ކ. މާލެ
|
24 ޖޫން 2024 | ހޯމަ 23:27
މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު އަދި ކުރީގެ ރައީސް ޔާމީން
މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު އަދި ކުރީގެ ރައީސް ޔާމީން
ޕީއެންއެފް ޖަލްސާ
13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
ސަރުކާރު ކުންފުނިތަކަށް ފައިސާ ދިނީ ފެބްރުއަރީ މަހާއި މާރޗް މަހާއި ދޭތެރޭގައި ކަމަށާއި ފައިސާ ދިނީ އެއް ފަހަރާއި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި
36 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް އައި އިރު ލިބުނީ އެންމެ 12 ބިލިއަން ރުފިޔާ ކަމަށް އެމަނިކުފާނު ވިދާޅުވި
އާމްދަނީ އަށް ވުރެ އިތުރަށް ޚަރަދު ކުރި ގޮތަކާއި މެދު ސުވާލު އުފައްދަވާ އެ މަނިކުފާނުގެ ނަޒަރިއްޔާތު އެމަނިކުފާނު ވަނީ ހިއްސާކުރައްވާފަ

މި ސަރުކާރުން 13.7 ބިލިއަން ރުފިޔާގެ ދަރަނި ދައްކާފައި ވަނީ އެމްއެމްއޭއިން ފައިސާ ދަރަނީގެ ގޮތުގައި ނަގައިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ތުހުމަތުކުރައްވައިފިއެވެ.

އެމަނިކުފާނު އެފަދަ ތުހުމަތުތަކެއް ކުރައްވާފައި މި ވަނީ ހޯމަ ދުވަހުގެ ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

"ޕީއެންސީ ހައުސް" ހުޅުވުމަށް އާދިއްތަ ދުވަހުގެ ރޭ ހ. ވެޔޮވިލާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ މި ހަތް މަސް ތެރޭގައި ކުރީ ސަރުކާރުގެ ދަރަނިތައް ދައްކަން ހޭދަކޮށްފައިވާ ކަމަށާއި، އެކަން ކުރީ ފައިސާ ޗާޕް ނުކޮށް ކަމަށް ވިދާޅުވެފައެވެ. އެ ވާހަކަތަކަށް ކުރީގެ ރައީސް ޔާމީން ވަނީ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައްދު ދެއްވާފައެވެ.

އެގޮތުން، ނޫޓު ޗާޕު ނުކޮށް ސަރުކާރު ހިންގާ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް އެކަންކަމަށް ތަހުލީލީ ނަޒަރަކުން ބައްލަވާލައްވަން ބޭނުންފުޅުވާކަމަށް ފާހަގަކުރައްވާ ކުރީގެ ރައީސް ޔާމީން ވަނީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ 50 ބިލިއަން ރުފިޔާ ކަަމަށް ވާއިރު، 36 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެ ކަމަށް ލަފާކޮށްފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެ 36 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް އައި އިރު ލިބުނީ އެންމެ 12 ބިލިއަން ރުފިޔާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އާމްދަނީގެ ބޮޑުބައި ލިބެން ޖެހޭ ވަގުތު ފާއިތުވެފައިވާ ކަމަށާއި، އެ ހިސާބުން އިގްތިޞާދު ރަނގަޅަށް މަސައްކަތް ނުކުރާކަމަށް ބުނެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ފަތުރުވެރިން ރާއްޖެ އަންނަ ނިސްބަތް މަދުވެފައިވާ ކަމަށާއި އިގްތިޞާދުގައި ދުޅަހެޔޮކަމެއް ނެތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިހާތަނަށް އައި އިރު މި ސަރުކާރަށް 18 ވަރަކަށް ބިލިއަން ރުފިޔާ ލިބިފައި އޮންނަން ވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އާމްދަނީ އަށް ވުރެ އިތުރަށް ޚަރަދު ކުރި ގޮތަކާއި މެދު ސުވާލު އުފައްދަވާ އެ މަނިކުފާނުގެ ނަޒަރިއްޔާތު އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.

ރުފިޔާ ޗާޕް ނުކުރާ ކަމަށް ބުނި ނަމަވެސް 12 ބިލިއަން ރުފިޔާ ވަދެގެން 13.7 ބިލިއަން ރުފިޔާ ޚަރަދު ކުރާނީ ކިހިނެތްތޯ ކުރީގެ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. އެ ހިސާބުތަކާއި މެދު ދެކެވަޑައިގަންނަވާގޮތް ހާމަކުރައްވަމުން ޔާމީން ވަނީ އެމްއެމްއެމްއޭގެ ހިސާބުތަކުން އެނގޭ ގޮތުން ސަރުކާރުން އެދިގެން ސަރުކާރަށް ދޭ ލޯނުގެ ގޮތުގައި މި ސަރުކާރަށް 13.7 ބިލިއަން ރުފިޔާ ދީފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ނިމިދިޔަ ސަރުކާރުގެ ވެރިކަން ނިމުނު އިރު، ނޮވެމްބަރު މަހުގެ ނިޔަލަށް އެމްއެމްއޭއިން ސަރުކާރަށް ދޫކޮށްފައި ހުރީ 1.7 ބިލިއަން ރުފިޔާ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި މިހާރު މީރާގެ ތަފާސްހިސާބަށް ބަލާ ނަމަ އެ އަދަދު 14.7 ބިލިއަން ރުފިޔާ އަށް އަރާ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ދަރަނި ދައްކަން ސަރުކާރުން ބޭނުން ކުރި ފައިސާ އަކީ އެއީ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ. ސަރކިއުލޭޝަން ނުވަތަ ބާޒާރުގައި ނެތް ފައިސާ އެމްއެމްއޭ އިން ނެގުމަކީ އެއީ ފައިސާ ޗާޕުކުރުން ކަމަށް ޔާމީން ވިދާޅުވިއެވެ. އެމްއެމްއޭއިން ފައިސާ ނެގުމަކީ ފައިސާ ޗާޕްކުރުން ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޔާމީން ވަނީ މި ސަރުކާރަށް ލިބެން ޖެހޭ އާމްދަނީ ނުލިބޭ ކަމަށް ފާހަގަކުރައްވާ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ސަރުކާރުން ރެއިޒްކުރަން ޖެހެނީ 14 ބިލިއަން. 14 ބިލިއަން ހޯދާނީ ކިހިނެތްތޯ؟ ޓްރެޝަރީ ވިއްކައިގެން އެކަން ކުރަން މަސައްކަތް ކޮށްފި. އެކަމެއް ނުކުރެވުނު. ކީއްވެގެންތޯ ނުކުރެވިގެން އުޅެނީ؟ އެއީ ސަރުކާރުން އިޝޫކޮށްފައި ހުރި ޓްރެޝަރީ ބިލްގައި އެބަހުރި ސަރުކާރުން އަނބުރާ ދައްކަން ޖެހޭ 41 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް އެބަހުރި ނުދައްކާ. ދެން އޮތީ ރާޢްޖޭގެ ބޮންޑެއް ދުބާއީ ކަހަލަ ތަނަކަށް ގޮސް ފްލޯޓް ކުރެވިދާނެތޯ. އަޅުގަނޑުމެންގެ ސަރުކާރުގައި އެކަން ކުރިން. މި ސަރުކާރަކަށް އެކަން ނުކުރެވޭ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

މީރާގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ނިޔަލަށް 12 ބިލިއަން ރުފިޔާ ކަމަށާއި އެހެންވީމަ ރައީސް މުއިއްޒު ވިދާޅުވި ހިސާބުތައް ދިމާ ނުވާ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ. އެ ހިސާބު ދިމާ ނުވާ ސަބަބާއި މެދު ފިނޭންސް މިނިސްޓަރ ޖަވާބުދާރީވާން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. 13 ބިލިއަން ރުފިޔާގެ ހިސާބާއި މެދު ސުވާލު އުފެދޭކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ފިނޭންސް މިނިސްޓަރ ރައީސަށް ނުރަނގަޅު މައުލޫމާތު ދެއްވަނީތޯ ވެސް ސުވާލު އުފައްދާފައެވެ. އަދި އާމްދަނީގެ ގޮތުގައި ސަރުކާރަށް ލިބުނީ އެންމެ 12 ބިލިއަން ކަމަށާއި، ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސީ ކިހިނެތްތޯ ސުވާލު އުފެދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މުވައްޒަފުންގެ މުސާރަ އާއި، ބިލުތައް ފަދަ ޚަރަދުތައް ފަރުޖެއްސުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރު ކުންފުނިތަކަށް ފައިސާ ދިނީ ފެބްރުއަރީ މަހާއި މާރޗް މަހާއި ދޭތެރޭގައި ކަމަށާއި ފައިސާ ދިނީ އެއް ފަހަރާއި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެކަން ކުރީ މަޖިލިސް އިންތިޚާބުތަކާއި ދިމާކޮށް ކަމަށާއި އެކަން ކުރީ މަޖިލިސް އިންތިޚާބާއި ދިމާކޮށް މީހުން ވަޒީފާ އަށް ނެގުމަށް މަގުފަހިކުރުމަށް ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން އެސްޑީއެފްސީގައި 100 މިލިއަން ޑޮލަރު ނުހުންނާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެ ހިސާބުތައް މީރާގެ ހިސާބުތަކާއި ދިމާނުވާކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓް