ކ. މާލެ
|
2 އޮކްޓޯބަރ 2024 | ބުދަ 12:26
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ރާއްޖެއެމްވީ
ރައީސްގެ އދ ގެ ދަތުރުފުޅު
ރައީސް މުއިއްޒު ގަދަބަސް ބުނެ ދުނިޔޭގެ ސަމާލުކަން ހޯދަން ޖެއްސީ ސްޓަންޓެއް - މައުރޫފް
ޕާސްޕޯޓް ބޭންކުރިކަމަށް ތަކުރާރުކޮށް ވިދާޅުވެ މީޑިއާއަށް ތިލަވެ އެކަން އޮތީ ނުކުރިޔަސް ކުރިކަމެއްގެ ގޮތުގައި ފާހަގަވެގެން ގޮސްފައި
ރައީސްގެ ތަގުރީރުގައި ފަލަސްތީނުގެ ވާހަކަ ފިޔަވައި އިތުރު ހަރުދަނާ ވާހަކަތަކެއް ދެކެވުނުމަށް ދެކެވަޑައިނުގަންނަވާ

އދ އަށް ވަޑައިގެން ގަދަބަސް ވިދާޅުވެ ތަގުރީރުދެއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ޖެއްސެވީ ސްޓަންޓެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދުނިޔެ ހިނގާގޮތާއި، ސަރުކާރުތައް ހިނގާގޮތް އެނގިވަޑައިނުގަންނަވާ ކަމަށެވެ. މައުރޫފް ވިދާޅުވީ ފެނިގެންދިޔައީ ވަރަށް ވަރުގަދަ، ގަދަ ބަސް ބުނެ ދުނިޔޭގެ ސަމާލުކަން ހޯދަން މަސައްކަތް ކުރެއްވިތަން ކަމަށެވެ. މައުރޫފް ވިދާޅުވީ ސްޓަންޓެއް ޖެއްސެވުމަށްޓަކައި މަސައްކަތް ކުރެއްވިތަން ފެނިގެން ދިޔަ ކަމަށާއި، ނަމަވެސް އެކަމެއް ހާސިލްނުވާކަން މުޅި ދަތުރުފުޅު ނިމިގެން ދިޔަ އިރު ފެނިގެން ދިޔަކަމަށެވެ.

މައުރޫފް ވިދާޅުވީ ޔޫއެންގައި މުޅި ސަރުކާރު މޮޅު ވާހަކަ ދައްކަން ސަރުކާރަށް މަޖުބޫރުވި ކަމަށާއި، ނަމަވެސް ދުނިޔޭގެ އެއްވެސްތަނަކުން އަދި ޔޫއެންގެ ޖެނެރަލް އެސެމްބްލީ ދިރާސާކުރާ ފަރާތްތަކުން އެއްވެސް ގޮތަކަށް ރައީސްގެ މޮޅު ވާހަކައެއް ނުދައްކާ ކަމަށެވެ.

ކަންކަން ނޭނގޭ މިންވަރާއި، ކަންކަމަށް ސަމާލުކަން ނުދެވޭ މިންވަރަކީ ދަތުރުގައި ފުރަތަމައިނުން ފެށި ހިސާބުން ވެސް ފެނިގެންދިޔައީ އިސްރާއީލުގެ ބްރޭންޑެއް ކަމަށްވާ ކޮސްޓާ ކޮފީ ހިއްޕަވަން ޑިއުޓީ ފްރީގައި އިންނެވި މަންޒަރު. ދެން އެކަން ފޫބެއްދުމަށްޓަކައި ފަލަސްތީނުގެ ދިދަ ކޮނޑުގައި އަޅުއްވައިގެން މަސައްކަތްތަކެއް ކުރެއްވީ އެކަން ކަވަރު ކުރުމަށްޓަކައި. ދެން ޔޫއެންޖީއޭގެ ތަގުރީރުގައި ހާއްސަކޮށް ފަލަސްތީނާއި ގުޅޭގޮތުން ރައީސްގެ މުހިންމު ރަނގަޅު ވާހަކަ ދައްކާފައި ހުރި. ނަމަވެސް ރައީސްގެ ވާހަކަފުޅުން ހާސިލުކުރަން ބޭނުންވި ކަމެއް ހާސިލެއް ނުވި. ބޮޑު ހަރަދުކޮށް ބޭކާރު ދަތުރެއް ނިންމާލިތަން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ ރައީސްގެ ތަގުރީރުގައި ފަލަސްތީނުގެ ވާހަކަ ފިޔަވައި އިތުރު ހަރުދަނާ ވާހަކަތަކެއް ދެކެވުނުމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ފަލަސްތީނުގެ ކަންކަމުގައި ދިވެހިންނަކީ އަބަދުވެސް ލާމަސީލު ނަމޫނާ ދައްކަވަމުން ގެންދަވާ ބައެއް ކަމަށެވެ. މައުރޫފް ވިދާޅުވީ ފަލަސްތީނުގައި ހިނގަމުންދާ ގަތުލްއާންމުގައި މިއަދު ދިވެހިރާއްޖެއަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ފަލަސްތީނު، ގާޒާ، ލުބްނާން އަދި ވެސްޓްބޭންކުގައި އުދުވާނު ހިންގަމުންދާ ޓެރަރިސްޓް ގައުމު އިސްރާއިލުގެ ރައްޔިތުންނަށް ރާއްޖެއަށް ނާދެވޭ ގޮތަށް ހުށަހަޅާފައިވާ ޕާސްޕޯޓް ބޭންކުރުމަށް ހުށަހެޅިފައިވާ ހުށަހެޅުމަށް ތާއިދުކުރުން ކަމަށެވެ.

އެއަށްވުރެ ބޮޑަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެންނަށް މިއަދު ކަމެއް ކުރެވޭކަށެއް ނެތް. ދުނިޔޭގެ އެހެން އިސްލާމީ އަރަބި ގައުމަކުން ފަލަސްތީނުގެ ހައްގުގައި ނުކުމެ އިސްރާއިލާ ދެކޮޅަށް ނުކުމެ ހަނގުރާމަކުރާކަށް ނުކެރޭ. އެއަށްވުރެ އިސްރާއިލުގެ ބާރު މާ ގަދަ. ނަމަވެސް އަޅުގަނޑުމެންނަށް ކުރެވެން އޮތް މުހިންމު ކަމެއް އަދި ނުކުރަންވީ އެއްވެސް ސަބަބެއް ނެތް. މިހެންދަންނަވަންޖެހޭ ސަބަބަކީ އެކަން އެގޮތަށް ކޮށްފިނަމަ، ޕާސްޕޯޓް ބޭންކުރިކަމަށް ތަކުރާރުކޮށް ވިދާޅުވެ މީޑިއާއަށް ތިލަވެ އެކަން އޮތީ ނުކުރިޔަސް ކުރިކަމެއްގެ ގޮތުގައި ފާހަގަވެގެން ގޮސްފައި. ދެން ކީއްވެގެންތޯ މިއަދު އެކަން ނުކޮށް މަޑުކުރަނީ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ ދިވެހިންނަށް ދިވެހިންގެ ލެވެލްގައި ކުރެވެން އޮތް ކަމަކީ އިސްރާއިލު ޕާސްޕޯޓް ބޭންކުރުން ކަމަށެވެ. އެކަން ރައީސް ނުކުރައްވާ ފަލަސްތީނުގެ ވާހަކަ ރައީސްއަށް ދައްކަވާނެ ކަމެއް ނެތް ކަމަށާއި، އެކަމަކީ ދިވެހިންނާއި ފަލްސްތީނު ރައްޔިތުންނަށް ވެވޭ ބޮޑު ބޭއިންސާފެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.

އިސްރާއިލު ޕާސްޕޯޓް އޮންނަ މީހުންނަށް ރާއްޖެއަށް ނާދެވޭ ގޮތަށް ގާނޫނަށް އެމްޑީޕީން ހުށަހެޅި އިސްލާހުގެ ބިލު މަޖިލީހުގެ 241 ކޮމިޓީގައި އޮންނަތާ މިހާރު 100 ދުވަހަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް މި ބިލުގެ އެއްވެސް މަސައްކަތެއް ސަރުކާރުގެ މެޖޯރިޓީ އޮންނަ 241 ކޮމީޓީންކޮށްފައި ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް