ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން އެ ޓީމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި އެއްވުމުގެ ތެރެއިން ދެ މީހަކު މަރުވެއްޖެ އެވެ.
ޕީއެސްޖީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އުފާ ފާޅު ކުރުމަށް އެ ކުލަބުން ވަނީ ބަސް ޕެރޭޑެއް ބާއްވައިފަ އެވެ. އާދީއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެ ޕެރޭޑުގައި ވަނީ ޕީއެސްޖީގެ އެތައް ހާސް ސަޕޯޓަރުންނެއް ބައިވެރިވެފަ އެެވެ
ފުލުހުން ބުނެފައިވާ ގޮތުގައި އެ ޕެރޭޑުގެ ތެރެއިން ވަނީ ދެ މީހަކު މަރުވެފަ އެވެ. ނަމަވެސް އެކަމާ ޕީއެސްޖީގެ ޕެރެޑާ ގުޅުމެއް އޮތް ކަމަށް ނުބެލެވޭ ކަމުގައި ވެސް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ އެ ތަނުން އެކަކު މަރުވެފައި ވަނީ ވަޅިން ދިން ހަމަލާއެއްގައި ކަމަށެވެ. އަދި އަނެކަކު މަރުވެފައި ވަނީ ދުއްވާފައި ދިޔަ ކާރެއްގައި ޖެހިގެން ކަމަށާއި، އޭރު މަރުވި ޒުވާނާ އިނީ ސައިކަލު ދުއްވަން ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
މީގެ އިތުރުން ފުލުހުން ވަނީ އެ ބަސް ޕެރޭޑުގައި 200 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓު ވެސް ލިބިފައިވާ ކަމަށެވެ. އަދި ބަސް ޕެރޭޑު ކުރިއަށް ދިޔަ ވަގުތު ހިނގައި ދިޔަ ކަންކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެ އެވެ.
ޕީއެސްޖީ އިން މި ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައި ވަނީ ފައިނަލްގައި އިންޓަރ މިލާންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ބަޔާންގެ މިއުނިކްގެ ދަނޑު، އަލިއާންޒް އެރީނާގައި ކުޅުނު ފައިނަލް މެޗު ޕީއެސްޖީ އިން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިހާާތަނަށް އެންމެ ތަފާތު ބޮޑު ނަތީޖާ އަކުން ޓީމެއް މޮޅުވި ފަހަރެވެ.
މި ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާ އެކު، ޕީއެސްޖީ އިން ވަނީ މި ސީޒަންގައި ހަތަރު ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ފްރާންސް ލީގު، ފްރާންސް ކަޕް، ފްރާންސް ސުޕަ ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގެވެ. މީގެ އިތުރުން ޔުއެފާ ސުޕަ ކަޕްގެ ފައިނަލްގައި ޓޮޓެންހަމާ ދެކޮޅަށް ޕީއެސްޖީ ނިކުންނައިރު، އެ މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް އެ ޓީމަށް އެބަ އޮތެވެ.