ޗާގޯސްގެ މިލްކުވެރިކަމާއި ބެހޭގޮތުން ދިވެހިރާއްޖެއިން ޝަކުވާ ހުށަހަޅާފައި ވަނިކޮށް، އިނގިރޭސިވިލާތުން ޗާގޯސް، މޮރިޝަސް އާއި ހަވާލުކުރީ ދިވެހިރާއްޖޭގެ ބަހެއް ނުހޯދާ ކަން ހާމަވެއްޖެ އެވެ.
މި މައުލޫމާތު ސާފުކުރުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާރްޓީއައި މެދުވެރިކޮށް ރާއްޖެޓީވީން އެދިފައިވަނީ 24 މެއި 2025 ގައެވެ.
ރާއްޖެ ޓީވީން ހުށަހެޅި އާރްޓީއައި ފޯމުގެ ޖަވާބުގައި ރައީސް އޮފީހުން ބުނެފައިވަނީ ޗާގޯސްގެ މިލްކުވެރިކަމާއި ބެހޭގޮތުން ދިވެހިރާއްޖެއިން ޝަކުވާ ހުށަހަޅާފައި ވަނިކޮށް، އިނގިރޭސިވިލާތުން ޗާގޯސް، މޮރިޝަސް އާއި ހަވާލުކުރި މައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ބަހެއް ހޯދާފައިވާކަން އެ އޮފީހުގެ ރެކޯޑްސްތަކުން ފެންނަން ނެތްކަމުގައި ދަންނަވާ ކަމަށެވެ.
އަދި އިސްވެ ބަޔާންކުރެވުނު މައުލޫމާތާއި ގުޅިގެން ރާއްޖެއިން އަޅާނެ ފިޔަވަޅަކީ ކޮބައިތޯ ކުރި ސުވާލުގެ ޖަވާބުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ އެއް ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު، މައުލޫމާތު ހޯދާ ލިބިގަތުމައްޓަކައި ގާނޫނުން ލިބިދީފައިވާ ހައްގެއްކަން އެނގެން އޮންނާތީ ވަކި ކަމަކާއި ގުޅިގެން އަޅާނެ ފިޔަވަޅަކީ ކޮބައިކަން ފޯރުކޮށްދިނުމަކީ އިސްވެ ބަޔާންކުރެވުނު ހައްގުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށް ފެންނާތީ އެ މައުލޫމާތު ފޯރުކޮށްދެވެން ނެތްކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
އެހެން ނަމަވެސް ދިވެހިރާއްޖޭގެ އެކްސްކުލޫސިވް އިކޮނިމޮކް ޒޯން މައްސަލައިގައި އިންޓަރނދެޝަނަލް ޓްރެބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ އިން ނިންމަވާފައިވާ ނިންމުން ދިރާސާ ކުރުމަށް ބަންޑާރަބައިބު އުފައްދަވާފައިވާ ވިލަރެސް ކޮމިޓީން ތައްޔާރުކުރި ރިޕޯޓް ފައިނަލް ކުރުމުގެ ،މަސައްކަތް އެ ކޮމިޓީން ކުރަމުން ދާކަމަށް ބުނެފައި ވެއެވެ.
އަދި އެ ރިޕޯޓް އެ އޮފީހުން ދިރާސާ ކުރުމަށް ފަހު، ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށް ކެބިނެޓް ޕޭޕަރެއް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ވަޒީރުންގެ މަޖިލީހަށް ކެބިނެޓް ޕޭޕަރު ހުށަހެޅުމުން މި މައްސަލައާއި ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަން ޖެހޭ ކަންކަން ނިންމުމުން މި މައްސަލައިގައި އެ އޮފީހުގެ މަސައްކަތްތައް ކުރިއަށް ގެންދާނޭ ގޮތުގެ ތަފްސީލު، އާންމުކޮށް ޝާއިއުކުރާނޭ ކަމުގައި ދަންނަވާ ކަމަށް ވެސް އެ އޮފީހުން ފޮނުވި ޖަވާބި ފޯމުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ރައީސް އޮފީހުގެ މި ޖަވާބަށް އިއުތިރާޟު ކުރާނަމަ، ޖަވާބު ލިބޭތާ 30 ދުވަހުގެ ތެރޭގައި ބަންޑާރަނައުބުގެ މުރާޖައާ ކޮމިޓީއަށް، މި ޖަވާބު މުރާޖައާކޮށްދިނުމަށް އެދި ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކަމަށް އެ ޖަވާބު ފޯމުގައި ބުނެފައި ވެއެވެ.
އިނގިރޭސިވިލާތުން ޗާގޯސް ގެ ޖަޒީރާތައް މޮރިޝަސް އާ ރަސްމީ ގޮތުން ހަވާލު ކޮށްފައި ވަނީ ނިމިދިއަ މެއި މަހުގެ 23 ވަނަ ދުވަހުގައެވެ.