ކ. މާލެ
|
2 ޖުލައި 2025 | ބުދަ 11:16
މެޗުގައި ލަނޑު ޖެހުމަށް ފަހު ޑޯޓްމަންޑުގެ ގުރާސީ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ޑޯޓްމަންޑުގެ ގުރާސީ އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ފީފާ ކްލަބް ވާރލްޑް ކަޕް 2025
ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް
މޮޅާއެކު ޑޯޓްމަންޑް އިން މުބާރާތުގެ ކުއާޓަރ ފައިނަލްގެ ޖާގަ ހޯދާފައިވާއިރު، ކުއާޓަރ ފައިނަލްގައި އެ ޓީމު ނިކުންނާނީ ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.
f

މިހާރު ކުރިއަށްދާ ފީފާ ކުލަބު ވާރލްޑް ކަޕްގެ ގަދަ 16 ވަނަ ބުރުގައި މޮންޓަރޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އިން މުބާރާތުގެ ކުއާޓަރ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޑޯޓްމަންޑު ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެއް މެޗުންނެވެ. އަނެއް މެޗު އެއްވަރުވީއިރު، އެެއް މެޗުން ވަނީ ބަލިވެފަ އެވެ. މޮންޓަރޭ ވެސް ވަނީ އެއް މެޗުން މޮޅުވެ، އަނެއް ދެ މެޗުން އެއްވަރުވެފަ އެވެ.

ބުދަ ދުވަހުގެ ފަތިހު މޮންޓަރޭއާ ދެކޮޅަށް ކުޅުނު މެޗު ޑޯޓްމަންޑް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޑޯޓްމަންޑް އިން ވަނީ ދެ ލަނޑު ޖަހައިގެން ލީޑު ހޯދައިފަ އެވެ. ނަމަވެސް، މެޗުގެ ދެ ވަނަ ހާފުގައި މޮންޓަރޭ އިން ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ޑޯޓްމަންޑް އިން ވަނީ ލަނޑު ޖަހައި ލީޑު ނަަގައިފަ އެވެ. އެއީ ސެހްރޫ ގުރާސީ ޖެހި ލަނޑުންނެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ކަރިމް އަޑަޔޭމީ އެވެ. އޭގެ ދިހަ މިނެޓު ފަހުން ގުރާސީ ވަނީ އިތުރު ލަނޑެއް ޖަހައި ޑޯޓްމަންޑުގެ ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ވެސް އޭނާ ޖެހީ އަޑަޔޭމީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގައި ލަނޑު ޖެހުމަށް މޮންޓަރޭ އިން ކުރި މަސައްކަތް ކާމިޔާބު ކުރެވުނީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޖާމަން ބެޓަރާމޭ އެވެ. އޭނާ އެ ލަނޑު ޖެހީ އެރިކް އަގިރޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މޮޅާއެކު ޑޯޓްމަންޑް އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދާފައިވާއިރު، ކުއާޓަރ ފައިނަލްގައި އެ ޓީމު ނިކުންނާނީ ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

- ކޮމެންޓް