މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެއެވެ.
ބުދަ ދުވަހު އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ދަނީ ރެއިޑު އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށެވެ.
އެގޮތުން، އައްޑޫ ސިޓީއަށް ޚާއްސަކޮށް ކުރިއަށްގެންދާ މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު "އޮޕަރޭޝަން ހަމަމަގު" ފަށާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މިއީ ގަވާއިދާ ހިލާފަށް އައްޑޫ ސިޓީގައި އުޅޭ ބިދޭސީން ގާނޫނީ މަގަށް އެޅުވުމަށް ކުރެވޭ ޚާއްސަ މަސައްކަތެއް ކަމަށާއި، އެސިޓީއަކީ އާބާދީ ބޮޑު، އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވަމުން އަންނަ ތަނެއްކަމުގައިވާތީ، މި ރެއިޑު އޮޕަރޭޝަން ކުރިއަށް ގެންދަނީ މުޅި އައްޑޫ ސިޓީއަށް އަމާޒުކޮށްގެން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މީގެ އިތުރުން އިމިގްރޭޝަނުން ބުނީ، ޓާސްކް ފޯސްއިން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މި ރެއިޑު އޮޕަރޭޝަންގައި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން އާއި އައްޑޫ އިމިގްރޭޝަން އޮފީހުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ހިމެނޭހެން ޖުމްލަ 35 އޮފިސަރުން ބައިވެރިވާ ކަމަށެވެ. އަދި އައްޑޫ ސިޓީ ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލް މެންބަރުން ވެސް މި އޮޕަރޭޝަންގައި ބައިވެރިވެއެވެ.
ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށް ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި، ގަވާއިދާ ހިލާފަށް އައްޑޫ ސިޓީގައި މަސައްކަތް ކުރަމުންދާ ބިދޭސީން ރާއްޖެއިން ފުރުވާލުމަށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މާލޭގެ ޑިޓެންޝަން ސެންޓަރަށް ގެނެވޭނެ ކަމަށާއި، މިފަދަ ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ދިވެހިންނަށް ނޯޓިސް ދެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި މިފަދަ އޮޕަރޭޝަންތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކޮށް، ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި މަސައްކަތްކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.