Advertisement
ކ. މާލެ
|
21 ސެޕްޓެންބަރ 2024 | ހޮނިހިރު 23:20
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެން އަމްރު
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެން އަމްރު
ރާއްޖެ އެމްވީ
ބަންކަރިންގެ ޚިދުމަތް
ބަންކަރިންގެ ޚިދުމަތުން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ޒަމާނެއް ސާފުކޮށްދޭން ޖެހޭ: އަމްރު
ބޯޓުތަކެއް ގެނެސް ޚިދުމަތް ދޭން ފެށުމުން އެކަމުގައި ހަގީގީ ފައިދާ ރާއްޖެއަށް ނުލިބޭނެ
ރާއްޖެއަށް އެންމެ ރަނގަޅީ ޓްރާސްޝިޕްމަންޓް ޕޯޓެއް ތަރައްގީކޮށް، ޚިދުމަތް ދިނުން
20 މިލިއަން ޑޮލަރު އިންވެސްޓްކުރި ކަމަށް ސަރުކާރުން ބުނާއިރު، އިންވެސްޓް ކުރީ ކޮން އެއްޗަކަށްކަން އެނގެންޖެހޭ

ރާއްޖެއަށް މުހިންމީ ޓްރާސްޝިޕްމަންޓް ޕޯޓެއް ކަމަށާއި، މިސަރުކާރުން ބަންކަރިންގެ ޚިދުމަތް ފަށާފައިވާ ގޮތުން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ޒަމާނެއް ސާފުކޮށްދޭން ޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ބަންކަރިންގެ ޚިދުމަތާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަމްރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ޕްލޭންތައް ހަދާފައިވާ ކަމަށާއި، ބައިނައިލްއަގުވާމީ ގިނަ ކުންފުނިތަކާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ގިނަ ކުންފުނިތަކުން އެކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

އަމްރު ވިދާޅުވީ ރާއްޖެއަށް އެންމެ ފައިދާވާ ގޮތަށް ބަލާއިރު، އެންމެ ރަނގަޅީ ޓްރާސްޝިޕްމަންޓް ޕޯޓެއް ތަރައްގީކޮށް އެސްޓީއޯއިން އެތަނުގައި ފިއުލް ސްޓޯރޭޖެއް ހަދައިގެން އެތަނުން ތެޔޮ ވިއްކުން ކަމަށެވެ. ނަމަވެސް މިސަރުކާރުން ބޯޓުތަކެއް ގެނެސް ޚިދުމަތް ދޭން ފެށުމުން އެކަމުގައި ހަގީގީ ފައިދާ ރާއްޖެއަށް ނުލިބޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.

މައި ސްޓޯރޭޖް އޭރުން އިންނާނީ އުތުރުގައި އެސްޓީއޯގައި. އެމަސައްކަތް ފަށައިގެން އަޅުގަނޑު ބޭރުގެ ގިނަ ފަރާތްތަކާ ވާހަކަ ދެއްކިން ތެޔޮ ފޯރުކޮށްދިނުމަށްޓަކައި. އަދި އެއަށް ބޭނުންވާ އިންވެސްޓްމަންޓްތައް ވެސް އެއަށް ބޭނުންވާ އޭރުގައި ލިބިފައިހުރީ. އޭރުގައި ވެސް ވީޓޯލް އަދި އެހެން ކުންފުނިތައް ވެސް ވަރަށް ބޮޑަށް އިންޓަރެސްޓް އޭރު ވެސް ހުރި އެކަން ކުރަން. އެއީ ވާގޮތަކީ މި ލޮކޭޝަންގެ ގޮތުން އެންމެންވެސް ބޭނުންވޭ މިތަން ނަގައިގެން ތިބެން. އެހެންވީމަ އެ އެޕްރޯޗް ވަރަށް ގިނަ ފަހަރު ކުރި. ނަމަވެސް އޭރުގެ ވިސްނުމަކީ އަމިއްލައަށް ކުރެވޭނެ ކަމެކޭ. އެހެންވެއްޖެއްޔާ އަމިއްލައަށް ކުރެވޭނެ ކަމެއް އަމިއްލައަށްށޭ ކުރަންވާނީ. އެހެންވީމަ އަދިވެސް އެގޮތަށް ހަގީގަތުގައި ކުރެވޭނެ ޖާގަ އެބައޮތް. މިހާރު ވެސް ހަގީގަތުގައި އަޅުގަނޑުމެންނަށް އެބަ ފެށޭ ރަސްމާލެ އެބަ ހިއްކާ ވާހަކަ ދައްކާ އެބަ. އެއީ ވަރަށް ބޮޑު އޭރިޔާއެއް. އަޅުގަނޑު މިދައްކަނީ ވަރަށް ކުޑަ އޭރިޔާއެއް ހިއްކާ ވާހަކަ. ރަސްމާލެ ހިއްކީމަ އޭގެން ނުލިބޭ އިމީޑިއޭޓް ރިޓާންއެއް. އެކަމަކު ޕޯޓަކަށް މިހާރު ވެސް އިންވެސްޓް ކޮށްފިއްޔާ އަޅުގަނޑުމެންނަށް އެފައިސާ ލިބި ރަސްމާލެ ހިއްކާލާނެ ފުރުސަތު ލިބޭނެ ހަމަ ކުރި މުއްދަތެއްގެ ތެރޭގައި. އެ ޕްރޮއެރިޓީ ދޭންޖެހޭ އެގޮތަށް.
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު

ބަންކަރިންގެ ޚިދުމަތުން 400 މިލިއަން ޑޮލަރުގެ އާމްދަނީ ހޯދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އަމްރު ވިދާޅުވީ މިއީ ދެކޮޅު ޖެހޭ ވާހަކައެއް ނޫން ކަމަށެވެ. 20 މިލިއަން ޑޮލަރު އިންވެސްޓް ކުރިކަމަށް މިސަރުކާރުން ބުނާއިރު، އިންވެސްޓު ކުރި އެއްޗަކާއި، 400 މިލިއަން ޑޮލަރު ލިބެނީ ކޮން ޒަމާނަކުންތޯ އަމްރު ސުވާލު އުފެއްދިއެވެ. އަދި ވިދާޅުވީ މިކަމުގެ ސާފު މައުލޫމާތު ރައްޔިތުންނަށް ހާމަކުރަންޖެހޭ ކަމަށެވެ.

ބަންކަރިންގެ ވާހަކަ ދެއްކީމަ. އަޅުގަނޑަށް މީގައި ފެނުނީ ވަރަށް އެހެން ކަހަލަ މަންޒަރެއް ހަގީގަތުގައި. އެއީ ކަންބޮޑުވާ ކަމެއް. އެސްޓީއޯއަށް ވުރެ ބޮޑަށް މިކަމުގައި ފިގާސްތަކާއި ނަންބަރުތަކުގެ ވާހަކަ ދެއްކުމާއި، މި ޕްލޭންތަކުގެ ވާހަކަ އެކޮނޮމިކް މިނިސްޓަރު ދެއްކުމަކީ ތަންކޮޅެއް އޮޑް ކަމެއް. އެއްފަހަރު ފެނުނު 400 މިލިއަން ޑޮލަރު ވަންނާނެއޭ. ދެން އެހެނެއް ޓަސްލާފައި އެކޮނޮމިކް މިނިސްޓަރަށް ވިދާޅެއް ނުވެވޭނެ. އޭގައި ދެކޮޅު ޖެހެންޖެހޭނެ. ހަގީގަތަށް ވާހަކަދައްކަންޖެހޭނެ. ޓަސްލާފައި ނަންބަރެއް ބުނީ އޭގެ ނެގެޓިވް އިންޕެކްޓް މާ ބޮޑުވޭ. 20 މިލިއަން ޑޮލަރު އިންވެސްޓް ކުރި ވާހަކަ ވެސް. އެކަމަކު އެކުރީ ކޮންއެއްޗަކަށްތޯ. 20 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން 400 މިލިއަން ޑޮލަރު ލިބޭ ވާހަކަ ބުނީމަ އެހަމައެއް ނުޖެހޭ. ރަނގަޅަށް ސާފުކޮށް ރައްޔިތުންނަށް ޖެހޭނެ ކިޔާދީ. ކޮން ޒަމާނަކުން 400 މިލިއަން ޑޮލަރު ލިބޭ ވާހަކަ ތޯ. އެއީ ޓްރާންސްޝިޕްމެންޓް ޕޯޓެއް ހަދާ އެތަނަށް އޭރުން ފިއުލްސް ސްޓޯރޭޖް ބަދަލުކޮށްގެން އޭރުން އެތަނުގެ އޮޕަރޭޝަން ދިނީމާ 400 މިލިއަން ޑޮލަރު ވަންނަ ވާހަކަތޯ.
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު

އެސްޓީއޯއިން ބުނީ އޮފްޝޯ ޚިދުމަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ބަންކަރިން ފެށިއިރު އެ ޚިދުމަތް ފޯރުކޮށްދިނުމަށް ފުރަތަމަ ބޭނުންކުރާނީ ދެ ބޯޓެއް ކަމަށެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. މި ދެބޯޓަކީ މިފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށް ބަނދެފައިވާ، ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލް އަގުވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭކަމުގެ ސެޓްފިކެޓްތައް އެލް އާރ ކްލާހުންނާއި ފްލެގް ސްޓޭޓުން ދޫކޮށް ފައިވާ ބޯޓުފަހަރު ކަމަށެވެ.

މި ދެ ބޯޓަކީ އެސްޓީއޯ އާއި ވިޓޯލްއާ ގުޅިގެން ބަންކަރިން ހިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސްއާއެކު ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރުތެރޭ އެއްކޮށް މިލްކުވާގޮތަށް ހޯދާފައިވާ ދެ ބޯޓެވެ.

ބައިނަލް އަގްވާމީ ބަންކަރިންގެ ޚިދުމަތް އިހަވަންދިއްޕޮޅުގައި ސަރުކާރުން ފެށި ނަމަވެސް، މިކަމުގެ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ. ވިޓޯލް އާއި އެސްޓީއޯ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޚަރަދު ކުރާ މިންވަރެއް އަދި ރާއްޖެއަށް ފައިދާ ލިބޭ ގޮތެއްވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް