ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ރަށު މާރުކޭޓުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 15 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިކަން ހާމަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ބުދަ ދުވަހުގެ ހަވީރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި އިމިގްރޭޝަނުން 37 މީހަކު ޗެކުކޮށްފައިވާކަމަށެވެ.
އެމީހުންގެ ތެރެއިން ގަވައިދާ ޚިލާފަށް އެމާރުކޭޓުގައި ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދިޔަ 15 ބިދޭސީއަކު ހިފަހައްޓާފައިވާ ކަމަށާއި މީގެ ތެރޭގައި ހިމެނެނީ 10 ފިރިހެނުންނާއި 05 އަންހެނުން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ހުއްދަ ނެތި ވިޔަފާރި ކުރާ އެތައް ބިދޭސީންނެއް އުޅޭއިރު، އިމިގްރޭޝަނުން އަންނަނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެކި ސަރަހައްދުތަކުގައި ރެއިޑު އޮޕަރޭޝަންތައް ހިންގަމުންނެވެ.
އޭގެއިތުރަށް، އިމިގްރޭޝަނުން ދަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް، އެ މީހުން ގާނޫނުގެ ތެރެއަށް ވެއްދުމާއި، ގާނޫނުގެ ދަށުން އެ މީހުންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އެ މީހުން ލައްވައި ނުގަވާއިދުން މަސައްކަތް ކުރުވާ ފަރާތްތަކަށް ފިޔަވަޅު އެޅުން ވެސް ހިމެނެއެވެ.
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސްއިން ވަނީ އިއްޔެ ހަވީރު ހުޅުމާލެ ފޭސް 1 ގައި ހުންނަ "ރަށު މާރުކޭޓު" ގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. އެގޮތުން، މި އޮޕަރޭޝަނުގައި… pic.twitter.com/G5piyyX5ad
— Maldives Immigration (@ImmigrationMV) July 3, 2025
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ވަނީ ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ އަދަދާއި އެ މީހުންގެ މައުލޫމާތު އެއްކުރުމުގެ ގޮތުން އެ މީހުންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުންފަދަ މުހިއްމު މަސައްކަތްތަކެއް ކުރަން ފަށާފައެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން މިހާތަނަށް 7،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޑީޕޯޓްކޮށްލެވިފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.