Advertisement
ކ. މާލެ
|
12 ޖުލައި 2025 | ހޮނިހިރު 13:14
އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން
އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން
އިމިގްރޭޝަން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ
ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި
ދިލްބަހާރު މަގުގައި ހިމެނޭ ގިނަ އަދަދެއްގެ ވިޔަފާރިތައް ބަލާފައިވޭ
ގަވައިދާ ހިލާފަށް އުޅެމުންދިޔަ 31 ބިދޭސީން ބެލުމުގެ ދަށަށް ގެނެސްފައިވޭ
ރާއްޖޭގައި ހުއްދަ ނެތި ވިޔަފާރި ކުރާ އެތައް ބިދޭސީންނެއް އުޅޭ

މާލޭގައި ބިދޭސީންގެ ނުފޫޒު ވަރަށް ބޮޑަށް އޮތް ކަމަށް ބެލެވޭ ވިޔަފާރި ހިންގާ ތަންތަން ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ، މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 9 ވަނަ ދުވަހު ކަމަށާއި، މިއޮޕަރޭޝަންގައި ބަލާ ފާސްކޮށްފައިވަނީ ބިދޭސީންގެ ނުފޫޒު ބޮޑު ކަމަށް ބެލެވޭ ވިޔަފާރިތައް ކަމަށެވެ.

އިމިގްރޭޝަނުން ބުނީ، މާލޭގެ ދިލްބަހާރު މަގުގައި ހިމެނޭ ގިނަ އަދަދެއްގެ ވިޔަފާރިތައް ބަލާފައިވާ ކަމަށާއި، މި ސަރަހައްދާ ގުޅޭގޮތުން ގިނަ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ 31 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ރާއްޖޭގައި ހުއްދަ ނެތި ވިޔަފާރި ކުރާ އެތައް ބިދޭސީންނެއް އުޅޭއިރު، އިމިގްރޭޝަނުން އަންނަނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެކި ސަރަހައްދުތަކުގައި ރެއިޑު އޮޕަރޭޝަންތައް ހިންގަމުންނެވެ.

އޭގެއިތުރަށް، އިމިގްރޭޝަނުން ދަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް، އެ މީހުން ގާނޫނުގެ ތެރެއަށް ވެއްދުމާއި، ގާނޫނުގެ ދަށުން އެ މީހުންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އެ މީހުން ލައްވައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރުވާ ފަރާތްތަކަށް ފިޔަވަޅު އެޅުން ވެސް ހިމެނެއެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ އަދަދާއި އެ މީހުންގެ މައުލޫމާތު އެއްކުރުމުގެ ގޮތުން އެ މީހުންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުންފަދަ މުހިންމު މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން މިހާތަނަށް 7،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޑީޕޯޓްކޮށްލެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

- ކޮމެންޓް