ކ. މާލެ
|
22 މެއި 2024 | ބުދަ 22:02
އެމެރިކާގެ ރައީސް ޖޯ ބައިޑެން
އެމެރިކާގެ ރައީސް ޖޯ ބައިޑެން
ރޮއިޓާސް
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
ފަލަސްތީނަށް މިނިވަންކަން ލިބެންވާނީ މަޝްވަރާ ކޮށްގެން، ވަކި ވަކި ގައުމުތަކުން ފަލަސްތީން ބަލައިގަނެގެންނެއް ނޫން: އެމެރިކާގެ ރައީސް
 
ރައީސް ބައިޑަން އަކީ އިޒްރޭލާ ފަލަސްތީން ވަކި ދެ ދައުލަތުގެ ގޮތުގައި އޮތުމަށް އަބަދުވެސް ތާއީދު ކުރައްވާ ފަރާތެއް

އެމެރިކާގެ ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި ފަލަސްތީނަށް މިނިވަންކަން ލިބެންވާނީ މަޝްވަރާ ކޮށްގެން ކަމަށާއި، ވަކި ވަކި ގައުމުތަކުން ފަލަސްތީން ބަލައިގަނެގެންނެއް ނޫން ކަމަށް ބުދަ ދުވަހު ވައިޓް ހައުސް އިން ބުނެފިއެވެ.

ފަލަސްތީނަށް މިނިވަންކަން ލިބުމާ މެދު އެމެރިކާގެ ރައީސް ދެކެވަޑައިގަންނަވާ ގޮތް ވައިޓް ހައުސް އިން މި ހާމަކުރީ ވިލާތުގެ އިއްތިހާދުގެ 3 ގައުމު ކަމަށްވާ އަޔަލެންޑާއި ސްޕެއިނާއި ނޯވޭ އިން ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާ ކަމަށް އެ ގައުމުތަކުން ބުދަ ދުވަހު ހާމަ ކުރުމާ ގުޅިގެން އެކަމާ ވައިޓް ހައުސް އިން ހިތްހަމަ ނުޖެހުން ފާޅު ކުރުމުގެ ގޮތުން ކަމަށް ބެލެއެވެ.

ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ވިދާޅުވީ، ރައީސް ބައިޑަން އަކީ އިޒްރޭލާ ފަލަސްތީން ވަކި ދެ ދައުލަތުގެ ގޮތުގައި އޮތުމަށް އަބަދުވެސް ތާއީދު ކުރައްވާ ފަރާތެއް ކަމަށާއި، އެހެން ނަމަވެސް އެކަން ހާސިލް ކުރަން ޖެހޭނީ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާކޮށް ނިންމާ ގޮތެއްގެ މަތިން ކަމަށް ބައިޑަން ދެކެވަޑައިގަންނަވާ ކަމަށް.

އެމެރިކާގެ ރައީސް މިކަމުގައި ދެކެވަޑައިގަންވާ ގޮތް ހާމަ ކުރެއްވި އިރު އެމެރިކާ އިން ދެކޭ ދެ ދައުލަތުގެ ހައްލު ހޯދުމަށް ކުރި މަސައްކަތުން މިހާތަނަށް އެއްވެސް ނަތީޖާ އެއް ފެނިފައެއް ނުވެއެވެ.

އެމެރިކާގެ ވިސްނުމަކީ އެ ގައުމު އިސްވެ އޮވެ މެދު އިރުމަތީގެ ސުލްހައިގެ އެއްބަސްވުމެއް އެމެރިކާ އާއި ސައުދީ އަރަބިއްޔާ އިސް ދައުރެއް އަދާ ކުރާ ގޮތައް އެކުލަވާލުމެވެ. އެ އެއްބަސްވުމުގެ ދަށުން ސައުދީ އަރަބިއްޔާ އާއި އިޒްރޭލުގެ ގުޅުން ގާއިމް ކުރެވިގެންދާނެ ކަމަށް އެމެރިކާ އިން އަންނަނީ ފާޅުގައި ބުނަމުންނެވެ. ސައުދީ މިގޮތައް އެއްބަސްވުމަށް ހުށަހަޅާ ޝަރުތެއް ކަމަށް ބެލެވިފައި އޮތީ ގާޒާ އިން އިޒްރޭލް ސިފައިން ފޭބުމާއެކު ހަނގުރާމަ ހުއްޓާލާ ފަލަސްތީންގެ މިނިވަންކަމަށް މަގު ފަހި ކުރުމެވެ. އެހެން ނަމަވެސް މިކަންކަމަކީ އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް އަދި އެމަނިކުފާނުގެ ކަނާތުފިޔައިގެ ކޯލިޝަން ސަރުކާރަށް އެއްބަސްވެވޭނެ ކަންކަމަށް ނުވާނެ ކަމަށްވެސް މެދު އިރުމަތީގެ ސިޔާސީ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް