށް މަދުވެގެން އިތުރު 4.86 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާކަމަށް ހޯމަ ދުވަހު ނެރެނު ރިޕޯޓުގައި ބުނެފައިވެއެވެ. 

ނަމަވެސް، މި ރިޕޯޓު ނިންމާފައިވަނީ ޕެންޓަގަނުން މެދުއިރުމައްޗަށް އިތުރު ސިފައިންނާއި ވަސީލަތްތައް ފޮނުވާނެކަމަށް އިއުލާންކުރުމުގެ ކުރިން ކަމަށްވެފައި އަދި އިޒްރޭލުން ލުބުނާނަށް ހަމަލާދޭން ފެށުމުގެ ކުރިން ކަމަށްވުމާއެކު މިކަންކަމަށް އެމެރިކާއިން އިތުރުު ސަތޭކަ މިލިއަން ނުވަތަ ބިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެކަމަށް ލަފާކުރެވެއެވެ.

މީގެ އިތުރުން، މި ރިޕޯޓުގައި އީރާނުން ދާދިފަހުން އިޒްރޭލަށް ދިން ވަރުގަދަ ރޮކެޓް ހަމަލާ ނަކާމިޔާބުކުރުމަށް އެމެރިކާއިން އިޒްރޭލަށް ދިން ބޮޑު އެހީވެސް ހިމަނާފައެއް ނުވެއެވެ. އިޒްރޭލަށް އީރާނުން ދިން ހަމަލާގައި 200 އާ ގާތްކުރާ މިސައައިލް ބޭނުންކުރިއެވެ. ގާތްގަނޑަކަށް ލަފާކުރެވޭ ގޮތުގައި މި ހަމަލާ އިން އިޒްރޭލު ދިފާއު ކުރުމަށް އެމެރިކާއިން 100 މިލިއަން ޑޮލަރަށްވުރެ ބޮޑު އެއްޗެއް ހޭދަކޮށްފައިވާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ. މި ހަމަލާ ނަކާމިޔާބުކުރުމަށް އެމެރިކާއިން 12 ސްޓޭންޑަޑް މިސައިލް ބޭނުންކޮށްފައިވެއެވެ. 

ފާއިތުވި އަހަރު ތެރޭގައި އިޒްރޭލަށް އެމެރިކާއިން ފޯރުކޮށްދީފައިވާ ބައެއް ހަތިޔާރުގެ ތެރޭގައި ހިމެނެނީ އާޓިލަރީ ޝެލް އާއި 2,000 ޕައުންޑުގެ ބަންކަރ ބަސްޓިންގ ބޮމާއި، އަދި ޕްރެސިޝަން-ގައިޑެޑް ބޮމެވެ. އިޒްރޭލުގެ އަޔަން ޑޯމް އަދި ޑޭވިޑްސް ސްލިންގ މިސައިލް ޑިފެންސް ސިސްޓަމްތަކަށް ބޭނުންވާ ތަކެތި ހޯދުމަށްވެސް އެމެރިކާގެ އެހީގެ ބޮޑު ބައެއް ހޭދަކޮށްފައިވެއެވެ. 

މިކަންކަމުގެ އިތުރުން އެމެރިކާއިން ވަނީ ފާއިތުވި މަސްތަކުގައި މެދުއިރުމަތީގައި ތިބި ސިފައިންގެ އަދަދު އިތުރުކޮށް، ޖުމްލަ އަދަދު 40,000 އަށް އިތުރުކޮށްފައެވެ. މީގެ އިތުރުށް އިތުރު ސިފައިން ފޮނުވާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. 

އަނެއްކޮޅުން އެމެރިކާއިން ވަނީ ރަތް ކަނޑަށް ގިނަ އަދަދެއްގެ އެއަރކްރާފްޓް ކެރިއަރ ސްޓްރައިކް ގްރޫޕްތައް ފޮނުވާފައެވެ. ރިޕޯޓުގައިވާ ގޮތުން، ފުރިހަމައަށް ވަސީލަތްތައް ގާއިމުވެފައިވާ އަދި ހިންގަމުންދާ ކެރިއަރ ސްޓްރައިކް ގްރޫޕެއްގެ ދުވާލެއްގެ ޚަރަދަކީ ގާތްގަނޑަކަށް 9 މިލިއަން ޑޮލަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް