ކ. މާލެ
|
2 ޖުލައި 2025 | ބުދަ 11:18
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ގޮންޒާލޯ ގާސިއާ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ގޮންޒާލޯ ގާސިއާ އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ފީފާ ކުލަބު ވާރލްޑް ކަޕް 2025
ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް
ހާޑް ރޮޑް ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ މި ދެ ޓީމު ބައްދަލު ކުރި މެޗު ރެއާލް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ރެއާލް އިން ލަނޑު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ.
f

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވާރލްޑް ކަޕްގެ ގަދަ 16 ވަނަ ބުރުގައި އިޓަލީގެ ޔުވެންޓަސް ބަލިކޮށް، ސްޕެއިންގެ ރެއާލް މެޑްރިޑް އިން މުބާރާތުގެ ކުއާޓަރ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރެއާލް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ މޮޅުވެފަ އެވެ. އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. ޔުވެންޓަސް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު، އަނެއް މެޗުން ވަނީ ބަލިވެފަ އެވެ.

ހާޑް ރޮޑް ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ މި ދެ ޓީމު ބައްދަލު ކުރި މެޗު ރެއާލް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ރެއާލް އިން ލަނޑު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ޔުވެންޓަސްގެ ކެނާން ޔިލްޑިޒް ފޮނުވާލި ބޯޅަ ދިޔައީ ރެއާލްގެ ގޯލު ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން ރެއާލްގެ ފެޑެރިކޯ ވަލްވާޑޭ ހުރަސްކޮށްދިން ފުރުސަތެއްގައި ޖޫޑް ބެލިންހަމް ފޮނުވާލި ބޯޅަ މަތަ ކުރީ ޔުވެންޓަސްގެ ގޯލު ކީޕަރެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޔުވެންޓަސްގެ އޭރިޔާ ބޭރުން ވަލްވާޑޭ ފޮނުވާލި ނުރައްކާތެރި ހަމަލާ ބޭރުވީ ޔުވެންޓަސްގެ ގޯލު ކީޕަރުގެ އަތުގައި ޖެހިފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ވެސް ރެއާލް އިން ވަނީ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްފަ އެވެ. ދެ ވަނަ ހާފުގެ ނުވަ ވަނަ މިނެޓުގައި ރެއާލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ރެއާލްގެ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ހުރަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ގޮންޒާލޯ ގާސިއާ އެވެ.

އޭގެ ފަހުން ރެއާލްގެ ލީޑު ފުޅާ ކުރުމަށް ވިނީޝިއުސް ޖޫނިއާ ދިން ފުރުސަތެއްގައި ވަލްވާޑޭ އޯވާހައިޑެއްގައި ފޮނުވާލި ބޯޅަ ޔުވެންޓަސްގެ ކީޕަރު ވަނީ އަތުން ޖައްސައި ބޭރުކޮށްލައިފަ އެވެ. އޭގެ ފަހުން ރެއާލްގެ އައުރެލިއަން ޗުއަމެނީ ފޮނުވާލި ބޯޅަ ވެސް ޔުވެންޓަސްގެ ކީޕަރު ވަނީ ބޭރުކޮށްލައިފަ އެވެ.

މޮޅާ އެކު ރެއާލް އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދާފައިވާއިރު، މި މުބާރާތަކީ ރެއާލްގެ ކޯޗުކަމާ އަލަށް ހަވާލުވީ ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅޭ ފުރަތަމަ މުބާރާތެވެ.

- ކޮމެންޓް