Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2024 | އަންގާރަ 13:35
އިމިގްރޭޝަނުން ދާދި ފަހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ފައިސާ އާއި ޕާސްޕޯޓުތަކެއް
އިމިގްރޭޝަނުން ދާދި ފަހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ފައިސާ އާއި ޕާސްޕޯޓުތަކެއް
އިމިގްރޭޝަން
ޑޮލަރުގެ ވިޔަފާރި
ގިނަ އަދަދެއްގެ ޑޮލަރާއެކު ގެންދިޔަ އިންޑިއާ މީހާއަށް މަނީ ލޯންޑަރިންގެ ގެ ތުހުމަތު، ޓްރެވަލް ހިސްޓްރީގައިވެސް ޝައްކުވާ ކަންތައްތަކެއް
އޭނާއަކީ ވަރަށް ގިނައިން ރާއްޖެ އެތެރެވެ، ޖެހިގެން އަންނަ ދުވަހު ފުރައިގެންދާ މީހެއް
އޭނާގެ ދަބަހުން ފޮރުވާފައިވާ ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރު ފެނިފައިވޭ
މަނީ ލޯންޑަރިންގ ކުރުމުގެ ތުހުމަތާ ގުޅޭ އެއްވެސް ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވާކަމަށްވެސް އޭނާގެ ވަކީލު ކޯޓުގައި ވިދާޅުވި

ގިނަ އަދަދެއްގެ ޑޮލަރާއެކު ހައްޔަރުކޮށްގެން ގެންދިޔަ އިންޑިއާ މީހާއަށް މަނީ ލޯންޑަރިންގެ ގެ ތުހުމަތުކޮށް އޭނާ ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއްކަމަށްވާ އަބްދުލް ރަޤޫބް ނިސްތާރު ހަލީމް ރަހްމާންއެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ މަނީ ލޯންޑަރިން ގެ ކުށުގެ ތުހުމަތެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 19 ސެޕްޓެމްބަރު 2024 ގައެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ޤަރީނާ ހުށަހެޅިފައިވާ ކަމަށެވެ. އޭނާގެ ދަބަހުން ފޮރުވާފައިވާ ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރު ފެނިފައިވާކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން ލައްކައަކަށްވުރެ ގިނަ ޑޮލަރު ފެނިފައިވާކަމަށްވެއެވެ.

Advertisement

މި މައްސަލައާ ގުޅިގެން އޭނާގެ ދިފާއީ ވަކީލު ވިދާޅުވެފައިވަނީ މި މައްސަލައިގައި އޭނާގެ އަތުން ހިފެހެއްޓި ފައިސާއަކީ ސައްޙަ ފައިސާ ކަމަށާއި، އެ ފައިސާ ލިބުނު ގޮތް ފޯނުގައި ހުންނާނެ ކަމަށެވެ. އެކަމުގެ ތަފްސީލުތައް ބަޔާން ނަގާއިރު ހާމަ ކޮށްދެއްވާނެކަމަށް ވަކީލު ވިދާޅުވިއެވެ.

އަދި އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ މަނީ ލޯންޑަރިންގ ކުރުމުގެ ތުހުމަތާ ގުޅޭ އެއްވެސް ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވާކަމަށްވެސް އޭނާގެ ވަކީލު ކޯޓުގައި ވިދާޅުވިއެވެ.

އިންޑިއާގެ ރައްޔިތެއްކަމަށްވާ އަބްދުލް ރަޤޫބް ނިސްތާރު ހަލީމް ރަހްމާން - ޕޮލިސް

މި މައްސަލައިގެ ތަހުގީގު އޮފިސަރު ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އޭނާގެ އަތުން ގިނަ އަދަދެއްގެ ޑޮލަރު ފެނިފައިވާ ކަމަށާއި، އެއީ އެހެން މީހުން އޭނާއާ ޙަވާލު ކުރި ޑޮލަރުކަން ދޭހަވާ ފަދަ ލިއެކިއުން ފެނިފައިވާކަމަށް އެ އޮފިސަރު ވަނީ ބުނެފައެވެ.

އަދި އޭނާއަކީ ވަރަށް ގިނައިން ރާއްޖެ އެތެރެވެ، ޖެހިގެން އަންނަ ދުވަހު ފުރައިގެންދާ މީހެއްކަމަށް ފާހަގަ ކުރެވިފައިވާކަމަށްވެސް އެ އޮފިސަރު ކޯޓުގައި ކިޔާދީފައިވެއެވެ.

އޮފިސަރު އިތުރަށް ބުނެފައިވަނީ އޭނާގެ އަތުން އޭނާގެ ނަމުގައި އޮތް ދެ ޕާސްޕޯޓުވެސް ފެނިފައިވާ ކަމަށެވެ. އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ މިއީ ޖިނާއީ ބޮޑު މައްސަލައަކަށްވުމުގެ އިތުރުން، އޭނާއަށް އެ ފައިސާ ލިބުނު ގޮތް އަދި ސާފުކޮށްދެވިފައިނުވާތީއާއި، އޭނާގެ ޓްރެވަލް ހިސްޓްރީއަށް ބަލާއިރު، ޝައްކުވާފަދަ އަމަލުތަކެއް ފެންނަން ހުރުމުންކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވަނީ އޭނާ ބަންދުގައި ހުންނަ މުއްދަތުގައި އޭނާގެ ބަޔާން ނަގައި، ފައިސާއާ ގުޅޭ ކަންކަން އިތުރަށް ކަށަވަރު ކުރުމަށް ތަހުގީގު އޮފިސަރަށް ދަންނަވާފައެވެ.

ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ އިބްރާހިމް ޛިހުނީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް