ފަރަންސޭސިވިލާތާއި ހުޅަނގުގެ އިތުރު 14 ޤައުމަކުން ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ދުނިޔޭގެ އެހެން ޤައުމުތަކަށް ގޮވާލައިފި އެވެ.
15 ޤައުމެއްގެ ޚާރިޖީ ވަޒީރުން އާދީއްތަ ދުވަހުގެ ރޭ ނިއު ޔޯކުގައި ބޭއްވުނު ކޮންފަރެންސަކަށްފަހު ބަޔާނެއް ނެރުއްވިއެވެ. މި ކޮންފަރެންސްގެ ރިޔާސަތު ބެލެހެއްޓެވީ ފަރަންސޭސިވިލާތާއި ސައޫދީ އަރަބިއްޔާއިންނެވެ. މި ކޮންފަރެންސްގެ މަޤްޞަދަކީ އިސްރާއީލާއި ފަލަސްޠީނުގެ ދެމެދުގައި ދެ ދައުލަތުގެ ހައްލު ތަންފީޒު ކުރުމަށް ބާރު އެޅުމެވެ.
ފަރަންސޭސި ޚާރިޖީ ވަޒީރު އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ، ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައި ނުވާ ގައުމު ތަކުން އެކަން ކުރުމަށް ދައުވަތު ދެއްވާ ކަމަށެވެ.
ރައީސް އެމެނުއެލް މެކްރޯން ވަނީ ސެޕްޓެމްބަރު މަހު ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަންނާނެ ކަމަށް ފާއިތުވި ހަފްތާގައި އިޢުލާނު ކުރައްވާފައެވެ.
މިކަމާ ގުޅިގެން އިސްރާއީލާއި އެމެރިކާ އިން ވަނީ ރުޅިގަދަވެ އެކަމާ ދެކޮޅަށް ވާހަކަތައް ދައްކާފައެވެ.
ފަރަންސޭސިވިލާތުން އުންމީދު ކުރަނީ ފަލަސްތީނު ގެ ދައުލަތެއް ރަސްމީކޮށް ބަލައިގަތުމުގެ މައްޗަށް ގިނަ ގައުމުތައް އެކުލެވޭ ގޮތައް ވަރުގަދަ ބާރެއް އުފެއްދުމަށެވެ.
އާދީއްތަ ދުވަހު، އިނގިރޭސި ބޮޑުވަޒީރު ކީރ ސްޓާމަރ އިޢުލާނު ކުރެއްވީ އިސްރާއީލުން މުހިންމު ކަންކަމުގައި "މުހިންމު ފިޔަވަޅުތަކެއް" ނާޅާނަމަ، ސެޕްޓެމްބަރު މަހު އިނގިރޭސިވިލާތުން ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަންނާނެ ކަމަށެވެ. އިސްރާއީލުން އެ ގޮތުން ކުރަން ޖެހޭނެ ކަންތައްތަކުގެ ތެރޭގައި ޣައްޒާ ގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުން ހިމެނެއެވެ.
ސްޓާމަރ ގެ މި ފިޔަވަޅާއި ޕެރިސް ގެ ފިޔަވަޅާ އެކު، ޔޫރަޕުގެ މި ދެ އެކުވެރިން ވެގެން ދާނީ ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަ ޖީ7 ގައި ހިމެނޭ ފުރަތަމަ ގައުމުތަކަށެވެ.
މި ބަޔާނުގައި، ސްޕެއިން، ނޯވޭ، އަދި ފިންލޭންޑް ހިމެނޭ ގޮތަށް 15 ޤައުމަކުން "ދެ ދައުލަތުގެ ހައްލުގެ ވިސްނުމަށް އެ ޤައުމުތަކުން ވެފައިވާ ވަޢުދު" އަލުން ކަށަވަރުކޮށްދޭ ކަމަށް ބުނެފައި ވެއެވެ.
މި ބަޔާނުގައި ސޮއިކުރި ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައި ގަނެފައި ނުވާ 9 ޤައުމަކުން "އެކަން ކުރުމުގެ ޢަޒުމު ނުވަތަ އެކަމާމެދު އެ ޤައުމުތަކުގެ އިޖާބީ ވިސްނުން" ފާޅުކޮށްފައި ވެއެވެ. މީގެ ތެރޭގައި އޮސްޓްރޭލިއާ، ކެނެޑާ، އަދި ނިއުޒީލެންޑް ހިމެނެއެވެ.
މި ކޮންފަރެންސްގައި 17 ޤައުމަކާއި ޔޫރަޕިއަން ޔޫނިއަނާއި އަރަބި ލީގުން ބައިވެރިވެ، ހަމާސް އިން ހަތިޔާރު ބެހެއްޓުމަށާއި ޣައްޒާގައި އޮތް ހަމާސް ގެ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލާފައިވެއެވެ. މިއީ ފަލަސްޠީނު ސަރަޙައްދުގައި ހިނގަމުންދާ ނުރައްކާތެރި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތެއް ކަމަށް ގައުމުތަކުން ބުނެފައި ވެއެވެ.