ސްޕެނިޝް ލީގުގައި ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް މެޑްރިޑުން ލީގު ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ.
ގެޓާފޭގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ރެއާލް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ރެއާލް އިން އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ވެސް މެޗުގެ ފަހު ހާފުގަ އެވެ.
މެޗުގައި ރެއާލް އިން ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސް ކުރިއިރު، އެ ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. މެޗުގެ ދެ ވަނަ ހާފުގައި ގެޓާފޭ އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ އެ ޓީމުގެ ދެ ކުޅުންތެރިޔަކަށް ރަތް ކާޑު ދެއްކުމުންނެވެ.
އެގޮތުން މެޗުގެ 77 ވަނަ މިނެޓުގައި އެ ޓީމުގެ އަލާން ނިއޯމް އަށް ވަނީ ސީދާ ރަތް ކާޑު ދައްކައިފަ އެވެ. އޭގެ ފަހުން ރެއާލް އަށް ލީޑު ނަގައިދިނީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އެ ލަނޑު ޖަހަން އެމްބާޕޭ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އާޑާ ގުލާ އެވެ.
ރެއާލް އިން ލީޑު ނެގިތާ ހަަތަރު މިނެޓު ފަހުން ވަނީ ގެޓާފޭގެ ދެ ވަނަ ކުޅުންތެރިޔަކަށް ވެސް ރަތް ކާޑު ދައްކައިފަ އެވެ. ދެ ވަނަ ރީނދޫ ކާާޑާ އެކު ގެޓާފޭގެ އެލެކްސް ސެންކްރިސް އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
މޮޅާއެކު ރެއާލް އިން ވަނީ އެއް ވަަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅެފައިވާ ނުވަ މެޗުން އެ ޓީމަށް ލިބެނީ 24 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް ލިބެނީ 22 ޕޮއިންޓެވެ. ލީގުގައި ރެއާލް އަށް ދެން އޮންނާނީ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފައި ވަނީ، ގެޓާފޭއާ ދެކޮޅަށް ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، އެ ޓީމަކީ އިދިކޮޅަށް ކުޅެން އުނދަގޫ ޓީމެއް ކަމަށެވެ. ޚާއްސަކޮށް ގެޓާފޭއާ ދެކޮޅަށް ކުޅެން ޖެހޭ ގޮތް އިނގޭ ކަމަށާއި، ރެއާލް އިން އެ މެޗުގައި ރަނގަޅަށް ކުޅުނު ކަމަށް އޭނާ ބުންޏެވެ.
އަލޮންސޯ ބުނީ ރެއާލް އިން މެޗުގައި ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސް ކުރި ކަމަށާއި، ޚާއްސަކޮށް ފުރަތަމަ ހާފުގައި ރެއާލް އިން ރަނގަޅަށް ކުޅުނުކަން ފާހަގަވާ ކަމަށެވެ. އޭނާ ބުނީ މެޗުގެ ވަކި ހިސާބަކުން ބައެއް ކަންކަން ރެއާލް އަށް އުނދަގޫވީ ކަމަށާއި، އެކަން ދެ ވަނަ ހާފުގައި ފެނުނު ކަމަށެވެ.
އިތުރަށް އޭނާ ބުނީ ރަނގަޅު ކުރަން އަބަދު ވެސް ކަންކަން ހުންނާނެ ކަމަށާއި، ކުރިއަށް އޮތް މެޗަށް ނިކުންނާނީ އެކަންކަމަށް މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ކުރިއަށް އޮތީ އެންމެ މުހިންމު އެއް މެޗު ކަމަށްވާއިރު، ރެއާލްގެ ފެންވަރު ސާބިތު ކޮށްދޭން ބޭނުންވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.