މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވާ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ އިސްތިއުނާފުގެ މައްސަލަ ނިންމާލައިފިއެވެ.
ޝައްމާނު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކޮށްދިނުމަށް އެދި، މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް 29 އޭޕްރިލްގައި ހައި ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ އެ ދެ އަމުރު ވެސް ބާތިލު ކުރާނެ ތަނެއް ނެތް ކަމަށެވެ.
ނަމަވެސް 5 މެއި 2025 ގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ރަޖިސްޓްރާ ނިންމެވީ މައްސަލަ ބަލައިނުގަތުމަށެވެ. ނަމަވެސް މައްސަލަ ބަލައިދިނުމަށް އެދި ދެވަނަ ފަހަރަށް ހުށަހެޅުމުން ކޯޓުން ވަނީ، ޝަމްއާން ބަންދުކުރި މައްސަލަ ބަލައިގަތުމަށް ނިންމައިފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އާދިއްތަ ދުވަހު އެވެ. އަދި އާދިއްތަ ދުވަހު ވަނީ މައްސަލަ ނިންމާލާފައެވެ.
މިއަޑު އެހުމުގައި ޝަމްއާންގެ ގާނޫނީ ވަކީލު ނޫރުއްސަލާމު ވިދާޅުވީ ކޮރަޕްޝަނުގެ މައްސަލަ ބެލުމަށް އުފައްދައި، ގާނޫނީ ބާރު ދީފައިވާ އޭސީސީގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް އެކަނި ކޮރަޕްޝަންގެ މައްސަލައެއްގެ ތަހުގީގެއް ނުހިންގޭނެ ކަމަށެވެ. އަދި ހައިކޯޓުން އެގޮތަށް ނިންމާފައިވަނީ ގާނޫނާ ހިލާފަށްކަން ވަކީލު ފާހަގަކުރެއްވިއެވެ.
މިއީ ކޮރަޕްޝަންގެ މައްސަލައަކަށްވާތީ، އޭސީސީއާ ނުލަައި ފުލުހުންނަށް އެކަނި ކޮރަޕްޝަނުގެ މައްސަލަ ބެލިދާނެތޯ ވަކީލު ސުވާލު އުފެއްދެވިއެވެ. މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާއާ ހިލާފުވެފައިވާކަން ހައިކޯޓުގެ ހުކުމުން ވެސް އެގެން އޮތް ކަމަށް ވަކީލު ވިދާޅުވިއެވެ.
ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ފުލުހުންނަށް އެކަނި ބެލިދާނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާ ކަމަށް ޝަމްއާންގެ ވަކީލު ވިދާޅުވާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އަދި ފުލުހުން ކޮރަޕްޝަނުގެ މައްސަލަ ބެލީ މަނީ ލޯންޑަރިންގެ ކުށާ ގުޅުވައި ކަމަށާއި، މަނީ ލޯންޑަރިންގެ ކުށް ފުލުހުން އެކަނި ބެލުމުގެ އިހުތިސާސް އެ މުއައްސަސާއަށް ލިބިގެންވާކަން ދައުލަތުގެ ވަކީލު ފާހަގަކުރެއްވިއެވެ.
ދެ ދަންފަޅިއެއް ކުރިއަށްގެންދިޔަ އަޑު އެހުމުގައި، ދައުލަތުން އެދިފައި ވަނީ، ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ އިސްތިއުނާފު ނުރެވޭނެ ނުކުތާތަކެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށެވެ. އަދި އެ ނޫން ގޮތަކަށް ނިންމާނަމަ، ފުލުހުންނަށް ކޮރްޕަޝަންގެ މައްސަލަތައް އެކަނި ބެލިދާނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުން ދަމަހައްޓައިދިނުމަށް އެދިފައިވެއެވެ.
އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވަނީ، އެ މައްސަލަ ދިރާސާކުރަމުންދާކަން ހާމަކުރައްވާފައެވެ. އަދި އިތުރުކަމެއް ސާފުކުރަން ނެތްނަމަ ދެން އެ މައްސަލައިގައި ބާއްވާނީ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހެއް ކަމަށް އިއުލާން ކުރެއްވިއެވެ.
ނަމަވެސް އަޑުއެހުން އޮންނާނެ ތާރީޚެއް އިއުލާނުކުރައްވާފައެއް ނުވެއެވެ.
ޝައްމާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ 6 އޭޕްރީލް 2025 ގައެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ފުރަތަމަ ހައްޔަރު ކުރީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ހައްޔަރުކުރީ މާޗް މަހުގެ 22 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ 15 ދުވަހު ޖެހީ މާޗް 23 ވަނަ ދުވަހު އެވެ.
އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމާއި ގުޅިގެން ފުލުހުން ބުނީ އިމިގްރޭޝަނުގައި މަސައްކަތް ކުރާ މުވައްޒަފުން، އެ އިދާރާގައި އަމަލުކުރަމުންދާ އުސޫލުކުތަކާއި ހިލާފަށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝަމްއާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ޝަމްއާންގެ މައްޗަށް 3 ދައުވާއެއް ވަނީ އުފުލާފައެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި ޝަމްއާންއަށް ކުރާ ދައުވާތަކަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާއެވެ.