ކ. މާލެ
|
15 ސެޕްޓެންބަރ 2024 | އާދީއްތަ 11:16
މެޗުގައި ލަނޑު ޖެހި އެމްބާޕޭ އަދި ވިނީޝިއުސް
މެޗުގައި ލަނޑު ޖެހި އެމްބާޕޭ އަދި ވިނީޝިއުސް
ގޯލް.ކޮމް
ސްޕެނިޝް ލީގު
ރެއާލް މޮޅުވީ ޕެނަލްޓީ ލަނޑުތަކުން
މެޗުގައި ރެއާލް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު މޮޅުވެއްޖެ އެވެ.

ސޮސިއެޑާޑްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ރެއާލް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ވެސް ރެއާލުން ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

ނަމަވެސް، ސޮސިއެޑާޑްގެ މައްޗަށް ރެއާލް އިން ކުރި ހޯދީ ދެ ވަނަ ހާފުގައި ލިބުނު ދެ ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. މެޗުގައި ރެއާލްގެ ފުރަތަމަ ޕެނަލްޓީ، 58 ވަނަ މިނެޓުގައި ޖެހީ ވިނީޝިއުސް ޖޫނިއާ އެވެ. އެ ޕެނަލްޓީ އަކީ ސޮސިއެޑާޑްގެ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ. އޭގެ ފަހުން 75 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކީ ސޮސިއެޑާޑްގެ އޭރިޔާ ތެރެއިން ވިނީޝިއުސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެވެ. އެ ޕެނަލްޓީ ކާމިޔާބު ކުރީ ފްރާންސްގެ ކީލިއަން އެމްބާޕޭ އެވެ. މިއީ ސްޕެނިޝް ލީގުގައި އެމްބާޕޭ ރެއާލަށް ޖަހައިދިން ތިން ވަނަ ލަނޑެވެ.

މޮޅާއެކު ރެއާލް އޮތީ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ފަސް މެޗުން 11 ޕޮއިންޓު ހޯދައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް