ރައްޔިތުން ބާރުވެރި ކުރުމުގެ ރޮނގުން މިސަރުކާރަށް އަމަލުން ސުމެއް، ވާހަކައަށް ސަތޭކަ ލިބޭނެ ކަމަށް މާލެސިޓީ ކައުންސިލުގެ މެންބަރު މުހައްމަދު ސައިފް ފާތިހް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ސައިފް ވިދާޅުވީ ރައްޔިތުންގެ ފަޅީގައި ހުރުމުގެ މާނައަކީ ރައްޔިތުންނަށް ބަސްބުނުމުގެ ފުރުސަތު އޮތުން ކަމަށާއި، ކަންކަމުގައި ރައްޔިތުން ގާތުއަހައި، ރައްޔިތުންނާ ވާހަކަ ދެއްކުން ކަމަށެވެ. އަދި ކަންކަމުގައި ރައްޔިތުންގެ މަޝްވަރާ ލިބެންޖެހޭ ކަމަށާއި، ކެނޑިނޭޅި އެ ޕްރޮސަސްގެ ދަށުން މަސައްކަތްތައް ކުރިއަށް ދާންޖެހޭ ކަމަށް ސައިފް ވިދާޅުވިއެވެ.
ނަމަވެސް މިސަރުކާރުގައި ފެނިގެންދަނީ ބައެއް ކަންކަމުގައި ކައުންސިލް އިސްކޮށް، ދެއްކުންތެރި ގޮތަކަށް ރައްޔިތުންގެ ހިޔާލު ހޯދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާނަހުރި ރައްޔިތުންނާ ސީދާ ގުޅުންހުރި ރައްޔިތުން އެ މައްޗަށް ބަސްބުނެ ފާޑު ކިޔާ ރައްޔިތުންގެ ހިޔާލާ މަޝްވަރާއާ ނުލާ ކޮށްގެން ނުވާނެ ބާވަތުގެ ކަންތައްތަކުގައި ކައުންސިލް ގާތު ހޭވެސް އަހާނުލާ ކަމަށް ސައިފް ވިދާޅުވިއެވެ.
އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުޅުމާލޭގެ ރަށްވެހިކަމުގެ ޚިދުމަތްތައް ހުރެގެން ނުވާނެކަމަށް މޭޔަރަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ހުންނެވިއިރު ތަކުރާރުކޮށް ވިދާޅުވި ކަމަށެވެ. ނަމަވެސް ވެރިކަން އެމަނިކުފާނަށް ލިބިވަޑައިގަތުމުން އެކަން ވެސް ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އިންނެވި ދާދި މިދާކަށް ދުވަހު. އަދި މާގިނަ ދުވަހެއް ނުވޭ. މީހަކު ހަނދާން ނެތޭހާ ދުވަހެއް ނުވޭ. އެތަނުގައި އިންނަވާގެން އެންމެ ހަރުކޮށް އެންމެ ގަދައަށް ދެއްކެވި ވާހަކައަކީ ހުޅުމާލެ މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް އެބަ ގެންނަންޖެހޭ. އެޗްޑީސީގެ ދަށުގައި ރަށްވެހިކަމުގެ ޚިދުމަތްތައް ހުރެގެން ނުވާނޭ ރަށެއް ހިންގުން ކުންފުންޏަކާ ހަވާލުކުރުމަކީ ހާދަހާވާ މޮޔަކަމެކޭ. އެހެން ވިދާޅުވަމުން ގެންދެވި. އަޅުގަނޑުމެން ވެސް އެ އަޑު ދަށުން އެވާހަކަ ދައްކަމުން ދިޔާން. އެއީ އަޅުގަނޑުމެން ވެސް ގަބޫލުކުރާ ގޮތުގައި ރަށްވެހި ޚިދުމަތްތައް ދޭންޖެހޭނީ ގާނޫނު އަސާސީގައި އެބުނާ ގޮތަށް ލާ މަރުކަޒީ އުސޫލުން. އެހެންނަމަވެސް މިސަރުކާރަށް ދޮޅު އަހަރަށް ވެސް ގިނަ ދުވަސް ވެގެން މިދަނީ. އެއްވެސް ކުލަވަރެއް ނެތް ހުޅުމާލެ މާލެސިޓީ ކައުންސިލްއާ ހަވާލުކުރުމުގެ. އެކަންތައް ނުކުރެއްވުމުގެ މައްޗަށް އިތުރު ކުރައްވާތަން މިފެންނަނީ ހަމަ އަމިއްލަ ގޮތް. އެއްކަލަ ކުންފުނިން ރައްޔިތުން އިސްތިއުމާރު ކުރާ ބާވަތަށް އަމަލުކުރަމުންދާތަން.
މާލެސިޓީ ކައުންސިލުގެ މެންބަރު މުހައްމަދު ސައިފް ފާތިހް![]()
ސައިފް ވިދާޅުވީ ރައްޔިތުން ބާރުވެރި ކުރުމުގައި މިސަރުކާރުގެ ބަސްމަގު ވަރަށް މޮޅު ކަމަށެވެ. ނަމަވެސް ރައްޔިތުންނާ ގުޅުންހުރެ ބޮޑެތި ނިންމުންތައް ނިންމައި އިއުލާންކުރާއިރު، ރައްޔިތުންގެ ބަސް ނުހޯދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން މިފަހުން އާއްމުކުރި ހުޅުމާލޭގެ މާސްޓަރޕްލޭންގައި ރައްޔިތުންގެ ހިޔާލު ހޯދާފައިނުވާ ކަމަށް ސައިފް ވިދާޅުވިއެވެ.
ހުޅުމާލޭގެ މާސްޓަރޕްލޭނެއް ނެރެފި. ހުޅުމާލޭގެ-3 އެއް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ހަމަޖައްސަވާފައި އެތަނުން ގޯތިތަކެއް ވެސް އެބައޮތް ދޫކޮށްފައި. ގޯތިތަކަށް ވެސް ވީ ގޮތެއް ނޭނގޭ. އިވެނީ ގުރެއްވެސް ލާކަށް ނުޖެހޭނޭ ވިދާޅުވާ އަޑު. އެކަމަކު މުޅި ޕްލޭން އެއްކޮށް ބަދަލުވެއްޖެ. ފޭސް-3 ނުވެސް ނެތީ. ބައްލަވާ މާލޭގެ ރައްޔިތެއްގެ ގާތުގައި އެއްސެވިތޯ. މާލެސިޓީ ކައުންސިލް ގާތުގައި އެއްސެވިތޯ. ހޭވެސް އަހާ ނުލާ. އެއްވެސް ހިޔާލެއް ނެތް. އެހެންވީމަ ވާހަކަ ވަރަށް ރީތި. ވާހަކަ ވަރަށް މޮޅު. އެހެންނަމަވެސް އަމަލުން ހަމަ ސުމެއް އަޅުގަނޑަށް ފެންނަނީ. ލާމަރުކަޒީ ގޮތުންނާ ރައްޔިތުން ބާރުވެރި ކުރުމުގެ ރޮނގުން.
މާލެސިޓީ ކައުންސިލުގެ މެންބަރު މުހައްމަދު ސައިފް ފާތިހް![]()
ސައިފް ވިދާޅުވީ މިސަރުކާރަށް އަމަލުން ސުމެއް ލިބޭއިރު، ވާހަކައިން ސަތޭކަ ލިބޭނެ ކަމަށެވެ. މިއީ ރައްޔިތުންގެ ފާޅީގައި ތިބޭ ކަމަށް ބުނެ، ރައްޔިތުންނަށް ފުރުސަތު ނުދޭ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.