މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް، ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ އޮސްމާން ޑެމްބެލޭ ހޮވިއްޖެ އެވެ.
ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިޔަކަށް ޑެމްބެލޭ ހޮވާފައި ވަނީ، ޔުއެފާގެ ޓެކްނިކަލް އޮބްޒާވާ ގުރޫޕުންނެވެ. ޔުއެފާގެ ޓެކްނިކަލް އޮބްޒާވާ ގުރޫޕުން ބުނެފައި ވަނީ ޗެމްޕިއަންސް ލީގުގައި އަށް ލަނޑު ޖެހުމުގެ އިތުރުން، ޑެމްބެލޭ ވެގެން ގޮސްފައި ވަނީ ޕީއެސްޖީގެ ލީޑަރަށެވެ.
ޚާއްސަކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލްގަައި އިންޓަރ މިލާނާ ދެކޮޅަށް ޑެމްބެލޭ ދެއްކި ކުޅުން އެ ގުރޫޕުން ވަނީ ފާހަގަ ކޮށްފަ އެވެ. މީގެ އިތުރުން ޑެމްބެލޭ ވަނީ އޭނާގެ ހުށިޔާރު ކަމާ އެކު، އިދިކޮޅު ޓީމު ތަކަށް ނުތަނަވަސްކަން ކުރިމަތި ކުރުވައި، މެދު ތެރެއިން ޓީމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދީފައި ކަމަށް ބުނެފައިވެ އެވެ.
އުމުރުން 29 އަހަރުގެ ޑެމްބެލޭ އަކީ ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު އެ ޓީމުގައި އެންމެ އިސް ދައުރެއް އަދާ ކުރި އެއް ކުޅުންތެރިޔާ އެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އޭނާ އަކީ ޕީއެސްޖީ އަަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ.
ޚާއްސަކޮށް ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗާއި، ސްޓަޓްގާޓާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ހެދި ހެޓްރިކާއި، އާސެނަލް އަދި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ޑެމްބެލޭ ދެއްކި ކުޅުން ފާހަގަކުރެވެ އެވެ.
ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުމުން ޑެމްބެލޭ ބުނެފައި ވަނީ، ވަރަށް ކުޑައިރުއްސުރެ ފުޓުބޯޅަ ކުޅެން ފެށި ކަމަށާއި، އެހާ ހިސާބުން ވެސް ހުވަފެން ދެކެމުން އައި ޗެމްޕިއަންސް ލީގުގައި ކުޅުމަށް ކަމަށެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެވުމަކީ އުފަލެއް ކަމަށާއި، ފައިނަލުން މޮޅުވެ މުބާރާތް ކާމިޔާބު ކުރެވުމަކީ އެއަށް ވުރެ ބޮޑު އުފަލެއް ކަމަށް ވެސް ޑެމްބެލޭ ބުންޏެވެ.
މީގެ އިތުރުން ޑެމްބެލޭ ބުނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ ޤަބޫލު ވެސް ކުރަން ދަތި އިޙުސާސެއް ކަމަށެވެ. އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ޕީއެސްޖީ އާއެކު ކުރެވުނު ދަތުރާ މެދު ފަޚުރުވެރިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް އޭނާގެ މުޅި ކެރިއަރުގައި ވެސް ކުރެވުނު ހުރިހާ މަސައްކަތަކާ މެދު ޑެމްބެލޭ ފަޚުރުވެރިވެ އެވެ.
ޑެމްބެލޭ ވަނީ މި ސީޒަންގައި ޕީއެސްޖީ ގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ މި ސީޒަންގައި ޕީއެސްޖީ އަށް ކުޅެދިން 54 މެޗުގައި އޭނާ ވަނީ 35 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން 13 ލަނޑު ޖެހުމަށް އޭނާ ވަނީ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ފްރާންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ވެސް ހޯދީ ޑެމްބެލޭ އެވެ. ޕީއެސްޖީ އާއެކު އޭނާ ވަނީ މި ސީޒަންގައި ހަތަރު ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ފްރާންސް ލީގު، ފްރާންސް ކަޕް، ފްރާންސް ސުޕަ ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގެވެ.