ކ. މާލެ
|
19 ޖޫން 2025 | ބުރާސްފަތި 11:18
މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ފީފާ ކްލަބް ވޯލްޑް ކަޕް 2025
އަލް އައިން އަތުން ޔުވެންޓަސް އަށް ފަސް ލަނޑުގެ މޮޅެއް
މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސް އަށް ހަތަރު ލަނޑު ޖެހިއިރު، އަނެއް ލަަނޑު އެ ޓީމުން ޖެހީ މެޗުގެ ފަހު ހާފުގަ އެވެ.

މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ގުރޫޕް ޖީގައި އިޓަލީގެ ޔުވެންޓަސްގެ ފުރަތަަމަ މެޗުގައި، ޔޫއޭއީގެ އަލް އައިން އަތުން ބޮޑު މޮޅެއް ހޯދައިފި އެވެ.

އައުދީ ފީލްޑްގައި މި ދެ ޓީމު ބައްދަލު ކުރި މެޗު ޔުވެންޓަސް އިން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސް އަށް ހަތަރު ލަނޑު ޖެހިއިރު، އަނެއް ލަަނޑު އެ ޓީމުން ޖެހީ މެޗުގެ ފަހު ހާފުގަ އެވެ.

މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ފްރާންސްގެ ރަންޑަލް ކޯލޯ މުއާނީ އެވެ. އޭގެ ފަހުން މެޗުގެ 21 ވަނަ މިނެޓުގައި ފްރެންސެސްކޯ ކޮންސެއިސާއޯ ވަނީ ޔުވެންޓަސްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

މެޗުގައި ޔުވެންޓަސްގެ ތިން ވަނަ ލަނޑު ކެނާން ޔިލްޑިޒް ޖެހީ މެޗުގެ 31 ވަނަ މިނެޓުގަ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަަމަވެ އިތުރަށް ދެއްކި ވަގުތުގައި ކޯލޯ މުއާނީ ވަނީ ޔުވެންޓަސްގެ ހަތަރު ވަނަ ލަނޑު ޖަހައި ލީޑު އިތުރަށް ފުޅާ ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ޔުވެންޓަސް އިން ވަނީ އެ ޓީމުގެ ފަސް ވަނަ ލަނޑު ވެސް ޖަހައިފަ އެވެ. އެގޮތުން ތޭރަ ވަނަ މިނެޓުގައި އެ ލަނޑު ޖެހީ ކޮންސެއިސާއޯ އެވެ.

މި ގުރޫޕުގައި ހިމެނޭ ކޮންމެ ޓީމެއް ވެސް އެއް މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އޮތް ޔުވެންޓަސް އާއި ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. އަލް އައިން އަދި ވިދާދް ކަސަބްލަންކާ އަށް އެއްވެސް ޕޮއިންޓެއް ނުލިބެ އެވެ.

ޔުވެންޓަސްގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ކަސަބްލަންކާއާ ދެކޮޅަށެވެ. އަދި އަލް އައިންގެ ދެ ވަނަ މެޗުގައި ނިކުންނާނީ ސިޓީއާ ދެކޮޅަށެވެ.

- ކޮމެންޓް