ކ. މާލެ
|
30 ސެޕްޓެންބަރ 2024 | ހޯމަ 11:57
ކ.މާލެ، މ.ބަޑިކުޅިމާގެ، 47 އަހަރުގެ އާއިޝަތު ޝާދިޔާގެ މައްސަލައިގައި ކުރިއަށް ދިޔަ އަޑުއެހުން
ކ.މާލެ، މ.ބަޑިކުޅިމާގެ، 47 އަހަރުގެ އާއިޝަތު ޝާދިޔާގެ މައްސަލައިގައި ކުރިއަށް ދިޔަ އަޑުއެހުން
ޕޮލިސް
ޑރ ޝާދިޔާ ހައްޔަރުކުރުން
ޝާދިޔާ ހައްޔަރުކުރީ އެ ސަރަޙައްދުން ނުދާނެކަމަށް ބުނެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުން: ޕީޖީ އޮފީސް
ސީސީޓީވީ ފުޓޭޖުތަކަށް ބަލާއިރު، އެމްބަސީ ހުރި ތަނާއި، އެއްވެ ތިބި ތަނުގެ ދުރުމިން ވަރަށް ސާފުކޮށް ފެންނަ ކަމަށް ދައުލަތުން ބުނޭ
ޝާދިޔާގެ ވަކީލު ވިދާޅުވީ، ޝާދިޔާ ގެންދެވީ ފުލުހުން އަންގަމުން ދިޔަ ގޮތަށް އަމަލު ކުރަމުން ކަމަށް

ފަލަސްތީނާ ގުޅޭގޮތުން އަޑުއުފުލަމުން ދަނިކޮށް ހައްޔަރުކުރިކަމަށް ބުނެ ކ.މާލެ، މ.ބަޑިކުޅިމާގެ، 47 އަހަރުގެ އާއިޝަތު ޝާދިޔާގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފިއެވެ.  

މިއީ ޝާދިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެކެވެ. އެއީ ޝާދިޔާ ބަންދު ކުރި އަމުރަކީ ޤާނޫނާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

އޭނާގެ ފަރާތުން 3 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވެ.

އިސްތިއުނާފު ހުށަހަޅުއްވަމުން އޭނާގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ، އެ އަމުރު ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނާ ޚިލާފު ކަމަށާއި، ސުލްޙަވެރިކަމާއެކު އެއްވާ އެއްވުމެއް ރޫޅާލައި ބާރުގެ ބޭނުން ކުރުމާއި، ޒިންމާ ކުރުވުމާ ގުޅޭގޮތުން އެ ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާވެސް ޚިލާފު ކަމަށެވެ.

އޭނާ ގެ ވަކީލު ވިދާޅުވީ، ޑިޕްލޮމެޓިކް މިޝަންތަކާއި އެމްބަސީތަކާ 50 ފޫޓު ކައިރީގައި ހުއްޓި ތިބެ މުޒާހަރާ ނުކުރެވޭނެކަމަށް ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، ނަމަވެސް ފުލުހުން ކޯޓުގައި އެ ނުކުތާއާމެދު އިހުމާލު ވެފައިވާ ކަމަށެވެ. އެގޮތުން ފުލުހުން ކޯޓުގައި ބުނެފައިވަނީ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނުން އެއްވެސް ސިފައެއްގައި އެމްބަސީއެއް ހުންނަ ސަރަޙައްދެއްގައި އެއްވެ އުޅުން ހުއްދަ ނުކުރާ ކަމަށްކަން ވަކީލު ފާހަގަ ކުރެއްވިއެވެ.  

އޭގެ އިތުރުން، ޑިޕްލޮމެޓިކް މިޝަންތަކާއި އެމްބަސީތަކާ 50 ފޫޓު ކައިރީގައި ހުއްޓި ތިބެ މުޒާހަރާ ކުރާ ޙާލަތުގައިވެސް އަމަލު ކުރަން ޖެހޭ ވަކި ގޮތްތަކެއް އޮންނަކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ، އެ ޙާލަތުގައި އެ އެއްވުމެއް ރޫޅާލެވިދާނެ ކަމަށާއި، އެކަމަށްޓަކައި ބާރުގެ ބޭނުން ކުރަން ޖެހޭ ގޮތުގެ އިޖުރާއަތެއްވެސް ލިޔެފައިވާ ކަމަށެވެ.

ވަކީލު ވިދާޅުވީ، ޝާދިޔާ ގެންދެވީ ފުލުހުން އަންގަމުން ދިޔަ ގޮތަށް އަމަލު ކުރަމުން ކަމަށެވެ.

Advertisement

ދެވަނަ ނުކުތާއެއްގެ ގޮތުން ވަކީލު ވިދާޅުވީ، އޭނާ 3 ދުވަހަށް ބަންދު ކުރުމަށް އޭރު ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ބަންދު ކުރުމަށް ބާރު ލިބިދޭ އެއްވެސް ހެއްކެއްވެސް ނެތި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

އޭގެ އިތުރުން، އޭނާއަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ މީހެއް ގޮތުގައި ކަނޑައަޅައި 3 ދުވަހަށް ބަންދު ކޮށްފައިވަނީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމަށް އިސްތިއުނާފީ 3 ވަނަ ނުކުތާ ހުށަހަޅުއްވަމުން ވަކީލު ވިދާޅުވިއެވެ.  

މި އަޑުއެހުމުގައި ދައުލަތުން ވަނީ އިސްތިއުނާފަށް ޖަވާބު ދީފައެވެ. އެގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އިސްތިއުނާފީ ކޯޓަށް މައްސަލައެއް ހުށަހަޅާނަމަ ޙުކުމް ކުރި ނުވަތަ ނިންމުމެއް ނިންމި ފަނޑިޔާރު މައްސަލަ ބެލުމަށް ހުރަސް އެޅޭ ފަދަ ކަމެއް ކޮށްފައިވޭތޯ ބަލަން ޖެހޭ ކަމަށާއި، އެފަދަ ކަމެއް ކޮށްފައިނުވާ ކަމަށެވެ.

އަދި މި މައްސަލައިގައި ފަނޑިޔާރު ހައްދަވާފައިވާ ގޯހެއް ހައިކޯޓުގައި ބަޔާންކޮށްފައި ނުވާ ކަމަށާއި، ހަމައެކަނި ފާހަގަކޮށްފައިވަނީ އެއްވެ އުޅުމުގެ ޤާނޫނާ ޚިލާފަށް ހައްޔަރު ކުރިކަމުގެ ވާހަކަ ކަމަށެވެ.

އެހެންކަމުން މިއީ އިސްތިއުނާފު ކުރުމަށް ހުށަހެޅޭ ބާވަތުގެ މައްސަލައެއް ނޫންކަމުން އެކަމުގައި ގޮތެއް ނިންމެވުމަށް ދައުލަތުގެ ވަކީލު އެދިލެއްވިއެވެ. އެއަށްފަހު ދައުލަތުން ވަނީ އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދީފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އެމީހުން ހައްޔަރުކުރީ އޮސްޓްރޭލިއަން ހައިކޮމިޝަނާ ޔޫއޭއީ އެމްބަސީ ޤާއިމުކޮށްފައި ހުރި ސަރަޙައްދުގައި މަޑުކޮށް އަޑުގަދަ ކުރާ ބޭނުންކޮށް ހަޅޭއްލަވައި، ޑިޕްލޮމެޓިކް މިޝަންތަކަށް ދަތިވާ ގޮތަށް އަމަލު ކޮށް، އެ ސަރަޙައްދުން ދިއުމަށް ފުލުހުން އެންގުމުން އެ ސަރަޙައްދުން ނުދާނެކަމަށް ބުނެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާތީ ކަމަށެވެ.

މިއީ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނާ ޚިލާފަށް ރާއްޖެއިން ބޭރުގައި ހުންނަ ޑިޕްލޮމެޓިކް އެކިއެކި މިޝަންތައް ކައިރިއަށް އެކި ދުވަސްވަރު ގޮސް އެތަންތަނުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި، ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ޑިޕްލޮމެޓިކް މިޝަންތަކަށް އަދި ޑިޕްލޮމެޓުންނަށް ދަތިވާ ގޮތަށް އިސްތިއުނާފު ކުރާ ފަރާތުންނާ އަދި އިތުރު ފަރާތަކުން އަމަލު ކޮށް، 27 އޯގަސްޓު 2024 ވަނަ ދުވަހު 13:00 އެހާއިރު އޮސްޓްރޭލިއަން ހައިކޮމިޝަނާ ޔޫއޭއީ އެމްބަސީ ޤާއިމުކޮށްފައި ހުރި އަމީރު އަހުމަދު މަގުގައި ހުންނަ ހޮޓަލް ޖެން ކައިރިއަށް އިސްތިއުނާފު ކުރާ ފަރާތާއި އަދި އިތުރު ފަރާތަކުން ގޮސް އެ ސަރަޙައްދުގައި މަޑުކޮށް އަޑުގަދަ ކުރާ ބޭނުންކޮށް ހަޅޭއްލަވައި، ޑިޕްލޮމެޓިކް މިޝަންތަކަށް ދަތިވާ ގޮތަށް އަމަލު ކޮށް، އެ ސަރަޙައްދުން ދިއުމަށް ފުލުހުން އެންގުމުން އެ ސަރަޙައްދުން ނުދާނެކަމަށް ބުނެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅީމަ ހައްޔަރުކުރީ
ދައުލަތުގެ ވަކީލު

ދައުލަތުގެ ވަކީލު އިތުރަށް ވިދާޅުވީ، 50 ފޫޓުގެ ވާހަކަ ދައްކާނަމަ، މި މައްސަލައިގައި ހުށަހެޅިފައިވާ ސީސީޓީވީ ފުޓޭޖުތަކަށް ބަލާއިރު، އެމްބަސީ ހުރި ތަނާއި، އެއްވެ ތިބި ތަނުގެ ދުރުމިން ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ.

އޭގެ އިތުރުން، ޑރ ޝާދިޔާއަކީ އެމްބަސީތަކާއި އެމްބަސީތަކުގައި މަސައްކަތް ކުރާ ފަރާތްތައް ދިރިއުޅޭ ތަންތަން ކައިރިއަށް ގޮސް، އެ ފަރާތްތައް ބިރުހީވާ ގޮތަށް ތަކުރާރުކޮށް އަމަލުކޮށްފައިވާ މީހެއްކަން ފުލުހުންގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ލިއުންތަކުން އެނގޭ ކަމަށާއި، ވިއެނާ ކޮންވެންޝަންގެ ދަށުން އެމްބަސީތަކުގައި އުޅޭ ފަރާތްތައް ރައްކާތެރި ކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކަމެއްކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު, އަލްއުސްތާޛް މުޙައްމަދު ސަލީމް, އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިންއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް