ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރައްޔިތުން ގަނަތަޅުވަމުންދާ ކަމަށާއި، ގެދޮރުވެރިޔާގެ ސްކީމުން ފްލެޓަށް ލީ މީހުން މިހާރު ތިބީ ނަފްްސާނީވާ ހިސާބަށް ގޮސްފައި ކަމަށް މާލެސިޓީ ކައުންސިލުގެ މެންބަރު މުހައްމަދު ސައިފް ފާތިހް ވިދާޅުވެއްޖެއެވެ.
މާލެސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްވަމުން ސައިފް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުން ފްލެޓަށް ކުރިމަތިލި ރައްޔިތުންނަށް މިސަރުކާރުން ވަރަށް ބޮޑަށް ދަތިކުރަމުންދާ ކަމަށާއި، މިކަން މިސަރުކާރުން މުސީބާތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ސައިފް ވިދާޅުވީ ފްލެޓުގެ ކަންކަމުގައި ކޮޅެއް މެދެއް ފެށޭތަނެއް ނިމޭތަނެއް ނޭނގޭ ކަމަށާއި، ކަންވާރު ބޮޅެއްހެން ރީތިކޮށް އޮޅި ސަރުކާރުން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނިންމާފައިވާ ކަމަށެވެ. ރައްޔިތުންގެ އަސާސީ ކަންކަން ހަނދާން ނައްތާލައި، ލިސްޓު އާއްމުކުރާނެ ކަމަށް ބުނެ ސާދާ ވާހަކަތަކެއް ދެއްކި ނަމަވެސް ފްލެޓު ލިބޭ މީހުންނާއި، ނުލިބޭ މީހުން ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފްލެޓު ދޫކުރަނީ ކުރީ ސަރުކާރުގެ ލިސްޓަށް ކަމަށް ބުނި ނަމަވެސް އެލިސްޓު ގަޑުބަޑު ކޮށްފައިވާ ކަމަށް ސައިފް ވިދާޅުވިއެވެ.
މީގެ އިތުރުން ސައިފް ވިދާޅުވީ ފްލެޓް ލިބުނު މީހުން 15 އަހަރު ދުވަހު މާލޭގައި ދިރިއުޅުނުކަން ސާބިތުކޮށް ދިނުމަށް އެތައް ފަހަރަކު ލިޔުން ހުށަހަޅާފައިވާ ކަމަށާއި، ލިޔެކިއުންތައް ހުށަހެޅުނު އަދަދު އެމީހުންނަށް ވެސް ނޭނގޭ ކަމަށެވެ.
ދެން އަޅުގަނޑު މިހެން ދެންނެވީމަ ސަރުކާރުން ފޮނުވާ ޖަވާބުގައި ވިދާޅުވާނެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމުގައި ދެއްވާފައި އޮތް ލިސްޓަށްށޭ ތިމަންނާމެން މި ދެނީ. އެކަމަކު ކަނޑައެޅިގެން އަޅުގަނޑަށް ވެސް ތިބޭފުޅާއަށް ވެސް ބައްލަވަން ތިއްބެވި ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ އެ 4000 ގެ ތެރޭގައި ލިސްޓުގައި ހިމެނުނު އެތައް ބަޔަކަށް މިހާރު އެދަނީ އަންގަމުން އަނެއްކާ ވެސް މިހާރު އަޅުގަނޑަކަށް ނޭނގޭ އަތުގެ އިނގިލިން ގުނާ އަދަދު ނުކުރެވޭނެ ކިތައް ފަހަރުކަމެއް ފްލެޓަށް ކުރިމަތިލި މީހުން އެމީހުން 15 އަހަރު އުޅުނުކަން މާލޭގައި ސާބިތުކުރަން ޝަކުވާއަށް ލިޔެކިއުން ހުށަހެޅީ ކިތައް ފަހަރު ކަމެއް ނޭނގޭ. އަތުގެ އިނގިއްޔަކުން ގުނައެއް ނުނިމޭނެ. އެހެންވީމަ އަނެއްކާ ވެސް އެކަން ސައްހަ ކުރަން ނޫނިއްޔާ 15 އަހަރު އެމީހުން މާލޭގައި އުޅުނުކަން ސާބިތުކުރަން މިއަންގަނީ. އަންގާފައި މިއީ ކޮންބައެއް ކަމެއް ނޭނގޭ. އަދި އަންގައިގެން އެ ސާބިތުނުވަނީ އެބޭފުޅުން ކޮން ކެޓަގަރީއަކުން ކިހިނެތް ބައްލަވައިގެން ކަމެއް ވެސް ނޭނގޭ. އެ ސާބިތުނުވީމަ ދެން ވާ ގޮތެއް ވެސް ނޭނގޭ. އެހެންވީމަ ލިބުނު މީހެއް ނުލިބޭ މީހެއް އެއްގޮތަކަށް ވެސް ސާފެއް ނުވޭ.
މާލެސިޓީ ކައުންސިލުގެ މެންބަރު މުހައްމަދު ސައިފް ފާތިހް![]()
މި ސަރުކާރަށް އެއް އަހަރުވުމާ ގުޅިގެން ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި ސައިފް ވިދާޅުވީ ފްލެޓު ދޭއިރު، ލިސްޓު އާއްމުކޮށް، ދެފުށް ފެންނަ ގޮތަކަށް ހުރިހާ ކަމެއް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށެވެ. އަދި ފްލެޓު ލިސްޓުގައި ތިބި މީހުންނަށް ވެސް އެ މީހުންނަށް ލިބޭ ޕޮއެންޓްގެ ތަފްސީލު ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައިފް ވިދާޅުވީ ފްލެޓު ދޫކުރުމުގައި ރައްޔިތުން ގެންގުޅެމުންދަނީ ބޮޑު އޮޅުން ބޮޅުންގަނޑެއްގެ ތެރޭގައި ކަމަށާއި، ރައްޔިތުން ތާށިކޮށް ހާސް ކަމެއްގެ ތެރޭގައި ރައްޔިތުން ގަނަތަޅުވަމުންދާ ކަމަށެވެ. އަދި ފްލެޓުކަންތަކުގައި ސަރުކާރުން އަމަލުކުރާ ގޮތުން މިއަދު ރައްޔިތުން ތިބީ ނަފްސާނީވާ ހިސާބަށް ގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.