ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ވާހަކަ ސިޓީ ކައުންސިލުން ދެއްކުމުގެ ނަތީޖާ އަކީ މުއައްސަސާތައް ހޭލައިގެން މަސައްކަތްކުރުންކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އާޒިމް ވިދާޅުވީ، މޭޔަރކަމާއި އޭނާ ހަވާލުވިފަހުން އެންމެ ބޮޑަށް އެންމެ ގިނައިން ދެއްކި ވާހަކައަކަށް ވެގެން ދާނީ ޤާނޫނާއި ޤަވާއިދު ތަންފީޒުކުރުމުގެ ވާހަކަ ކަމަށެވެ. ޤަވާއިދާއި ޚިލާފަށް ހިނގާ ކަންކަން ދެނެގަނެ އެކަންކަން މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށް މެދުނުކެނޑި މަސައްކަތްކުރައްވާފައިވާ މަސައްކަތްކުރައްވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ދައުލަތުގެ މުވައްސަސާތަކުން އެވާހަކަތައް އަޑުއަހައި، އެދުނު ގޮތައް އެކަންކަން ކޮށްދެމުން ދާކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އެކަމަށްޓަކާ އާޒިމް ވަނީ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ސިޓީ ކައުންސިލަށް ޤާނޫނުގައި މަތިކޮށްފައި ވަނީ އޮންނަނީ ކުށްތައް ދެނެގަނެ، އެ ކުށްތައް ރަނގަޅުކުރުމަށް މުވައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުން ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން މޭޔަރުގެ ހައިސިއްޔަތުން މާލޭގައި ހިނގާ ކުށްތައް ދެނެގަނެ އެބޭފުޅުންނަށް އަންގަމުންދާނެ ކަމަށާއި (އަންޑޮކިއުމަންޓެޑް) ބިދޭސީންގެ މައްސަލައަކީ އެފަދައިން ފާހަގަކުރެވުނު ސީރިއަސް މައްސަލައެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
އަދި ބިދޭސީން ކުރަމުންދާ ޤާނޫނާއި ޤަވާއިދާ ޚިލާފް މަސައްކަތްތަކުގެ ވާހަކަ އަޅުގަނޑު ހަވާލުވެގެން ވަރަށް ބާރަށް ދެއްކިން. އޭގެ ނަތީޖާއަކަށްވީ ހުރިހާ މުވައްސަސާތަކެއްވެސް ހޭލައިގެން މިކަމުގައި އުޅެން ފެށުން ކަމަށް. އޭގެތެރެއިން އިމިގްރޭޝަނުން އިސް ނަގައިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ. ފުލުހުންވެސް ޓްރެފިކް ބެލެހެއްޓުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް. އޭގެ އިތުރުން ޓްރާންސްފޯޓް މިނިސްޓްރީންވެސް ގިނަ މަސައްކަތްތަކެއް މާލެ އާއި ހުޅުމާލޭގެ ޕާކިންގ އަދި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލާއި ގުޅިގެން ކުރައްވާ.މާލެސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް
ނުޤަވާއިދުން ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ އަކީ ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަަލަކަން އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17ވަނަ ދުވަހުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަށް 3،322 ބިދޭސީން ފުރުވާލެވިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އިމިގްރޭޝަނުން މައުލޫމާތުދޭ ގޮތުގައި މިހާތަނަށް 257 ތަނަކަށް ރެއިޑްކޮށްފައިވެއެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެންވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. މީގެ ދަށުން މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.