ކ. މާލެ
|
6 ޖުލައި 2025 | އާދީއްތަ 08:55
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ފީފާ ކުލަބު ވާރލްޑް ކަޕް 2025
ޑޯޓްމަންޑުގެ މައްޗަށް ކުރި ހޯދައި ރެއާލް ސެމީ ފައިނަލަށް
މުބާރާތުގެ ސެމީ ފައިނަލްގައި ރެއާލް ނިކުންނާނީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށެވެ.
f

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވާރލްޑް ކަޕްގެ ކުއާޓރ ފައިނަލްގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުގެ މައްޗަށް ކުރި ހޯދައި، ސްޕެއިންގެ ރެއާލް މެޑްރިޑް އިން މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗު ރެއާލް އިން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ފަހު ހާފުގަ އެވެ. ޑޯޓްމަންޑުން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފަހު ހާފުގަ އެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލްގެ ފުރުސަތު ރެއާލް އިން ހޯދީ، ގަދަ 16 ވަނަ ބުރުގައި އިޓަލީގެ ޔުވެންޓަސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި ޑޯޓްމަންޑުން ވަނީ ގަދަ 16 ވަނަ ބުރުގައި މޮންޓަރޭގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ރެއާލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ގޮންޒާލޯ ގާސިއާ އެވެ. އެއީ އާޑާ ގުލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ ދިހަ މިނެޓު ފަހުން ރެއާލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ފްރާން ގާސިއާ އެވެ. އެއީ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ބާކީ ލަނޑުތައް ފެނުނީ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. އިތުރު ވަގުތުގައި ޑޯޓްމަންޑުން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހި އެވެ. އެ ލަނޑު ޖަހައިިދިނީ މެކްސިމިލިއަން ބެއިއާ އެވެ. އޭގެ ފަހުން ރެއާލް އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ.

މެޗުގައި ޑޯޓްމަންޑުގެ ދެ ވަނަ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީ އެއް ކާމިޔާބު ކޮށްގެން ސާހޯ ގުރާސީ ޖެހި ލަނޑެކެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ރެއާލް ނިކުންނާނީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށެވެ.

- ކޮމެންޓް