Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 17:54
ހޯމަ ދުވަހު ޖުޑިޝަރީ ކޮމެޓީގައި އައްބާސް ޝަރީފް ވާހަކަދައްކަވަނީ
ހޯމަ ދުވަހު ޖުޑިޝަރީ ކޮމެޓީގައި އައްބާސް ޝަރީފް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ޕީޖީގެ މަގާމަށް އައްބާސް
ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރަން ކޮމެޓީން ފާސްކޮށްފި
މަގާމަށް އައްޔަން ކުރެވޭ ހިސާބުން ފެށިގެން ޕީޖީ އޮފީހުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނެ
ދައުވާތައް އަވަސް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ
މިދިޔަ ބުދަ ދުވަހުގެ ރޭ ދައުރުން ބޭރުން ބޭއްވި ޖަލްސާއަށް ރައީސް ހުށަހެޅުއްވާފައިވަނީ އައްބާސްގެ ނަންފުޅު އެކަނި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ކަމުގެ މަގާމަށް އައްޔަންކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ، ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް އައްބާސް ޝަރީފް، އެ މަގާމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

11 ސެޕްޓެންބަރ 2024 ވީ ބުދަ ދުވަހުގެ ރޭ ދައުރުން ބޭރުން ބޭއްވި މަޖިލިސް ޖަލްސާއަށް ރައީސް ހުށަހެޅުއްވާފައިވަނީ އައްބާސްގެ ނަންފުޅު އެކަންޏެވެ.

ރައީސް މުއިއްޒު ފޮނުއްވި ސިޓީ ފުޅުގައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމް ހުސްވެފައިވާތީ އެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރުމަށްޓަކައި ޤާނުނު ނަންބަރު 9/2008، ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން އާއްމުކޮށް އިއުލާން ކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ހ.ޔެލޯ ރޯޒް އަލްއުސްތާޒް އައްބާސް ޝަރީފް އައްޔަނުކުރުމަށްޓަކައި އެމަނިކުފާނުގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިދެއްވާ، މަޖިލީހުން ނިންމެވި ގޮތް އަންގަވައިދެއްވުމަށެވެ. އެއާއެކު މަޖިލީހުގެ ތަޅުމަށް ރައީސްގެ ސިޓީފުޅު އިއްވެވުމަށްފަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ރައްޔިތުންގެ މަޖިލީގެ ޤަވާއިދުގެ 129 ވަނަ މާއްދާގެ ކ ގެ ދަށުން އަލްއުސްތާޛު އައްބާސްގެ ނަންފުޅު ޖުޑީޝަރީ ކޮމިޓީން ގޮތެއް ނިންމެވުމަށް ވަނީ އެ ކޮމެޓީއަށް ފޮނުއްވާފައެވެ.

Advertisement

ހޯމަ ދުވަހު ބޭއްވި ޖުޑިޝަރީ ކޮމިޓީއަށް އައްބާސް ހާޒިރުކޮށް މެންބަރުން ވަނީ އިންޓަވިއުކޮށްފައެވެ. އިންޓަވިއުއަށްފަހު، ކޮމިޓީ މެންބަރުންގެ އިއްތިފާގުން، އައްބާސް އެ މަގާމަށް އައްޔަނުކުރުމަށް ވަނީ ފާސްކޮށްފައެވެ.

އިންޓަވިއުގައި އައްބާސް ވިދާޅުވީ މަގާމަށް އައްޔަން ކުރެވޭ ހިސާބުން ފެށިގެން ޕީޖީ އޮފީހުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި، ވަގުތަށް ވަރަށް ބޮޑަށް އިސްކަން ދޭނެ ކަމަށެވެ. އަދި ޕްރޮޑަކްޓިވިޓީ ރޭޓަށް ވަރަށް ބޮޑަށް ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް މައްސަލަތަކަށް އިޝާރާތް ކުރައްވައި އައްބާސް ވިދާޅުވީ ދައުވާތައް އަވަސް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.

ދައުވާތައް އަވަސް ކުރުމަށްޓަކައި އަޅުގަނޑުގެ ވިސްނުމުގައި އެބަހުރި މައްސަލަ ފެށޭ ހިސާބަކީ ތަހުގީގު ކުރާ ހިސާބު ކަމަށްވާތީ އެހިސާބުން ފެށިގެން ވެސް ޚާއްސަކޮށް ބޮޑެތި މައްސަލަތަކުގައި ޕްރޮސެކިއުޓަރުންގެ ދައުރު އެހިސާބުން ފެށިގެން ވެސް ފަށާގޮތަށް. އަޅުގަނޑުމެން އުސޫލުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށްވާނަމަ ބަދަލު ގެނެސްގެން މިހާރު ވެސް އަޅުގަނޑަށް އިނގޭ މިހެން ދަންނަވާއިރު ވެސް ޑިއުޓީ ޕްރޮސެކިއުޓަރ ހުންނަވާ ކަމާއި، ބައެއް ކަހަލަ މައްސަލަތަކުގައި ޑިއުޓީ ޕްރޮސެކިއުޓަރއެއް ކޮށް އެންމެ ފުރަތަމަ ވެސް ސްޓޭޖުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަން. މައުލޫމާތު ލިބިފައި އޮތް ގޮތުގައި އެބާވަތުގެ މައްސަލަތައް ތަހުގީގު ނިމޭތާ ދެ ދުވަހެއް ތިން ދުވަހެއްގެ ތެރޭގައި ޝަރީއަތަށް އެބަ ހުށަހެޅޭ. އެހެންވީމަ އެ އެކްސްޕީރިއަސްގެ ބޭނުން އެބަޖެހޭ އަޅުގަނޑުމެން ކުރަން. ހަމައެކަނި ބޮޑެތި މައްސަލަތަކުގައި އިތުރަށް މެދުފަންތީގެ މައްސަލަތަކުގައި ވެސް އެ ޕްރޮސެކިއުޓަރުންގެ ބައިވެރިވުން އެންމެ ފުރަތަމަ ސްޓޭޖުން ފެށިގެން އަޅުގަނޑުމެންނަށް ކުރެވިއްޖެކަމަށްވަންޏާ ބައިވެރިވެވޭގޮތް ހެދިއްޖެ ކަމަށްވަންޏާ މިދަންނަވާހެން މައްސަލަ ނިމޭތާ ދެދުވަހެއްގެ ތެރޭގައި ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ. އެއީ އެއްކަންތައް ކުރެވިދާނެ.
އައްބާސް ޝަރީފް

އަންގާރަ ދުވަހު ވެސް ދައުރުން ބޭރުން ވަނީ މަޖިލިސް ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. ބެލެވޭގޮތުގައި އަންގާރަ ދުވަހުގެ ޖަލްސާއަށް އައްބާސް ޕީޖީގެ މަގާމަށް އައްޔަނުކުރަން ރުހުން ދިނުން އޮންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް