ކ. މާލެ
|
25 ޖޫން 2024 | އަންގާރަ 19:38
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު
ރައީސް އޮފީސް
ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅު
މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
މިކަމާއި ގުޅޭގޮތުން ސަރުކާރުގެ ބަހެއް ލިބޭގޮތެއް ނުވި
ރައީސް އޮފީހުން މީގެ ކުރިން އެ މައުލޫމާތު ދެނީ ވަކިވަކި ކަންކަމަށް ހިނގި ހަރަދު ހިމަނާފައި
ރައީސްގެ ދަތުރުފުޅުގެ ހަރަދުގެ ތަފްސީލު ނުދީ ދީފައިވަނި މުޅި ދަތުރަށް ހިނގި ހަރަދުގެ އަދަދު

އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅަށް ހިނގި ހަރަދުގެ ތަފްސީލެއް ރައީސް އޮފީހުން ހާމަނުކޮށް ހިނގި ހަރަދުގެ ޖުމްލަ ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހުރިއްޔާގެ ނައިބު ކުރައްވާ ދަތުރުފުޅުގެ ތަފްސީލު ހާމަކުރާނެކަމަށް މީގެ ކުރިން ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި ދަތުރުފުޅުތަކުގެ ތަފްސީލުތައް، ޓިކެޓަށް ހިނގި ހަރަދާއި، ދަތުރުގެ ހަރަދާއި، ކެއުމާއި ހުރުމާއި އަދި ޕޮކެޓްމަނީ ހިމެނޭހެން ހުރިހާ ތަފްސީލެއް ހާމަކުރަމުންދިޔައެވެ.

ނަމަވެސް މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ކުރެވި ދަތުރުފުޅުގެ ހަރަދުގެ ވަކިވަކި ތަފްސީލެއް ހާމަނުކުރައްވާ މުޅި ދަތުރުގެ ހަރަދު ވަނީ ދީފައެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަށް 1،440،170.033 (އެއްމިލިއަން ހަތަރުލައްކަ ސާޅީހާސް އެއްސަތޭކަ ހަތްދިޔަ ރުފިޔާ ތިރީސް ތިން ލާރި) ހަރަދުވި ކަމަށެވެ. ނަމަވެސް ހަރަދުތަކުގެ ތަފްސީލު ހާމައެއް ނުކުރެއެވެ. މީގެ ކުރިން ޓިކެޓާއި، ޕޮކެޓްމަނީއާއި އެކަމަޑޭޝަން އަދި ކެއުމުގެ ހަރަދުތައް ވަކިވަކިން ހިއްސާކޮށްފައިވެއެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސްގެ ރަސްމީ ވަފުދައި، ސަޕޯޓް ސްޓާފުންގެ ގޮތުގައި ޖުމްލަ 20 ބޭފުޅަކު ބައިވެރިވި ކަމަށެވެ. އަދި މި ދަތުރުފުޅަށް ދައުވަތު ލިބުނީ ވަގުތުކުޑަތަންވެފައިވަނިކޮށް ކަމުން ދިވެހި ސަރުކާރުގެ ވަފުދު އިންޑިއާއަށް ދަތުރުކުރައްވާފައިވަނީ ދުބާއީ އަދި ސްރީލަންކާ މަގުން ކަމަށެވެ. މިހެންކަމުން ޓްރާންސިޓް ކުރުމާއެކު ދަތުރުފުޅުމަތީ ކޮންމެ ފަހަރަކުވެސް 12 ގަޑި އިރާއި 24 ގަޑީއިރުގެ ވަގުތެއް ހޭދަވި ކަމަށެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މި ދަތުރުފުޅުގައި ހާސިލްވިކަމަކީ އިންޑިއާއާއި ދިވެހި ސަރުކާރާއި ދެމެދު އަބަދުވެސް އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރެއްވުން ކަމަށެވެ.

ރައީސްގެ ދަތުރުފުޅުގެ ހަރަދުގެ ތަފްސީލާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ރައީސް އޮފީހަށާއި، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓް އަދި އިސްތަރުޖަމާނަށް ގުޅައިގެން ހޯދަން އުޅެ ފޯނު ނުނެގުމުގެ ސަބަބުން އެކަންވަނީ ކާމިޔާބުވާގޮތަށް ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް