ކ. މާލެ
|
22 މެއި 2025 | ބުރާސްފަތި 18:15
މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލްއުސްތާޛާ ލުބްނާ އަހްމަދު ޒާހިރުއާއި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލްއުސްތާޛް އަހްމަދު ސިއްދީޤް
މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލްއުސްތާޛާ ލުބްނާ އަހްމަދު ޒާހިރުއާއި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލްއުސްތާޛް އަހްމަދު ސިއްދީޤް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ސިއްދީގާ ލުބްނާ މިކުރައްވަނީ ކީއް؟
މިހަބަރު ފެނުމާއި އެކު މިއީ ކިހިއްނެއް ހިނގައިގެން އުޅޭ ކަމެއްތޯ ބަލާލާ ހިތްވެއްޖެއެވެ. އެންމެ ފުރަތަމަވެސް ފާހަގަކުރެވުނީ ފަހުމުނާމާއެއްގައި މިސޮއިކުރި ދެތަނަކީވެސް އެއްވުޒާރާއެއްގެ ދަށުގައި ހުންނަ ދެތަން ކަމެއެވެ.

އެމްއޯޔޫ ނުވަތަ މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން ނުވަތަ ފަހުމުނާމާ މިއީ ވަރަށް ގިނައިން އަޑު އިވޭ ބަހެކެވެ. މިއީ ދެފަރާތެއްގެ ދެމެދުގައި ކަމަށް އެއްބަސްވެ ސޮއިކުރެވޭ ލިޔުމެކެވެ. މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރާތީ މުޅިންވެސް ފެންނަނީ ދޭދޭ ގައުމުތަކުގެ މެދުގައެވެ. ނުވަތަ ދެގައުމެއްގެ ދެކުންފުނީގެ މެދުގައެވެ. ނުވަތަ އެއްގައުމެއްގައި ނަމަވެސް އިދާރީ ހިންގުން ތަފާތު ކޮންމެވެސް ދެތަނެއްގެ މެދުގައެވެ.

މިމަހުގެ 21 ވަނަ ދުވަހު ނޭޝަނަލް ޑްރަގް އެޖެންސީ އާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިއީ ދެފަރާތުން ގުޅިގެން މަސައްކަތްކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށްވެއެވެ. މިކަމުގެ ސަބަބުން މަސައްކަތްތައް ހަލުވިވެ، ކަންކަން ބާރަށް ކުރިއަށްދާނެ ކަމަށްވެސް ވެއެވެ.

މިއީ އަޅުގަނޑަށް ނޫހަކުން ފެނުނު ހަބަރެކެވެ. މިހަބަރު ފެނުމާއި އެކު މިއީ ކިހިއްނެއް ހިނގައިގެން އުޅޭ ކަމެއްތޯ ބަލާލާ ހިތްވެއްޖެއެވެ. އެންމެ ފުރަތަމަވެސް ފާހަގަކުރެވުނީ ފަހުމުނާމާއެއްގައި މިސޮއިކުރި ދެތަނަކީވެސް އެއްވުޒާރާއެއްގެ ދަށުގައި ހުންނަ ދެތަން ކަމެއެވެ. ޖަވާބުދާރީވާން ޖެހެނީ އެއް ވަޒީރަކަށް ކަމަށެއެވެ. ވަޒީރު ޖަވާބުދާރީވާން ޖެހެނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށެވެ. ކުރުކޮށް ބުނާ ކަމަށްވާނަމަ މިއީ ސަރުކާރުގެ އެއް އިދާރާއެކެވެ.

މިހާހިސާބުން އުފެދުނު ސުވާލަކީ އެއް ވުޒާރާއެއްގެ ދަށުގައި އެއް ވަޒީރެއްގެ ދަށުގައި އެއް ސަރުކާރެއްގެ ތެރޭގައި ހުންނަ އޮފީސްތައްވެސް މަސައްކަތް ކުރަނީ އެމްއޯޔޫ ހަދައިގެން ރަސްމިއްޔާތުތައް ބާއްވައިގެން އެމްއޯޔޫތަކުގައި ސޮއިކޮށްގެން ބާވައެވެ. ކުޑަކޮށް ހައިރާންވާ ގޮތްވިއެވެ. އެކަމަކު ހައިރާންވާނެ ކަމެއް ނެތެއް ނޫންތޯއެވެ. މިއީ މިސަރުކާރަށް ބަލާނަމަ އެހާ އައު ކަމެއްވެސް ނޫނެއެވެ. ސަރުކާރު ފެށުނީއްސުރެ މިބާވަތުގެ ވާހަކަތައް އިވެނީވެސް މަދެއްކޮށެއް ނޫނެއެވެ. ގުޅިގެން މަސައްކަތް ކުރުމަށް ދެ ވަޒީރުން ބައްދަލުވުން ބާއްވަނީވެސް މަދެއްކޮށެއް ނޫނެއެވެ. ސްޓެލްކޯގައި ކަންކަން ހިންގަވާ ގޮތް ބައްލަވާ ލައްވަން ޓްރާންސްޕޯޓް މިނިސްޓަރު ސްޓެލްކޯއަށް ރަސްމީ ޒިޔާރަތެއް ކުރެއްވުންވެސް އެއީވެސް ހިނގާފައި އޮތް ކަމެކެވެ.

މިހާހިސާބުން ހިތައް އަރާ އެއްޗަކީ މިއީވެސް ދެން ހަމަ ސަރުކާރުތައް ހިންގާ ގޮތްބާއެވެ. މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަށް ޖަވާބުދާރީވާ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލްއުސްތާޛާ ލުބްނާ އަހްމަދު ޒާހިރުއާއި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލްއުސްތާޛް އަހްމަދު ސިއްދީޤް އާއި ދެބޭފުޅުންނަށްވެސް ގުޅިގެން މަސައްކަތް ކުރެވެނީ ނޫނީ އެއްބޭފުޅެއްގެ މަސައްކަތަށް އަނެއް ބޭފުޅަކަށް އެހީތެރިވެދެއްވެނީ އެމްއޯޔޫއެއްގައި ސޮއިކޮށްގެން ބާވައެވެ. މިހާ ހިސާބަށް އައި އިރު އެންޑީއޭގެ މަސައްކަތްތަކާއި ޑީޖޭޖޭގެ މަސައްކަތްތައް ހަލުވި ސްޕީޑުގައި ނުހިނގާ ނަމަ ނުހިގައިގެން މިއުޅެނީވެސް ދެބޭފުޅުންނަށް އެމްއޯޔޫއެއްގައި ސޮއި ނުކުރެވިގެންބާވައެވެ. އެއްބޭފުޅަކު ގުޅުއްވުމުން އަނެއް ބޭފުޅަކަށް ފޯނު ނުނެންގެވި ވާނަމަ އެނުނެގެންވުނީވެސް ފަހުމުނާމާއެއްގައި ސޮއިނުކުރެވި އޮވެގެން ބާވައެވެ.

މީހަކު ހައިރާނެއްނުވާނެ ހެއްޔެއެވެ. މިދައްކަނީ ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް މިދިވެހިރާއްޖޭގެ ވެރިކަމުގައި މިވަގުތު އޮތް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވާހަކައެވެ. މިހާވަރުން ދަންޏާ އެއް އޮފީހެއްގެ ދެ ޑިޕާޓްމަންޓަށްވެސް ގުޅިގެން މަސައްކަތް ކުރެވޭނީ ފަހުމުނާމާއެއްގައި ސޮއިކޮށްގެންތާއެވެ. މިސާލަކަށް އެމްޑިމް ޑިޕާޓްމަންޓާއި ފައިނޭންސް ޑިޕާރޓްމަންޓް، މުސާރަ ދިނުމުގައި ހަލުވިކޮށް މަސައްކަތް ކުރުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކުރަންޖެހޭނެ ތާއެވެ. މިވަރުން މިކަން ދާނަމަ، ދެމަފިރިންގެ ދެމެދުގައިވެސް ގުޅިގެން މަސައްކަތް ކުރުމުގެ ފަހުމުނާމާތައް ހަދަންޖެހޭނެތާއެވެ. ގަމީހެއް އިސްތިރި ކުރެވިފައި ނެތް ނަމަ، ނުވަތަ ގަނެދޭންޖެހޭ އެއްޗެއް ގަނެދެވިފައި ނުވާނަމަ، ނުވަތަ ދެމީހުން ދެމީހުން ދެކެ ލޯބިވާވާހަކަ ބުނެވިފައި ނެތް ނަމަ އެއީ ފަހުމުނާމާއެއް ނެތިގެން ވީ ކަމެއްތާއެވެ.

ޤަބޫލުފުޅުކުރައްވާށެއެވެ. ސަރުކާރުގެ ހަރަކާތްތައް މަދުވެ، ކުރެވޭ ކަންކަން މަދުވެ ހިދުމަތުގެ ފެންވަރު ދަށްވެ ކަންކަން ބޮއްސުންލާ، ރައްޔިތުންގެ އުއްމީދުތަކާއި އެއްވަރަށް ނަތީޖާ ނުނެރެވުމުން، އެކަން މަތި އަޅަން ފަހުމުނާމާތައް ހައްދަވައިގެން، ބޮޑެތި ރަސްމިއްޔާތުތައް ބާއްވަވައިގެން ސޮއިކުރައްވާ، ފޮޓޯ ނަންގަވާ ހެއްދެވުމަކުން އަދި ހަމައެއް ނުޖެހެއެވެ. ކަންކަން ނުވާ ވާހަކަ ރައްޔިތުން ނިކުމެ ދައްކަން ފެށުމުން ދުވާލަކު ރަސްމިއްޔާތަކާއި ދުވާލަކު ޖަލްސާއަކާއި، ދުވާލަކު ބައްދަލުވެ، ބާއްވަވައިގެން މީސްމީޑިއާގައި އެކަން ޕްރޮމޯޓް ކުރެއްވުމަކުން ކަންކަން ކުރެއްވޭ ކަމަކަށް އަދި ނުވެއެވެ. މިއަށްވުރެ މާ ބޮޑެތި ގައުމުތަކުގައިވެސް ސަރުކާރުތައް އެބަ ހިނގައެވެ. މިގައުމުގައިވެސް މީގެ ކުރިން ކިތަންމެ ބަޔަކު ވެސް ސަރުކާރުތައް ހިންގައިފިއެވެ. ސަރުކާރު ހިންގާ އުޅެނީކީ، ސަރުކާރުގެ ދޭދޭ ޑިޕާރޓްމަންޓްތަކުގެ މެދުގައި ފަހުމުނާތައް ހަދައިގެން އެއްބަސްވުންތައް ހަދައިގެން ކޮންޓްރެކްޓްތައް ހަދައިގެން އެއްޗެހީގައި ސޮއިކޮށްގެނެއް ނޫނެއެވެ. ސަރުކާރަކީ ފަހުމުނާމާއަކުން ހިނގާ އެއްޗެއް ކަމަށް ޤަބޫލުކުރެވޭނަމަ ތިޔަ އުޅުއްވެނީ އަދި މުޅިން އެހެން ދުނިޔެއެއްގައެވެ.

- ކޮމެންޓް