ކ. މާލެ
|
26 ސެޕްޓެންބަރ 2024 | ބުރާސްފަތި 12:48
ފީފާގެ ޓީމާއި އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީން ބޭއްވި ބައްދަލުވުމެއްގެ ތެރެެއިން
ފީފާގެ ޓީމާއި އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީން ބޭއްވި ބައްދަލުވުމެއްގެ ތެރެެއިން
ރާއްޖެ އެމްވީ
އެފްއޭއެމް
ފީފާގެ ވަފުދުން ކުލަބުތަކުގެ ޙާލަތު ވެސް ދެނެގަންނަނީ
އެފްއޭއެމުން ސަސްޕެންޑު ކޮށްފައިވާ ފުރަތަމަ ޑިވިޝަންގެ ކުލަބު ވެލެންސިއާއާ މެދު ވެސް އަމަލު ކުރާނެ ގޮތަކާ މެދު، ނޯމަލައިޒިން ކޮމެޓީ އާއި ފީފާގެ ވަފުދާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގެ ފުޓުބޯޅަ ކުލަބުތަކުގެ ޙާލަތު ދެނެގަތުމަށްޓަކައި، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ޚާއްސަ ވަފުދުން މަޝްވަރާ ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއަހަރުގެ ތެރޭގައި ފީފާ އިން ވަނީ ރާއްޖެ ނޯމަލައިޒް ކުރަން ނިންމައިފަ އެވެ. އެއަށްފަހު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމެޓީ އަށް ވަނީ ފަސް މެމްބަރުން ވެސް އައްޔަން ކޮށްފަ އެވެ. އޭގެ ފަހުން ނޯމަލައިޒިންް ކޮމެޓީން ވެސް ވަނީ، ރާއްޖޭގެ ފުރަތަމަ ޑިވިޝަނާއި، ދެ ވަނަ ޑިވިޝަންގެ ކުލަބުތަކާ ވެސް ބައްދަލު ކޮށްފަ އެވެ. އެ ބައްދަލުވުމުގައި ވެސް ކުލަބުތަކުން ވަނީ، ކުލަބުތަކަށް ދިމާވެފައިވާ މާލީ މައްސަލައިގެ އިތުރުން، އެހެނިހެން ކަންކަމުގެ ކަންބޮޑުވުން ވެސް ފާޅު ކޮށްފަ އެވެ.

ފީފާގެ ޚާއްސަ ވަފުދެއް މިހާރު ރާއްޖެ އަށް ކުރަމުން އަންނަ ދަތުރުގައިި، އެފްއޭއެމާ ގުޅުން ހުރި އެކި ކަންކަމާ މަޝްވަރާ ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެފްއޭއެމަށް ދީފައިވާ ފައިސާ އަށް ވެފައިވާ ގޮތް ބެލުމަށް އެ ވަފުދުން ބާރު އަޅަ އެވެ. އަދި އެކިއެކި ގޮތް ގޮތުން އެފްއޭއެމަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ވެސް އެ ވަފުުދުން ވަނީ މަޝްވަރާ ކޮށްފަ އެވެ. އެފްއޭއެމްގެ މާލީ މައްސަލަތަކުގެ އިތުރުން، ރާއްޖޭގެ ކުލަބުތަކާ ގުޅޭ މައްސަތަކަށް ވެސް މަޝްވަރާ ކުރާނެ އެވެ.

އެގޮތުން ރާއްޖޭގެ ކުލަބުތަކަށް ދިމާވެފައިވާ މައްސަލަތަކަށް މަޝްވަރާ ކުރުމަށް، ބުރާސްފަތި ދުވަހަށް ވަނީ ތާވަލު ކޮށްފަ އެވެ. މީގެ އިތުރުން އެފްއޭއެމުން ސަސްޕެންޑު ކޮށްފައިވާ ފުރަތަމަ ޑިވިޝަންގެ ކުލަބު ވެލެންސިއާއާ މެދު ވެސް އަމަލު ކުރާނެ ގޮތަކާ މެދު، ނޯމަލައިޒިން ކޮމެޓީ އާއި ފީފާގެ ވަފުދާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ފީފާ އިން ރާއްޖެ ނޯމަލައިޒް ކޮށްފައިވާއިރު، މި މަހުގެ ތެރޭގައި ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) ވިދާޅުވެފައި ވަނީ ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށޭނީ ކުލަބުތަކަށް ދިމާވެފައިވާ މާލީ މައްސަލަ ޙައްލު ކުރުމަށްފަހު ކަމަށެވެ. އެގޮތުން އެފްއޭއެމް އިން ކުލަބުތަކަށް ދޭން ޖެހޭ ފައިސާ ނުދީ އޮތްއިރު، އެކަމުގެ ސަބަބުން ކުލަބުތަކުންް ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި އޮތްކަން ވެސް ވަޒީރު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ކުޅިވަަރު ވުޒާރާގެ އިތުރުން ކުލަބުތަކާއި، ނޯމަލައިޒިން ކޮމެޓީން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، ކުލަބުތަަކަށް ދިމާވެފައިވާ މާލީ މައްސަލަ ޙައްލު ކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް ވަޒީރު ރާފިޢު ވަނީ ވިދާޅުވެފަ އެވެ.

އޭގެ ފަހުން އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމެޓީގެ ޗެއާމަން އަޙުމަދު ޒުހޫރު ވިދާޅުވީ، ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށޭނެ ވަކި ތާރީޚެއް ދަންނަވަން ނޭނގޭ ކަމަށެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ޒުހޫރު ވިދާޅުވީ، އެފްއޭއެމްގެ ނޯމަލައިޒިން މަރުޙަލާ ފެށިފައިވާ ކަމަށެވެ. އެ މަރުޙަލާ ފެށި، ފުޓުބޯޅަ ސީޒަނެއް ފަށަން ބެލި ނަމަވެސް، މިވަގުތު އެފްއޭއެމްގެ ސްޓެޓިއުޓްސް ގައި ހުރި ބައެއް ކޮމެޓީ ތަކަކީ ހުސްވެފައިވާ ކޮމެޓީތަކެއް ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.

އެފްއޭއެމް އިން ކުލަބުތަކަށް ދޭން ޖެހޭ ފައިސާ އޮތްއިރު، އެކި އެކި އެހެން ތަންތަނަށް ވެސް އެފްއޭމުން ވަނީ ފައިސާ ދައްކަން ޖެހިފަ އެވެ. ހަމައެކަނި ސަރުކާރުގެ ކުންފުނިތަކަށް ވެސް އެފްއޭއެމުން ދައްކަން ޖެހޭ ފައިސާގެ އަދަދު ހުރީ 10 މިލިއަންގަ އެވެ. ނަމަވެސް، ނޯމަލައިޒިން ކޮމެޓީިން މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެ ދަރަނިތައް އަދާ ކުރުމުގެ މަސައްކަތެވެ. އެކަމާ ގުޅިގެން މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާ ވެސް އެ ކޮމެޓީން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

- ކޮމެންޓް