Advertisement
ކ. މާލެ
|
18 އޯގަސްޓް 2025 | ހޯމަ 13:52
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބޭއްވި މުޒާހަރާގެ ތެރެއިން
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބޭއްވި މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
މަސްވެރިކަން ދަށަށް ދިއުން
ރައްޔިތުންނަށް ދަތިވެ، މަސްވެރިކަން ވެސް މިދިޔަ 26 އަހަރަށްވުރެ ދަށަށް ނުދާ މިންވަރަށް މިސަރުކާރުގައި ވަނީ ދަށަށް ގޮސްފައި: އަމްރު
ފެލިވަރުގައި ލޯކަލް މާކެޓަށް ޕެކްކޮށްފައި ހުރި ދަޅުމަސްތައް ނުވިކިގެން ފެކްޓްރީ ބޭރުގައި އެބަހުރި
ހަރަދު ބޮޑުވުމުގެ ސަބަބުން މީގެ ކުރިން މަހަށް ދިޔަ ގޮތަށް މަސްވެރިން މަހަށް ނުދޭ
ކައުންސިލްތަކުގެ ބާރުހަނިކޮށް، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ވެސް ހުއްޓުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައި

ރާއްޖޭގެ ރައްޔިތުންނަށް ދަތިވެ، މަސްވެރިކަން ވެސް މިދިޔަ 26 އަހަރަށްވުރެ ދަށަށް ނުދާ މިންވަރަށް މިސަރުކާރުގައި ދަށަށް ގޮސްފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަމްރު ވިދާޅުވީ މިސަރުކާރުގައި ރާއްޖޭގެ ރައްޔިތުންނަށް ދަތިކޮށްފައިވާ ކަމަށާއި، ދިރިއުޅުމުގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށެވެ. އެކަން ވިޔަފާރިކުރާ މިންވަރަށް ބަލާލުމުން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މަސްދަޅެއް ގަތުމަށް ވެސް ރައްޔިތުންނަށް ދަތި ކަމަށާއި، ފެލިވަރުގައި ލޯކަލް މާކެޓަށް ޕެކްކޮށްފައި ހުރި ދަޅުމަސްތައް ނުވިކިގެން ފެކްޓްރީ ބޭރުގައި އެބަހުރި ކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތަށް އިޝާރާތް ކުރައްވައި އަމްރު ވިދާޅުވީ މިއީ ރާއްޖޭގެ އިގްތިސާދު ހިންގާ އެންމެ ބޮޑު އެއް ސިނާއަތް ކަމަށްވާއިރު، މިސިނާއަތް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ 26 އަހަރުގެ ތެރޭގައި ދަށަށް ނުދާ މިންވަރަށް މިއަހަރާއި، މިދިޔަ އަހަރު ދަށަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ހަރަދު ބޮޑުވުމުގެ ސަބަބުން މީގެ ކުރިން މަހަށް ދިޔަ ގޮތަށް މަސްވެރިން މަހަށް ނުދާ ކަމަށާއި، ކުރިން މަސްހޯދުމަށް މަސްވެރި ދޯނިތައް ދުއްވި ގޮތަށް ނުދުއްވާ ކަމަށެވެ.

ރައްޔިތުންނަށް ދަތިވެފައި ތިބި ވަރަކީ އާއްމުކޮށް ގިނަ ރަށްރަށުގައި މަސްވެރިކަމުން މި ފައިސާ ހޯދަނީ. މިސަރުކާރުން އައި ގޮތަށް އައިސް 16 ރުފިޔާއަށް މަސްކިލޯއެއްގެ އަގު ތިރިކޮށްލީމަ. އަގު ތިރިކޮށްލިއިރުގައި ތެލުގެ އަގުހުރީ ހަމަ އޭރު ވެސް ހުރިއަގުގައި. އެހެންވީމަ މަހަށް ގޮސްގެން ދެކޮޅެއް ނުޖެހޭ. އެހެންވީމަ އަޅުގަނޑުމެންނަށް މިފެނުނީ މިދިޔަ 26 އަހަރު މަސްވެރިކަން ކުރިވަރަށްވުރެ ދަށްކޮށް 2024 އާއި 2025 މިދަނީ. މަސް ނުބާނާ. މަސް ނުބޭނެނީ މަސް ބާނަން ކުރަންޖެހޭ ހަރަދު ބޮޑުވެގެން މަސް ބާނަން ނުދަނީ. މަސް ކަނޑައެޅިގެން ވަރަށް ކައިރިން މަސް ބޭނޭނެ ކަމަށް މަސްވެރިންނަށް އެނގެންޏާ ނުކުންނަނީ މަހަށް. އެނެހެން މަސް ހޯދުމަށްޓަކައި ކުރިން މަހަށް ދުއްވާހެން މިހާރު ނުދުއްވާ. އެހެންވީމަ މަހެއް ނުލިބޭ. މަސް ނުލިބެންޏާ އެރަށުގެ އާމްދަނީއަށް ކޮން އެއްޗެއްތޯ ލިބޭނީ. ކޮންއެއްޗެއްތޯ ވަންނާނީ. އެކައްޗެއް ވެސް ނުވަދޭ. އެހެންވީމަ ރައްޔިތުން ވަރަށް ބޮޑަށް ނިމަތިވެގެން އެބަދޭ.

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

މިއީ ރައްޔިތުން ނިކަމެތިކުރާ ސަރުކާރެއްކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ މިހާރު ކައުންސިލްތަކުގެ ބާރުހަނިކޮށް، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ވެސް ހުއްޓުމުގެ މަސައްކަތް ފަށާފައިވާ ކަަމަށެވެ. ގައުމެއްގައި ރައްޔިތުން ކުރިނާރާނަމަ އަދި ދިރިއުޅުމުގެ ހާލަތު ރަނގަޅުނުވާނަމަ އެގައުމެއް ކުރިއަރައިގެން ނުދާނެ ކަމަށާއި، މިސަރުކާރުގައި ރާއްޖެ ކުރިނާރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މިއަދު ރައްޔިތުންދަނީ ބޭހުގެ އިތުރުން ބޯހިޔާވަހިކަމާއި، އެހެނިހެން އަސާސީ ޚިދުމަތްތައް ހޯދުމަށް އާދޭސް ކުރަމުން ކަމަށެވެ. އަދި ރައްޔިތުން ނުކުމެ މިހާލަތު ބަދަލު ކުރުމަށް އަމްރު ގޮވާލެއްވިއެވެ.

- ކޮމެންޓް