ކ. މާލެ
|
3 ޖޫން 2024 | ހޯމަ 09:17
ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް އިރުޝާދު ދެމުން އަންނަ ޓާޒިކް
ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް އިރުޝާދު ދެމުން އަންނަ ޓާޒިކް
ރޮއިޓާސް
ބޮރޫޝިއާ ޑޯޓްމަންޑު
ހުސްއަތާ ނިންމާލަން ޖެހުނު ނަމަވެސް، ޓާޒިކް ހުރީ ފަޚުރުވެރިކަމާއެކު!
އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ޑޯޓްމަންޑުން ނިންމާލަން ޖެހުނީ ވަރަށް ބޮޑެތި ގޮންޖެހުން އަދި އުނދަގޫތަކެއް ކުރިމަތިވި ސީޒަނެއް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވެ، ހުސް އަތާ ނިންމާލަން ޖެހުނު ނަމަވެސް، ފަޚުރުވެރިކަމާއެކު ހުރި ކަމަށް، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް އިރުޝާދު ދެމުން އަންނަ އެޑިން ޓާޒިކް ބުނެފި އެވެ.

އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ޑޯޓްމަންޑުން ރަނގަޅަށް ކުޅުނު ނަމަވެސް، ރެއާލް މެޑްރިޑާ ދެކޮޅަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ނުހިފުނެވެ. ދެ ވަނަ ހާފުގައި ރެއާލުން ޖެހި ދެ ލަނޑާއެކު އެ ޓީމުން މެޗު ކާމިޔާބު ކުރިއިރު، މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޑޯޓްމަންޑު ބަލިވި ދެ ވަނަ ފަހަރެވެ.

އެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓާޒިކް ބުނީ، ޗެމްޕިއަންސް ލީގުގެ ފައިނަލުން ޑޯޓްމަންޑު ބަލިވެއްޖެ ކަމަަށާއި، ނިންމާލަން ޖެހުނީ ހުސް އަތާ ކަމަށެވެ. އެހެން ނަމަވެސް، ޑޯޓްމަންޑުގެ ކުޅުންތެރިން އަދި ޓީމު ކުރި މަސައްކަތާއި، ދެއްކި ހިތްވަރާ މެދު ފަޚުރުވެރިވާ ކަމުގައި ވެސް ޓާޒިކް ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ފާއިތުވެގެން ދިޔަ 12 މަސް ދުވަހާ ދޭތެރޭގައި ވިސްނައި، އެ މުއްދަތު އެނަލައިޒް ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެހެން ނަމަވެސް، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ޑޯޓްމަންޑުން ނިންމާލަން ޖެހުނީ ވަރަށް ބޮޑެތި ގޮންޖެހުން އަދި އުނދަގޫތަކެއް ކުރިމަތިވި ސީޒަނެކެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން އެނގި ހާމަވެގެން ދިޔައީ، ޑޯޓްމަންޑުގައި އޮތް ޓީމާއެކު ކުރެވިދާނެ ކަންތައްތަކާއި، ޙާސިލު ކުރެވިދާނެ ކަންތައްކަމުގަައި ކަމަށް ޓާޒިކް ދެކެ އެވެ. އެކަމުގެ ފުރިހަަމަ މިސާލެއް ފެނުނުކަން ފާހަގަކުރަމުން ޓާޒިކް ބުނީ، މާދަމާ އިން ފެށިގެން ވެސް، މިހާރަށްވުރެ ބޮޑު ޢަޒުމެއްގައި، ތިބި ހިސާބުގައި ދެމި ތިބެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މެޗުގައި ޑޯޓްމަންޑުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، އެ ކުޅުމާމެދު ހިތްހަމަ ޖެހިގެން ހުރި ކަމަށް ޓާޒިކް ބުންޏެވެ. އޭނާ ފާހަގަ ކުރި ގޮތުގައި 15 ވަނަ ފަހަރަށް، ރެއާލުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރީ ކިހިނެއްކަން ވެސް އިޙުސާސް ކުރެވޭ ކަމަށެވެ. އެގޮތުން ރެއާލް އަކީ މުބާރާތުގެ ތަޖުރިބާާ އިންތިހާ އަށް އޮތް ޓީމެއް ކަމަށާއި، ނަފްސާނީ ގޮތުން އަދި ހުރިހާ ގޮތަކުން އެ ޓީމު ވަރުގަދަ ވާނެ ކަމުގައި ޓާޒިކް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޓާޒިކް ބުނީ ދެން ވެސް އޭނާ މަސައްކަތް ކުރާނީ ޑޯޓްމަންޑު ގޮވަައިގެން ކުރިއަށް ދާން ކަމަށާއި، މިވީހާތަނަށް ބަލާއިރު އެ ޓީމަށް ކުރިއަށް ދެވޭނެކަން ސާބިތުކޮށްދީފައިވާނެ ކަމަށެވެ. އެހެންކަމުން އަލުން ޓީމު ރުކުރަވާލައިގެން އަންނަ ސީޒަނަށް ނިކުންނާނީ ވަރުގަދަ ޢަޒުމެއްގައި ކަމަށް ވެސް އޭނާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް