ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުސްކޮށް އޮންނަ ވޯޓާ ތީމް ޕާކު ސަރަހައްދުން ރޭ ފެނުނު މަރުވެފައިވާ މީހާއަކީ ގެއްލިގެން ހޯދަމުންދިޔަ ބިދޭސީއެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މަރުވެފައިވާ މީހާގެ ހަށިގަނޑު ފެނުމާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށާފައިވަނީ ރޭ އިރާކޮޅުގައެވެ. މަރުވެފައި އޮތް ފިރިހެނާގެ ހަށިގަނޑު އޮތީ ކުނިވެފައި ކަމަށާއި، މިވަގުތާ ހަމައަށްވެސް އޭނާއަކީ ކާކުކަން ކަށަވަރުކުރެވިފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހަށިގަނޑަކީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީއެއްގެ ހަށިގަނޑު ކަމަށް ބެލެވޭކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ، ނުވަތަ ކޮން ކުންފުންޏެއްގައި މަސައްކަތްކުރި މީހެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދިޔައީ ނޭޕާލް ރައްޔިތެކެވެ. ނަމަވެސް މިކަން ފުލުހުން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ މާލޭ ސަރަހައްދުން ގޮތް ނޭނގޭ މަރުތައް ފަހަކަށް އައިސް އިތުރުވަމުން އަންނަކަމެވެ. މިފަދަ ބައެއް މައްސަލަތަކުގައި ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދައިގެން ފުލުހުން ތަހުގީގުކޮށްފައިވީ ނަމަވެސް، މި ތަހުގީގުތަކާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ އިތުރު މައުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.