މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ސައުދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅުގައި ޕީއާރު ޓީމުން ބައިވެރި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ރައީސް މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސައުދީ އަށް ވަޑައިގެންނެވީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު އެވެ. އަދި ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ފަހު އެނބުރި މާާލެ ވަޑައިގެންނެވީ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ.
ރައީސް މުޢިއްޒު ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ކުރެއްވި ދަތުރުފުޅުގައި ޕީއާރު ޓީމުގައި ކިތައް މީހުން ބައިވެރިވީތޯ އާއި، އެ މީހުންގެ ޚަރަދަށް ކިހާވަރެއް ޚަރަދުވިތޯ ސުވާލުކޮށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ޤާނޫނުގެ ދަށުން ރާއްޖެ ޓީވީ އިން ހުށަހެޅި އާރުޓީއައިގެ ޖަވާބުގައި ރައީސް އޮފީހުން ބުނެފައި ވަނީ، ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ރައީސް މުޢިއްޒު ސައުދީ އަށް ކުރެއްވި ދަތުރުފުޅުގައި ޕީއާރު މަސައްކަތް ކުރެއްވުމަށް އެއްވެސް ބޭފުޅަކު ވަޑައިގެންފައި ނުވާ ކަމަށެވެ.
ރައީސް މުޢިއްޒު ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ސައުދީ އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ ބައެއް ވަޒީރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން، މާލީ ވަޒީރު މޫސާ ޒަމީރު، ޚާރިޖީ ވަޒީރު ޑޮކްޓަރު ޢަބްދުﷲ ޚަލީލް އަދި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މީގެ އިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުނާއި، ޗީފް އޮފް ޕްރޮޓޮކޯލް މުޙައްމަދު ޝަހުދީގެ އިތުރުން ބައެއް ވަޒީރުންގެ އަނބިކަނބަލުން ވެސް ވަނީ އެ ދަތުރުގައި ބައިވެރިވެފަ އެވެ.
ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ރައީސް މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި ދިވެހި ހައްޖާޖީންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން، ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އަދި ސައުދީ ސަރުކާރުގެ ބައެއް އިސްވެރިންނާ ވެސް ވަނީ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުންތަކުގެ ފޮޓޯ އާއި ޚަބަރުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ވަނީ ޝާއިއު ވެސް ކޮށްފަ އެވެ.