ކ. މާލެ
|
17 ސެޕްޓެންބަރ 2024 | އަންގާރަ 09:24
ޖޯޖިއޯ ކިއެލީނީ
ޖޯޖިއޯ ކިއެލީނީ
ގޯލް.ކޮމް
ޔުވެންޓަސް
ކިއެލީނީ އެނބުރި ޔުވެންޓަސްގެ މަޤާމަކަށް
ޔުވެންޓަސްގައި ކިއެލީނީ ހަވާލުވީ މަޤާމުގައި އޭނާ ކުރަން ޖެހޭ ރަސްމީ މައިގަނޑު މަސައްކަތަކީ ފުޓުބޯޅަ އިންސްޓިޓިއުޝަނަލް ގުޅުންތަކުގެ މަސައްކަތެވެ.

އިޓަލީގެ ޔުވެންޓަސްގެ ކުރީގެ ކެޕްޓަން ޖޯޖިއޯ ކިއެލީނީ، އަލުން އެނބުރި ޔުވެންޓަސްގެ މަޤާމަކާ ހަވާލުވެއްޖެ އެވެ.

އުމުރުން 40 އަހަރުގެ ކިއެލީނީ ވަނީ ޔުވެންޓަސްގައި ގިނަ އަހަރުތަކެއް ހޭދަކޮށްފަ އެވެ. ރޯމާ ދޫކޮށްލުމަށްފަހު، ކިއެލީނީ ޔުވެންޓަސް އަށް ބަދަލުވީ 2004 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ 2022 ވަނަ އަހަރާ ހަމައަށް އެ ކުލަބުގައި ކުޅެފަ އެވެ. ޔުވެންޓަސްގައި ހޭދަކުރި 17 ސީޒަންގެ ތެރޭގައި ކިއެލީނީ ވަނީ އެ ކުލަބަށް ކުޅެދިން 561 މެޗުގައި 36 ލަނޑު ޖަހައިފަ އެވެ. ޔުވެންޓަސް އާއެކު އޭނާ ވަނީ 20 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

ކިއެލީނީ ޔުވެންޓަސް ދޫކޮށްލީ 2022 ވަނަ އަހަރު އެވެ. އެ ކުލަބު ދޫކޮށްލުމަށްފަހު ކިއެލީނީ ބަދަލުވީ، މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ލޮސް އެންޖަލަސް އެފްސީ އަށެވެ. ނަމަވެސް، އަލުން އެނބުރި ކިއެލީނީ ވަނީ ޔުވެންޓަސްގެ މަޤާމަކާ ހަވާލުވެފަ އެވެ. އެކަން އެ ކުލަބުން ވަނީ އިއުލާން ކޮށްފަ އެވެ. ޔުވެންޓަސް އިން ހާމަކޮށްފަައިވާ ގޮތުގަައި ކިއެލީނީ ހަވާލުވީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފުޓުބޯޅަ މުއައްސަސާތަކާ ގުޅުން ބަދަހިކުރުމަށް އަމާޒުކޮށްގެން މެނޭޖަރުކަމުގެ މަޤާމާ އެވެ.

އެ މަޤާމުގައި ކިއެލީނީ މަސައްކަތް ކުރަން ފަށާފައި ވަނީ ހޯމަ ދުވަހުން ފެށިގެންނެވެ. ޔުވެންޓަސްގައި ކިއެލީނީ ހަވާލުވީ މަޤާމުގައި އޭނާ ކުރަން ޖެހޭ ރަސްމީ މައިގަނޑު މަސައްކަތަކީ ފުޓުބޯޅަ އިންސްޓިޓިއުޝަނަލް ގުޅުންތަކުގެ މަސައްކަތެވެ. އަދި އެ މަޤާމުގައި ކިއެލީނީ ރަސްމީކޮށް ރިޕޯޓު ކުރަން ޖެހޭނީ ޔުވެންޓަސްގެ ސީއީއޯ މައުރީޒިއޯ ސްކަނަވީނޯ އަށް ކަމަށް ވެސް އެ ކުލަބުން ވަނީ ހާމަކޮށްފަ އެވެ. އެ މަޤާމަށް ކިއެލީނީ ހަމަޖައްސާފައި ވަނީ ޔުވެންޓަސްގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުންނާއި، ކެޕްޓަނެއްގެ ހައިސިއްޔަތުން ކިއެލީނީ އަށް ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެންނެވެ.

ކިއެލީނީ ވަނީ ޔުވެންޓަސްގެ އިތުރުން އިޓަލީ ޤައުމީ ޓީމަށް ކުޅެ، ޤައުމީ ޓީމުގެ ކެޕްޓަކަން ވެސް ކޮށްފަ އެވެ. އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެދިން 117 މެޗުގައި އަށް ލަނޑު ޖަހައިފަ އެވެ. ކިއެލީނީގެ ކެޕްޓަންކަމުގައި އިޓަލީން ވަނީ، 2021 ވަނަ އަހަރު އިންގްލެންޑުގައި ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް