ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަސައްކަތްތެރިންގެ އުޖޫރަ ނުދީ އަޅުދާސްތު ކުރަމުންދާ ކަމަށާއި،ބައިބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ޑްރޯންތަކަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، ތައުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި ސިއްހީ މަސައްކަތްތެރިން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދޭ އުސޫލުތަކާއި އަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން މެންބަރު މީކާއިލް ވިދާޅުވީ ބައި ބިލިއަން ރުފިޔާ ރައީސް މުއިއްޒުގެ ސަރުކާރުން ހަރަދުކޮށްފައިވަނީ ޑްރޯންތަކަކަށް ކަމަށެވެ. އެ ފައިސާއިން ޓީޗަރުންނާއި، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ހަމަޖެއްސުމަށްފަހު، އޯޓީ ވެސް ދެވޭނެ ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.
ނަމަވެސް މިއަދު ރާއްޖޭގެ މަސައްކަތްތެރިންގެ އުޖަރައާ ގުޅޭ އެގޮތުން އެ މީހުން ސުވާލު އުފައްދަމުންދާ ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ އިތުރު ގަޑީގެ ފައިސާ ލިމިޓް ކޮށްފައިވާއިރު، ތައުލީމީ އަދި ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް 12 ނުވަތަ 14 ގަޑިއިރު ވެސް މަސައްކަތް ކުރަންޖެހޭ ކަމަށާއި، މިއީ އަޅުދާސްތު ކުރުން ކަމަށެވެ.
މިދިޔަ އަހަރަށް ވުރެ މިއަހަރުގެ ޕޭ ރޯލް 400 މިލިއަން ރުފިޔާ އިތުރުވެފައިވާކަން ފާހަގަކުރައްވައި މެންބަރު މީކާއިލް ވިދާޅުވީ މިފައިސާ ހަރަދު ކުރަމުންދަނީ އެއްވެސް ތަޖުރިބާއެއް ނެތް، އެއްވެސް ތައުލީމެއް ނެތް އަދި އެއްވެސް ކަހަލަ ހުނަރެއް ނެތް ސިޔާސީ ބޭފުޅުންނަށް ކަމަށެވެ. އެއީ ވަކި ސިޔާސީ ޕާޓީއެއްގެ މަންފާ ހާސިލްކޮށްދިނުމަށާއި، ވަކި ސިޔާސީ ޕާޓީއެއްގެ އެޖެންޑާ ފަތުރައިދޭން އައްޔަން ކޮށްފައި ތިބި ސިޔާސީ މުވައްޒަފުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
569.8 މިލިއަން ރުފިޔާ. ބައި ބިލިއަން ރުފިޔާގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ. މީގެން ކިތައް ޓީޗަރުންގެ އޯޓީ ކަވަރ ކުރެވޭނެތޯ. ކިތައް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އޯޓީ މީގެން ކަވަރ ކުރެވޭނެތޯ. އެކަމަކު އެނގިވަޑައިގަންނަވާތޯ. މިފައިސާ 2024 ވަނަ އަހަރު މިހާރުގެ މިސަރުކާރުން ޕީއެންސީގެ ސަރުކާރުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން މިބައި ބިލިއަން ރުފިޔާ އެބޭފުޅުންގެ އޯޓީއަށް ދެވޭނެ ފައިސާ ޓީޗަރުންގެ އޯޓީއަށް ދެވޭނެ ފައިސާ، ޑޮކްޓަރުންނާއި، ނަރުހުންގެ އޯޓީއަށް ހަމަޖައްސޭނެ ފައިސާ، ފާހަނާ ސާފުކުރަން އެތާގައި މަސައްކަތް ކުރާ މަސައްކަތްތެރިޔާ ފައިސާ ކޮންތާކަށްތޯ މިސަރުކާރުން އެޅީ. ތުރުކީގެ ޑްރޯންތަކަކަށް ހަރަދުކޮށްލީ. ކޮންޓެންޖެންސީ ބަޖެޓުން ދިވެހިރާއްޖޭގެ އެމަޖެންސީ ކޮންޓެންޖެންސީ ބަޖެޓުން މިފައިސާ ނަންގަވައިގެން 2024 ވަނަ އަހަރު ދިވެހިރާއްޖޭގެ އިގްތިސާދު މިހާ ގޯސް ހާލަތެއްގައި އޮތްކަމަށް ތަކުރާރުކޮށް ވިދާޅުވަމުން އެފައިސާ ހަރަދުކުރެއްވީ ޑްރޯންތަކަކަށް.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް![]()
މެންބަރު މީކާއިލް ވިދާޅުވީ ގައުމެއް ބިނާ ކުރެވެނީ ތައުލީމީ ރަނގަޅު ބިންގަލެއް އެޅިގެން ކަމަށާއި، މީހާ ބަލިވުމުން ދާނެ ރަނގަޅު ހޮސްޕިޓަލެއް ހުރެގެން ކަމަށެވެ. ނަމަވެސް މި ސަރުކާރުން މިކަންކަމަށް އިސްކަން ނުދޭ ކަމަށާއި، މިއީ މިލިޓަރީ ސްޓޭޓެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރަނގަޅު ކަންކަމަށް އިންވެސްޓްކޮށް ގައުމުގެ މިސްރާބު ބަދަލު ކުރަންޖެހޭ ކަމަށެވެ.