މާރުކޭޓު ގޮޅިތަކުގައި ބިދޭސީން ވިޔަފާރި ކުރުން ހުއްޓުވައިދިނުމަށް ގޮވާލައި ލޯކަލް މާރުކޭޓު ސަރަޙައްދުގައި އިޖުތިޖާޖުކޮށްފިއެވެ.
ބުރާސްފަތި ދުވަހު "ދިވެހީންގެ މާރުކޭޓު ދިވެހީންނަށް ދިނުމަށް" ގޮވާލައި ބޭއްވި މި އިހުތިޖާޖުގެ ބައިވެރިން ވަނީ ބިދޭސީން ނުޤަވާއިދުން ވިޔަފާރިކޮށް، މާރުކޭޓު ގޮޅިތަކުގައި ވިޔަފާރި ކުރާ މައްސަލަތައް ބަލައި އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.
މި މުޒާހަރާގެ ބައިވެރިން ރާއްޖެޓީވީއަށް ކިޔާދިން ގޮތުގައި ބިދޭސީން މި ވިޔަފާރިތަކުގައި އަތްގަދަ ކުރުމުގެ ސަބަބުން މާރުކޭޓަށް މުދާ ހިފައިން އަންނަ ދޯނިފަހަރުން މުދާ ހޯދުން ދިވެހީންނަށް ވަނީ ބޮޑު ގޮންޖެހުމަކަށްވެފައެވެ.
އޭގެ އިތުރުން، ބިދޭސީން ހުއްޓުވަން ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރިނަމަވެސް، ޖެހިގެން އަންނަ ދުވަހު އަނެއްކާވެސް ބިދޭސީން މި ވިޔަފާރިތަކުގައި ޙަރަކާތްތެރިވާކަން އިހުތިޖާޖުގެ ބައިވެރިން ކަންބޮޑުވުމާއެކު ފާހަގަކުރިއެވެ.
މި ކަންކަމަށް ސިޓީ ކައުންސިލާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުންވެސް އެކަށީގެންވާ ފިޔަވަޅު އެޅުން އަވަސް ކުރުމަށް އެ ފަރާތްތަކުން ގޮވާލިއެވެ.
މިކަމެއް ނުހުއްޓާނަން، އެއް ދުވަހު ނުކުމެފައި އަނެއް ދުވަހު ނުނިކުންނާނެކަމަށް ހީ ނުކުރައްވާތި، މިކަމަށް ނުކުންނާނަން، މިކަންކަން ހައްލުވާންދެން.އިހުތިޖާޖުގެ ބައިވެރިން![]()

ބައެއް ބައިވެރިން ސިފަ ކުރި ގޮތުގައި މިހާރު މި ވިޔަފާރިތައް އޮތީ މުޅިންވެސް ބިދޭސީންގެ އަތްމައްޗަށް ގޮސްފައެވެ. ނަމަވެސް ބިދޭސީން ޙަރަކާތްތެރިވަމުންދަނީ ޤަވާއިދާ ޚިލާފަށްކަން ފާހަގަކޮށް ބައިވެރިން ބުނީ، އެކި ރަށްރަށުގައި އުޅޭ ބިދޭސީންނަށް ސިޓީ ކައުންސިލުން ކާޑު ހަދައިދީފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވަނީ ސިޓީ ކައުންސިލުގެ މި ދައުރުގައި އެފަދަ އެއްވެސް ހުއްދައެއް ދީފައިނުވާނެ ކަމަށާއި، ނުޤަވާއިދުން މަސައްކަތް ކުރަން މިހާރުގެ ކައުންސިލުން ހުއްދައެއް ދީފައިނުވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު ހިންގޭ ގޮތަށް ހަތަރު ބުރީގެ ޒަމާނީ މާރުކޭޓެއް އެޅުމާއި، އެތަނުގެ ބޭސްމަންޓުގައި ޕާކިންގ އަށް ޖާގަ ދެވޭގޮތަށް މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު މިއަހަރުގެ ޖެނުއަރީ މަހު ވަނީ ވިދާޅުވެފައެވެ. އެގޮތުން އޭޕްރީލް މަސް ތެރޭގައި އެ މަސައްކަތް ފެށިގެންދާނެކަަމަށް ރައީސް އޭރު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ އިމާރަތް ޤާއިމު ކުރެވުމުން މިހާރު ހުރި މައްސަލަތަކަށް ޙައްލު އަންނާނެކަމަށެވެ. އެގޮތުން އައު މާރުކޭޓު އެޅިގެންދާއިރު، ބިދޭސީން ގޮޅިތަކުގައި ވިޔަފާރިކުރާ މައްސަލަ އެއްކޮށް ޙައްލު ކުރެވިގެންދާނެކަމަށް ރައީސް ވަނީ ޔަޤީންކަން ދެއްވާފައެވެ.