Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2024 | ބުރާސްފަތި 00:20
ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ކޮމިޓީގެ މުގައްރިރު މުހައްމަދު ސޮބްރީ ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ކޮމިޓީގެ މުގައްރިރު މުހައްމަދު ސޮބްރީ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތިން ސަލާމަތްވުމަށް ރަނގަޅު ފަރުވާއެއް ނުދެވޭ، ނަމަވެސް ބެކްލޮގް ކުޑަކޮށް ރައީސް އޮފީހަށް ފޮނުވާ ނަންބަރުތައް އިތުރު: ސޮބްރީ
އެންޑީއޭއަށް މިސަރުކާރުން މާ ބޮޑު ސަމާލުކަމެއް ނުދޭ
އެންޑީއޭގެ ޚިދުމަތްތައް ރަނގަޅު ކުރުމަށް ޕޮލިސީއެއް ނެތް
ފަރުވާ ދޭ މަރުކަޒުތަކުގައި މީހުން ނުހިފެހެއްޓޭ، އެމީހުންނަށް ކުރިމަތިވާ މައްސަލަ ދެނެނުގަނެ ފަސޭހައިން ދޫކޮށްލާ

މިސަރުކާރުގައި މަސްތުވާތަކެތިން ސަލާމަތްވުމަށް މަސައްކަތް ކުރާ މީހުންނަށް ރަނގަޅު ފަރުވާ ދިނުމަށް މަސައްކަތް ނުކުރާ ކަމަށާއި، ނަމަވެސް ފަރުވާގެ ބެކްލޮގް ކުޑަކޮށް ރައީސް އޮފީހަށް ފޮނުވާ ނަންބަރުތަކުގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ކުރީގެ ސީނިއާ އެގްޒެކިއުޓިވް ޑިރެކްޓަރު އަދި އެމްޑީޕީގެ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ކޮމިޓީގެ މުގައްރިރު މުހައްމަދު ސޮބްރީ (ސަބާ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސަރުހީ ޕްރޮގްރާމްގައި ސޮބްރީ ވިދާޅުވީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އަށް މިސަރުކާރުން މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި، އެންޑީއޭގެ ޚިދުމަތްތައް ރަނގަޅު ކުރުމަށް ޕޮލިސީއެއް ނެތް ކަމަށެވެ.

Advertisement

ފަރުވާދޭ ނިޒާމަށް އިޝާރާތް ކުރައްވައި ސޮބްރީ ވިދާޅުވީ އެންޑީއޭގެ ފަރުވާއަށް ބޭނުންވާ ވަރަށް ބޮޑު ބެކްލޮގެއް އެބައޮތް ކަމަށާއި، އެބެކްލޮގް ހުސްކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

އެގޮތުން ފަރުވާ ދޭ މަރުކަޒުތަކުގައި މީހުން ނުހިފެހެއްޓޭ ކަމަށާއި، އެމީހުންނަށް ކުރިމަތިވާ މައްސަލަ ދެނެނުގަނެ ފަސޭހައިން ދޫކޮށްލާ ކަމަށް ސޮބްރީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ފަރުވާ ފުރިހަމަ ނުކޮށް، ފަރުވާ ނުފެށި ދޫކޮށްލާ މީހުން ނިސްބަތުން ގިނަ ކަމަށެވެ. އެހެން ހެދުމުން ބެކްލޮގު މަދުވެ، ރައީސް އޮފީހަށް ގިނަ ނަންބަރުތަކެއް ފޮނުވޭނެ ކަމަށާއި، މިސަރުކާރުގެ ތެރެއިން ފެންނަނީ އެމަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ކަށަވަރެއް ނުކުރެވޭ އޭނާގެ ބިހޭވިއަރަލް އިޝޫ އުޅެނީ އޭނާގެ ސައިކޯގައި މަސްތުވާތަކެތި ދިގު މުއްދަތަކަށް ބޭނުންކުރުމުގެ ސަބަބުން ދިމާވި ނަފްސާނީ ކަމެއްގެ ސަބަބުންތޯ އަޑު ނާހަނީ ނޫނިއްޔާ އޭނާ ޑިޕްރެސް ވެގެންތޯ ނިދާފައި އޮތީ. ނޫނިއްޔާ އޭނާ ގައިގައި ރިއްސާތީތޯ ކްލާހަށް ނާދެވުނީ. އެއެއްޗެހި ނުވެސް ބެލޭ. ބެލެނީ ކިޔުގައި ވަރަށް ބައިވަރު މީހުން ތިބީމަ ކިޔު އަވަސްކޮށްލަން ވެގެން ފަރުވާ ދިނޭ ކިޔާފަ ރައީސް އޮފީހަށް ފޮނުވާ ހިސާބު ނަންބަރު ގިނަކުރަންވެގެން އެނިޔަތުގައި ކުރެވޭ މަސައްކެއް ކުރެވެނީ.
އެމްޑީޕީގެ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ކޮމިޓީގެ މުގައްރިރު މުހައްމަދު ސޮބްރީ (ސަބާ)

ސޮބްރީ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރަމުންދާ މީހާ އޭނާ ހުރީ މަސްތަށް ދެވިހިފައިފާކަން ގަބޫލުކުރެވޭ ހިސާބުން އެކަމުން ނުކުތުމަށް ނުވަތަ ސަލާމަތްވުމަށް މަސައްކަތް ކުރާ ކަމަށެވެ. 200 ރުފިޔާއިން ނުވަތަ 300 ރުފިޔާއިން މަސްތުވުމަށް އެތިކޮޅު ހޯދައި، އެތަކުލީފުގައި ދިރިއުޅެން ބޭނުންނުވާނެ ކަމަށް ސޮބްރީ ވިދާޅުވިއެވެ.

ސޮބްރީ ވިދާޅުވީ މަސްތުގައި ޖެހިފައިވާ މީހުން ރަނގަޅުކޮށް، މުޖުތަމައުއަށް ނެރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެފަދަ ސަޕޯޓިވް ސިސްޓަމެއް ގާއިމްކުރަންޖެހޭ ކަމަށެވެ. ފަރުވާ ދޭ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، އެމައްސަލަތައް ހައްލުކުރަންޖެހޭ ކަމަށް ސޮބްރީ ވިދާޅުވިއެވެ. އެހެންނޫން ކަމަށްވާނަމަ މަސްތުގެ ފަރުވާގެ ނިޒާމުން ގިނަ މީހުންނަށް ފަރުވާ ނުލިބި ގެއްލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް